ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ތިނެއްގައި ރޭ ކުޅުނު މެޗުތަކުން ބ. އޭދަފުށިން މޮޅެއް ހޯދި އިރު، ޅ. ކުރެންދޫން ކ. ގާފަރު ހިފަހައްޓައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ތިނެއްގެ ކުޅުން ރޭ ފަށާފައިވާ އިރު، އެ ޒޯނުގައި ވާދަކުރަނީ ބ. އަތޮޅު ޗެމްޕިއަން އޭދަފުއްޓާއި ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫގެ އިތުރުން ކ. އަތޮޅުގެ ޗެމްޕިއަން ގާފަރާއި އެ އަތޮޅުގެ ރަނަރަޕް މާފުއްޓެވެ.

ރޭ އޭދަފުށިން މާފުށި ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އޭދަފުއްޓަށް ހަމައެކަނި ގޯލް ޖަހައިދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ.

އެ ޒޯނުގެ އަނެއް މެޗުގައި ކުރެންދޫން ގާފަރާ އެއްވަރުވީ 1-1 އިންނެވެ. އެމެޗުގައި ގާފަރުގެ ގޯލް ޖަހައިދިނީ ޝަނާން ރަޝާދެވެ. ކުރެންދޫގެ ގޯލް ޖަހައިދިނީ އަލީ އިބްރާހީމެވެ.

ގަމާއި ތިމަރަފުށި އެއްވަރު، އިސްދުއާއި ކިނބުދުއަށްވެސް ޕޮއިންޓެއް

ރޭ ވަނީ ޒޯން ހައެއްގެ ފުރަތަމަ މެޗުތައްވެސް ކުޅެފައެވެ. އެގޮތުން އެ ޒޯންގައި ހިމެނޭ ލ. އަތޮޅުގެ ޗެމްޕިއަން އިސްދޫން ތ. އަތޮޅުގެ ރަނަރަޕް ކިނބިދުއާ އެއްވަރުވީ 1-1 އިންނެވެ. ކިނބިދޫގެ ގޯލް ޖަހައިދިނީ މުބާރާތުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ މުހައްމަދު ޝިފާއުއެވެ. އިސްދޫގެ ގޯލް ޖަހައިދިން އަލީ ހުމޭޒެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްދޫގެ ގޯލްކީޕަރު ވިސާމް އަބްދުﷲއެވެ.

އެ ޒޯންގެ އަނެއް މެޗުގައި ކުރީގެ ދެ ޗެމްޕިއަނުން ކަމަށް ގަމާއި ތިމަރަފުށި ވާދަކުރި މެޗު ނިމުނީ ގޯލެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ދެޓީމުންވެސް ހަމަލާތައް ގިނަކޮށް ފެނުނު އިރު، ކީޕަރުން ވަނީ މޮޅަށް ކުޅެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ތިމަރަފުށީގެ ގޯލްކީޕަރު ސައިފް އަލީއެވެ.

ގަމާއި ތިމަރަފުށި ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިރޭ އޮންނަ މެޗުތައް

20:00 ހއ. މާރަންދޫ - ހދ. ނޮޅިވަރަންފަރު (ޒޯން 1)

20:00 ހދ. ނައިވާދޫ - ހއ. ކެލާ (ޒޯން 1)

21:00 ށ. ކަނޑިތީމް - ނ. މާޅެންދޫ (ޒޯން 2)

21:00 ށ. ފޯކައިދޫ - ރ. ދުވާފަރު (ޒޯން 2)

22:00 ވ. ކެޔޮދޫ - އއ. މަތިވެރި (ޒޯން 4)

22:00 އދ. އޮމަދޫ - އދ. މަހިބަދޫ (ޒޯން 4)