ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅު، އަތޮޅު ބުރުގައި ކަނޑިތީމާއި އެންމެފަހުގެ ޗެމްޕިއަން މިލަންދޫ، ފުނަދޫ އަދި ފޯކައިދޫވެސް ފެށުން ރަނގަޅުކޮށްފިއެވެ.
މިފަހަރުގެ މުބާރާތުގައި ށ. އަތޮޅުން އަށް ޓީމު ވާދަކުރަމުންދާ އިރު، އަތޮޅު ބުރު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ށ. އަތޮޅު ގްރޫޕް އޭގައި އެ އަތޮޅު ޗެމްޕިއަންކަން ހަތަރު ފަހަރަށް ނަގާފައިވާ ކަނޑިތީމުން މިއަދު ކުޅުނު މެޗުގައި މަރޮށި ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
އެމެޗުގައި މަރޮށިން ހިތްވަރުކޮށް ކުޅުނު ނަމަވެސް، ފަހު ހާފުގައި ކަނޑިތީމުން ވަނީ ނަތީޖާ އަނބުރާލައިފައެވެ. މަރޮށީގެ ދެ ގޯލް ޖެހީ އިބްރާހީމް ނިޔާޒާއި ޝައިބާން އުސްމާނެވެ.
ކަނޑިތީމުގެ ރައުލް ނިޔާޒް ހެޓްރިކް ފުރިހަމަ ކުރި އިރު، އަނެއް ގޯލް ޖެހީ ކެޕްޓަން އިބްރާހީމް ނަދާދެވެ.
އެ ގްރޫޕުގައި ދެން ފީވަކާއި ފޯކައިދޫ ވާދަކުރި މެޗު ފޯކައިދޫން ކާމިޔާބުކުރީ 3-2 އިންނެވެ. މެޗުގައި ފޯކައިދޫގެ ގޯލްތައް ޖަހައިދިނީ މުހައްމަދު އިޔާން އިސްމާއީލާއި އަބްދުﷲ ރުޝްދާންގެ އިތުރުން މުހައްމަދު ސަމްހާނެވެ.
ފީވަކުގެ ގޯލްތައް މެޗުގައި ޖެހީ ހުސައިން ފާރިސްއާއި އަބްދުﷲ ރިމާހެވެ.
ށ. އަތޮޅު ގްރޫޕް ބީގައި ފުނަދޫން ކޮމަންޑޫ ބަލިކުރީވެސް 3-2 އިންނެވެ. ފޯރިގަދަ މެޗުގައި ފުނަދޫގެ އަލީ ޝައިހާން ނަސީމް ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ ހަސަން އާދިލެވެ. އަދި ފޯކައިދޫގެ ދެ ގޯލްވެސް ޖެހީ ހުސައިން ހައްމާދެވެ.
އެ ގްރޫޕުގައި އެންމެފަހުގެ އަތޮޅު ޗެމްޕިއަން މިލަންދޫން ގޮައިދޫ ބަލިކުރީ 1-0 އިންނެވެ.
ދެވަނަ ހާފުގައި މިލަންދޫގެ ހަމައެކަނި ގޯލް ޖެހީ އަހުމަދު ސިޔާމެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.
މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް