ކުޑަކުއްޖަކަށް މަސްތުވާތަކެތިދީ، އެކްސްޕްލޮއިޓްކޮށް، އެ ކުއްޖާއާމެދު ޖިންސީ އަމަލު ހިންގައި، ބްލެކްމެއިލްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު، މުޖުތަމައުގެ ތެރެއިގައި އުޅުމަށް ކުރިމިނަލް ކޯޓުން ދޫކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް 24 މޭ 2024 ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ "ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު"ގެ ދަށުން 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ. އެ މުއްދަތު ހަމަވާތީ ތުހުމަތުވާ ފަރާތް 24 ޖުލައި 2024 ގައި ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ވަނީ ނިމެންދެން ބަންދުކޮށްފައެވެ. ތުހުމަތުވާ ފަރާތުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު މުރާޖާކޮށްދިނުމަށް އެދުމުން، ކުރިމިނަލް ކޯޓުން އަމުރުކުރީ މާލޭގައި އުޅޭ ގޮތަށް ދޫކޮށްލުމަށް ނުވަތަ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ މަތިން ހެކިބަސްދޭން ތިބި މީހުންނާ މުއާމަލާތް ނުކުރުމަށާއި، ހެކީންނަށް ނުފޫޒު ނުފޯރުވުމަށާއި، އަދި އެނޫންވެސް އެހެން ޝަރުތުތަކެއް ކަނޑައަޅައި ތުހުމަތުވާ ފަރާތް ބަންދުން ދޫކޮށްލުމަށެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރު ދައުލަތުން ވަނީ 28 އޮކްޓޫބަރު 2024 ގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގައި ދައުލަތުން ވިދާޅުވީ ތުހުމަތުވާ ފަރާތް ޝަރީއަތް ނިމެންދެން ބަންދުކުރީ އެފަރާތް ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގައި ހިމެނޭ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާވުމުގެ އިހުތިމާލު އޮތުމުންނާއި އެފަދަ ކަމެއް ތަކުރާރުވުމުގެ އިހުތިމާލު އޮތްކަމަށް ފެންނާތީ އާއި އަދި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލައި ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ ކަމަށެވެ. ކުރިމިނަލް ކޯޓުން ތުހުމަތުވާ ފަރާތް ބަންދުން ދޫކޮށްލީ އެ ހާލަތުތައް ބަދަލުވުމުގެ ސަބަބުން ނޫން ކަމަށެވެ. ކުރިމިނަލް ކޯޓުން ތުހުމަތުކުރެވޭ ފަރާތް ޝަރިއަތް ނިމެންދެން ބަންދުކުރުމުން އެ އަމުރު އިސްތިއުނާފުކޮށްފައި ނުވާ ކަމަށާއި އެހެންކަމުން ފަހުން ބަންދު މުރާޖާކޮށް ދިނުމުން އެދި އަމުރާމެދު ސުވާލު އުފެއްދިގެން ނުވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
"ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލުވެސް ބޮޑު ކަމަށާއި، މައްސަލައިގެ ހެކިބަސް ދޭން ތިބީ ރަށުގައި އުޅޭ މީހުން ކަމަށާއި، އެ ރަށަކީ ކުޑަ އާބާދީއެއްގެ މައްޗަށް އެކުލެވޭ ނިސްބަތުން ކުޑަ ރަށެއްކަމަށެވެ. އަދި ބަންދުން ދޫކޮށްލިފަހުން ޝަރުތާ ހިލާފަށް ރަށަށް ގޮސްފައިވާތީ ކަން ހިނގައިދިޔަ ގޮތް ބެލިއިރު ދަށުކޯޓަށް ގުޅާފައި ރަށަށް ދިޔުމުގެ ހުއްދަ ހޯދައި ރަށަށް ގޮސްފައިވާ ކަމަށާއި ދަށުކޯޓުން ލިޔުމުން ހުއްދަ ހޯދާފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ." ދައުލަތުން ވިދާޅުވިއެވެ.
އެކަންތައްތައް ފާހަގަކޮށް ދައުލަތުން އެދުނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް ދިނުމަށެވެ.
