ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ހދ. އަތޮޅުގެ ސެމީ ފައިނަލް ފުރަތަމަ ޖާގަތައް ނޮޅިވަރަންފަރާއި ނައިވާދޫން ހޯދި އިރު، ހއ. އަތޮޅުން މުރައިދުއާއި ކެލާވެސް އަތޮޅު ސެމީ ޔަގީން ކޮށްފިއެވެ.

އިއްޔެ ހަވީރު ހދ. އަތޮޅުގެ މެޗުތައް ކުޅެފައިވާ އިރު، ގްރޫޕް އޭގައި ނޮޅިވަރަމުން މަކުނުދޫ ބަލިކުރީ 10-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނޮޅިވަރަމުގެ ގޯލްތައް ޖެހީ ހަމްޒާ އަބޫބަކުރާއި ހުސައިން ވަސީމްގެ އިތުރުން އަލީ ރާއިފް އާދަމް ސައީދާއި ހުސައިން އީސައެވެ. ހަމްޒާ ފަސް ގޯލް ޖެހި އިރު، ވަސީމާއި ރާއިފް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއެވެ.

މަކުނުދޫގެ ގޯލްތައް ޖެހީ ކިނާން އިސްމާއީލާއި މުހައްމަދު އަޝްފާގު އަދި އާދަމް އައިކް އަހުމަދެވެ.

ނޮޅިވަރަމުން އިއްޔެ މޮޅުވި ނަމަވެސް، އެޓީމަށް އަތޮޅު ސެމީގެ ފުރުސަތު ގެއްލުނީ އެ ގްރޫޕުގައި ހަނިމާދުއާއި ނޭކުރެންދޫ އިއްޔެ ކުޅުނު މެޗު އެއްވަރުވުމުންނެވެ. އެ މެޗު 0-0 އިން އެއްވަރުވުމާއެކު އެ ގްރޫޕުން ނޮޅިވަރަންފަރަށް އަތޮޅު ސެމީ ޔަގީންވެފައިވާ އިރު، ނޭކުރެންދުއަށް އޮތީ އުންމީދު ބޮޑު ކޮށެވެ.

ނޮޅިވަރަންފަރަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ނޭކުރެންދުއަށް ތިން މެޗުް ހަތް ޕޮއިންޓް ލިބިފައިވެއެވެ. ހަނިމަދޫއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ނޮޅިވަރަމަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. މަކުނުދޫ ނިންމާލީ ހަތަރު މެޗުން ޕޮއިންޓެއް ނުލިބިއެވެ.

އެ ގްރޫޕުން ހަނިމާދުއާއި ނޭކުރެންދުއަށް ފުރުސަތު އޮތް އިރު، ހަނިމާދުއަށް އޮތީ އެޓީމުގެ ފަހު މެޗުގައި ތަފާތު ބޮޑުކޮށް މޮޅުވުމެވެ. އެހެންނަމަވެސް އަމިއްލަ ބާރެެއް ނެތެވެ. ނޭކުރެންދޫން ނޮޅިވަރަންފަރާ ދެކޮޅަށް ކުޅޭ މެޗުން ނޭކުރެންދޫ މޮޅުވެއްޖެނަމަ، ހަނިމާދުއަކަށް ފުރުސަތެއް ނޯންނާނެއެވެ.

އެ އަތޮޅު ގްރޫޕް ބީން ނައިވާދޫ އަތޮޅު ސެމީ ޔަގީންކުރީ އިއްޔެ ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ތިން މެޗުން ނުވަ ޕޮއިންޓާއެކު ނާވައިދޫ އޮތް އިރު، އެޓީމުން އިއްޔެ ނެއްލައިދޫ ބަލިކުރީ 3-2 އިންނެވެ. ނައިވާދޫގެ ގޯލްތައް ޖެހީ މުހައްމަދު އަސްލަމާއި އަބްދުﷲ ވިސާމްގެ އިތުރުން ހުސައިން މައިޝަންއެވެ. ނެއްލައިދޫގެ ގޯލްތައް މެޗުގައި ޖެހީ އަހުމަދު ރީހާނާއި މުހައްމަދު ނިޝާލްއެވެ.

ނައިވާދޫގެ މައިޝަން ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

އެ ގްރޫޕްގެ އަނެއް ޖާގައަށް ފޯރިގަދަވެފައިވާ އިރު، ފުރުސަތު ނެތީ މިހާރު ނެއްލައިދުއަށެވެ. ދެވަނައިގައި ފިނޭ، ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް އިރު، ކުމުންދުއާއި ވައިކަރަދުއަށްވެސް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވެއެވެ.

އިއްޔެ ވައިކަރަދޫން ކުމުންދޫ ބަލިކުރީ 3-1 އިންނެވެ. އެ މޮޅާއެކު އުންމީދު ހޯދާފައިވާ އިރު، އެމެޗުގައި ކުމުންދޫގެ ގޯލް ޖެހީ ފަހުމާން އަބްދުލް ހަމީދެވެ. ވައިކަރަދޫގެ އަހުމަދު އަނީސް ދެ ގޯލް ޖެހި އިރު، ދެން އަނެއް ގޯލް ޖެހީ އަލީ އަބްދުﷲއެވެ.

ހއ. އަތޮޅުގެ ހަތަރު މެޗެއް ރޭ ކުޅެފައިވާ އިރު، ގްރޫޕް އޭއިން އަތޮޅު ސެމީ ފައިނަލްގެ ދެވަނަ ޖާގަ ކެލައިން ހޯދީ ބާރަށް ކައިރިން 2-1 އިން މޮޅުވެގެންނެވެ. ކެލާގެ ގޯލްތައް އެމެޗުގައި ޖަހައިދިނީ އަހުމަދު ޝަފަގާއި އަހުމަދު ވަހީދެވެ. ބާރަށުގެ ގޯލް ޖަހައިދިނީ މުހައްމަދު މާއިޒް ޔޫސުފެވެ.

ކެލާގެ ގޯލަކަށްފަހު ޝަފަގް އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ ގްރޫޕުން ފިއްލަދޫ ސެމީ ޔަގީންކޮށްފައި އޮތް އިރު، އެޓީމަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވެއެވެ. ކެލައިން ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކުރި އިރު، ބާރަށާއި ތުރާކުނަށްވެސް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ހޯރަފުއްޓަށް އަދި ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރޭ ތުރާކުނުން ހޯރަފުށި ބަލިކުރީ 3-2 އިންނެވެ. ތުރާކުނުގެ ގޯލްތައް ޖަހައިދިނީ އިސްމާއީލް ޝަފީއާއި އަހުމަދު ހުޝާމްގެ އިތުރުން މުހައްމަދު ސަމީހެވެ. ހޯރަފުށީގެ ދެ ގޯލްވެސް ޖެހީ އަބްދުﷲ ޔާމީން (ޔާނު) އެވެ.

އެ އަތޮޅު ގްރޫޕް ބީގައި މުރައިދޫން މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ އިރު، ރޭ މުރައިދޫން އުތީމު ބަލިކުރީ 3-1 އިންނެވެ. މުރައިދޫގެ ގޯލްތައް ޖަހައިދިނީ އައިރޫން އަހުމަދު ރަޝީދާއި އަހުމަދު ނައުފަލްގެ އިތުރުން އުފާލް އަބްދުﷲއެވެ.

އުތީމުގެ ހަމައެކަނި ގޯލް ޖަހައިދިނީ ރިޝްވާން އިބްރާހީމް ރަޝީދު މޫސާއެވެ.

އެ އަތޮޅުގެ ގްރޫޕް ބީގެ ދެވަނައިގައި މިވަގުތު ވަށަފަރު އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި މާރަންދޫ، ތިން މެޗުން ހަތަރު ޕޮއިންޓާއެކު އޮތް އިރު، މިވަގުތު ކަޓާފައި އޮތީ ދިއްދުއާއި އުތީމެވެ. މާރަންދުއާއި މުރައިދޫ ކުޅެން އޮތް އިރު، މާރަންދުއަށް ދެން އަމިއްލަ ބާރެއް ނެތެވެ. ވަށަފަރުން އެޓީމުގެ ފަހު މެޗުގައި ނުކުންނާނީ އުތީމާ ދެކޮޅަށެވެ.

ކަނޑިތީމާއި ފުނަދުއަށް ގްރޫޕްގެ އެއްވަނަ

ކަނޑިތީމުގެ ހާމް ގޯލަށްފަހު އުފާފާުޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ށ. އަތޮޅު، ގްރޫޕް ސްޓޭޖު ރޭ ނިމިފައިވާ އިރު، ރޭގެ މެޗުތަކަށް ނުކުތް އިރުވެސް އަތޮޅު ސެމީ ފައިނަލަށް ދާ ޓީމުތައް އޮތީ ކަށަވަރު ވެފައެވެ. ގްރޫޕްތަކުގެ އެއްވަނަ ޔަގީންކުރުމަށް ކުޅުނު މެޗުތަކަށް ބަލާ އިރު، އެންމެފަހުގެ ޗެމްޕިއަން މިލަންދޫ ކައިރިން ފުނަދޫ މޮޅުވީ 2-1 އިންނެވެ.

ފުނަދޫގެ ހަސަން އާދިލް ގޯލް ޖެހި އިރު، އަނެއް ގޯލަކީ އިބްރާހީމް ޒާހީ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. މިލަންދޫގެ ގޯލް ޖެހީ އަހުމަދު ސިޔާމެވެ.

އެ ގްރޫޕުގައި ރޭ ގޮއިދުއާއި ކޮމަންޑޫ ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ ގޮއިދުއެވެ. އެމެޗަށް ނުކުތްއިރުވެސް ދެޓީމު އޮތީ ކަޓައިފައެވެ.

އަނެއް ގްރޫޕްގެ އެއްވަނަ ކަނޑިތީމުން ހޯދީ 5-0 އިން ފޯކައިދޫ ބަލިކޮށްގެންނެވެ. މެޗުގައި ކަނޑިތީމުގެ ރައުލް ނިޔާޒް ދެ ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ އިބްރާހީމް ހާމް ހަސަނާއި އާދަމް ތައުފީގުގެ އިތުރުން އިބްރާހީމް ނަދާދެވެ.

އެ ގްރޫޕުގައި ރޭ މަރޮށިން ކުޅުނު މެޗުގައި ފީވަކާ އެއްވަރުވީ 3-3 އިންނެވެ.