ނަމަވެސް ތުހުމަތުވާ ފަރާތުން ބުނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ދަށު ކޯޓުގައި ދައުވާ އުފުލާފައިނުވަނީސް ކަމަށެވެ. އެ ފަރާތުން ބުނީ މި މައްސަލައިގައި ހުށަހަޅައިފައިވާ ހެކިތަކަކީ ކޮބައިކަން ދަށު ކޯޓަށް ވެސް ނޭނގޭ ކަމަށެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކުއްޖެއްކަން ކުއްޖާގެ ބަޔާނުން އެނގޭކަމަށާއި ބަޔާން ދީފައިވަނީ ފުލުހުންނާއި ޖެންޑާއިން ވަކި ގޮތަކަށް ބަޔާންދިނުމަށް މަޖުބޫރުކޮށްގެންކަން ކުއްޖާގެ ފަރާތުން ފުލުހަށް ފޮނުވި ސިޓީން އެނގޭ ކަމަށެވެ. އެހެންވެ ކުރިމިނަލް ކޯޓުގެ އަމުރު ދަމަހައްޓައިދިނުމަށް އޭނާ ވަނީ އެދިފައެވެ.
ދެފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް މައްސަލައިގެ ރައުޔުގައި ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހާއަކީ ހާއްސަ އިޖުރާއަތެއްގެ ދަށުން ބަންދުކުރާ މީހެއް ކަމަށެވެ. އެ ހާއްސަ އިޖުރާއަތުގެ ދަށުން ބަންދުކުރާ މީހަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރާނެ މީހެއްކަމުގައި ބެލެވޭހިނދު އެފަދަ މީހަކު ބަންދުން ދޫކުރެވޭނީ އެ މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް އެގޮތުގައި ނެތްނަމަ ކަމުގައިވަނީނަމަ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ މި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައި ކަމަށެވެ. ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ވެސް ހެކިނެތް ކަމަށް ބަޔާންކޮށްފައި ނެތް ކަމަށެވެ. ހާދިސާ ހިނގިއިރު އަނިޔާގެ ލިބުނު ކުއްޖާގެ އުމުރު ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރުގައި ހިމަނައިފައިވާ ކަމަށާއި ތުހުމަތުކުރެވޭ ފަރާތުން ބަންދުން ދޫކޮށްލުމުގައި އަނިޔާ ލިބުނު ކުއްޖާގެ އުމުރަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ކުއްޖާގެ އުމުރުގެ ސަބަބުން ބަންދުކުރި ހާލަތަށް ބަދަލު އައިސްފައިވާ ކަމަށް ދަށުކޯޓުގެ ފަނޑިޔާރަށް ފެނިވަޑައިގެންނެވި ގާނޫނީ އަސާސް ސާފެއްނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ކުއްޖާގެ ފަރާތުން ފުލުހަށް ފޮނުވި ސިޓީއެއްގެ ވާހަކަ ތުހުމަތުކުރެވޭ ފަރާތުން ފާހަގަކުރި ނަމަވެސް ދަށުކޯޓުން ވަކިވަކި ހެކިތައް ވަޒަންކުރުމުން، އިސްތިއުނާފީ ކޯޓުގައި އެ މައްޗަށް ބަހުސްކުރެވި ގޮތް ނިންމާނަމަ، އަސްލު މައްސަލައިގެ މުއާމަލާތްކެނޑ،ި މުޅި ޝަރީއަތުގެ މަރުހަލާ ފަސާދަވެ، ތަގައްޔަރު ވާނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ކަމަށެވެ. އެކަންކަން ފާހަގަކޮށް ފަނޑިޔާރު ރައުޔު ކަނޑައެޅުއްވީ ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދުކުރެއްވިއެވެ. އެހެންވެ މި މައްސަލައިގައި އިއްތިފާގުކުން ކުރި ހުކުމުގައި ފަނޑިޔާރު ފައިސަލް ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ބަންދުން ދޫކޮށްލި އަހުމަދު ވިއާމް، ބަންދުންކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހަތް ދުވަހުގެ ތެރެއިގައި ދަށު ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައާމެދު އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ބަލާ ދަށު ކޯޓަށް އަންގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު