ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުންފުނިތަކުން، ރިސޯޓުތަކަށް ލިބޭ ޔޫއެސް ޑޮލަރުގެ ތެރެއިން ބޮލަކަށް ވަކި މިންވަރެއް ވަކި ގޮތަކަށް ރާއްޖޭގެ ބެންކަކަށް މާރު ކޮށް، އޭގެ މިންވަރެއް ރާއްޖޭގެ މަރުކަޒީ ބޭންކަށް ލިބޭން ޖެހޭ ގޮތަށް އުޞޫލުތަކެއް އެކުލަވައިލުމުން، ބައެއް ކުންފުނިތަކުން އެކަމާ އިންކާރު ކޮށް އެކަން ނުކުރާނޭ ކަމަށް ވަނީ ބުނެފައެވެ. މި މައްސަލައިގައި، ސަރުކާރުން އެޅުއްވި ފިޔަވަޅު ދިފާޢު ކުރުމާއި، ސަރުކާރުން އެ ފިޔަވަޅު އެޅުއްވި ގޮތް ދިފާޢު ކުރުމަކީ ވަކި މައްސަލައެކެވެ. އަޅުގަނޑު އެއްޗެއް ދަންނަވައިލާން ބޭނުން ވަނީ، ބައެއް ރިސޯޓު ކުންފުނިތަކުން، އެމީހުންނަށް ލިބޭ ބޭރު ފައިސާއިން ކުޑަ ވިޔަސް އަދި ބޮޑު ވިޔަސް މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރު ކުރުމަށް އިންކާރު ކުރާ ކުރުމާ މެދުގައެވެ. ދަންނަވައިލާން ބޭނުން ވަނީ އެއީ އެ ކުންފުނިތަކުން އެއްވެސް ޙާލެއްގައި ކޮށްގެން ވާނޭ ކަމެއް ނޫން ވާހަކައެވެ. ސަރުކާރުގެ ފިޔަވަޅުތައް ރަނގަޅޭ ވެސް ގޯހޭ ވެސް ބުނުމަކީ އަޅުގަނޑުގެ ނިޔަތެއް ނޫނެވެ.

ފުރަތަމަ ކަމަކަށް، ދިވެހި ދައުލަތަކީ ދުސްތޫރިއްޔަތާއި ޤާނޫނާއި އުޞޫލުތަކުގެ މައްޗަށް ޤާއިމު ވެގެން ވާ، އަދި އެގޮތުގައި ދެމިއޮންނާން ޖެހޭ ދައުލަތަކަށް ވާއިރު، އެއްވެސް ދިވެހި ރައްޔިތަކަށް ދައުލަތުން ހަދާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް "ބޯ ނުލަނބާނަމޭ" މިހެން ބުނެވިގެން ނުވާނެއެވެ.

އަޅުގަނޑުމެންނަށް ޢާއިލާތަކާއި، މަދަރުސާތަކާއި، ވިޔަފާރިތަކާއި، ރިސޯޓުތައް ހަދައިގެން އިންތިޒާމު ވެގެން، އެންމެންނަށް ވެސް ސަލާމަތާއި ރައްކައުތެރިކަމުގައި އަދި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމުގައި އުޅެވިފައި ވަނީ، މިއަދު ވެސް މި އުޅެވޭ މިންވަރަކަށް ވެސް އުޅެވެނީ، އަދި ކުރިމަގުގައި އުޅެވޭނީ ވެސް، ޤާނޫނުގެ ޙުކޫމަތު ހިނގާ ދައުލަތެއްގެ ގޮތުގައި ތިބެވިގެންނެވެ. ވީމާ، ކޮންމެ މީހަކު މެ އެ މީހަކު ނުރުހޭ ޤާނޫނެއް ޤަވާޢިދެއް ދައުލަތުން ހެދުމާ އެކު ނުކުމެ ބަޔާންތައް ނެރެ، ބަސްދީގަތުން ދީ، ދައުލަތުގެ އިދާރާތަކަށް ސިޓީ ފޮނުވައި، އެވަނި ޤާނޫނަކަށް ތަބަޢަ ވެވޭކަށް ނެތޭ، މިވަނި ޤަވާޢިދަކަށް ޢަމަލު ނުކުރުމަށް ނިންމައިފީމޭ ބުނުން ފަދަ ގޮތްގޮތަށް ކަން ކުރެވިގެން ނުވާނެއެވެ.

ދިވެހި ދައުލަތުގެ އިޚްތިޞާޞްގެ ދަށުގައި ވާ ދިވެހި ރައްޔިތަކު ވިޔަސް އަދި ބިދޭސީއަކު ވިޔަސް، ދިވެހި ދައުލަތުގެ ޤާނޫނުތަކަށް ބޯ ނުލަނބާނަމޭ ބުނުމަކީ އޭގެ ޒާތުގައި ޖިނާއީ ޠަބީޢަތުގެ ޢަމަލެކެވެ. ދުނިޔޭގެ ކޮންމެ ޤާނޫނީ ނިޒާމެއްގެ ޖިނާއީ ފަލްސަފާގެ އުޞޫލުތަކުގެ މީޒާނުން ކިރިޔަސް، އެކަން ވާނީ ކުށަކަށެވެ. އެއީ ދައުލަތުގެ ޙުރުމަތަށް އަރައިގަތުމުގެ ޢަމަލެކެވެ. މިފަދަ ކަމެއް ހިންގުމުގެ ފުރުޞަތު އަޅުގަނޑުމެން އެއްވެސް ބަޔަކަށް ދެންޏާ، ފަހަރަކު ބަޔަކު އެ ފުރުޞަތުގެ ބޭނުން ކުރާނެއެވެ. މާދަމާ މަގުތަކުގައި ރޭސް ޖަހާ މީހުން ނުކުމެ، މަގުތަކުގެ ރައްކައުތެރިކަމަށް ހެދިފައި ވާ މިވަނި އެވަނި ޤަވާޢިދުތަކަށް އަހަރެމެން ބޮލެއް ނުލަނބާނަމޭ ބުނެފާނެއެވެ. އޭގެ އަނެއް ދުވަހު، މަސްތުވާ ތަކެތީގެ މީހުން ނުކުމެ، އަހަރެމެން މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނަކަށް ބޮލެއް ނުލަނބާނަމޭ ބުނެފާނެއެވެ. އިސާހިތަކު، ޤައުމު އޮންނާނީ ފަލްސަފާވެރިޔާ ތޯމަސް ހޯބްސް ވިދާޅުވާ ކަހަލަ "ސްޓޭޓް އޮފް ނޭޗަރ" އަކަށް ވެއްޓިފައެވެ. އެންމެން އެންމެނާ ކުރާ ހަނގުރާމައިގެ މައިދާނަކަށް ވެފައެވެ. އެއިރުން ކޮން ދިވެއްސަކަށް ލިބޭނީ ކޮން މޮޅެއް ބާވައެވެ!

ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ނަޒަރުގައި ބޭއިންޞާފު ނުވަތަ ދެކޮޅު ނުޖެހޭ ޤާނޫނެއް ޤަވާޢިދެއް އޮތިއްޔާ އެ ޤާނޫނެއް ނުވަތަ ޤަވާޢިދަކަށް ތަޢުނު ކޮށް، އެ ޤާނޫނެއް ނުވަތަ ޤަވާޢިދެއް އުވައިލާން ޖެހޭ ކަމަށް ބުނެ ދުސްތޫރީ މައްސަލަތައް ބަލާ ދިވެހިރާއްޖޭގެ ހައިކޯޓަށް ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޝަކުވާ ހުށައެޅިދާނެއެވެ. މިވަނި ޤާނޫނެއް ނުވަތަ އެވަނި ޤަވާޢިދެއް ޤާނޫނުއަސާސީއާ ޚިލާފޭ، އިސްލާމް ދީނާ ޚިލާފޭ ބުނެ ދަޢުވާ ކުރެވިދާނެއެވެ. އެ މީހަކު ދައްކާން ހުރި ވާހަކަތަކެއް ކޯޓުތަކުގައި ދެކެވިދާނެއެވެ. މިއީ "ރިސޯޓު އޯނަރުންނަށް" ވެސް އަދި އާދައިގެ ދިވެހީންނަށް ވެސް ދުސްތޫރީ ނިޒާމާއި ޤާނޫނުން ފަހި ކޮށްދީފައި ވާ ފުރުޞަތެކެވެ. ވީމާ، ފަތުރުވެރިކަމުގެ ކުންފުނިތަކުން ސަރުކާރުން ހެއްދެވި ޤަވާޢިދަކާ ނުރުހެންޏާ، ކަން ކުރާން ވީ ރިވެތި ގޮތަކީ މިއީއެވެ. އެ ޤަވާޢިދަށް ތަޢުނު ކޮށް، އެ ޤަވާޢިދުގައި ހުރި ކަމަށް އެމީހުން ދެކޭ މައްސަލަތަކެއް ފާހަގަ ކޮށް ކޯޓަށް ދިޔުމެވެ. ދަޢުވާ ކުރުމެވެ. މި ގޮތް ދޫ ކޮށްލައިފައި، ތަންފީޛީ ބާރުގެ ކަމާބެހޭ ފަރާތްތަކަށް ލިޔާ ލިޔުމެއްގައި ޤަވާޢިދަށް ބޯ ލެނބޭކަށް ނެތޭ ބުނުން، ތަބްރީރު ކުރެވޭނޭ އެއްވެސް ގޮތެއް ނެތެވެ.

ޤައުމާއި ދައުލަތް ދެމިއޮތުން އަޅުގަނޑުމެން އެދެންޏާ، ޤާނޫނަށް ބޯ ނުލަނބާނަމޭ ބުނާ ކޮންމެ މީހަކަށް ވެސް ދޭން ވީ، ދައުލަތުގެ ޙުރުމަތް ކަނޑާން އެހެން މީހުން ވެސް ބިރު ގަންނަ ވަރުގެ ޢިބުރަތްތެރި އަދި ގަދަފަދަ އަދަބެވެ.

ދެން ވެސް އޮތީ މާތް ވެގެންވާ އިސްލާމް ދީނާއި، ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކެއްގައި ބަލައިގަނެވޭ އުޞޫލެއްގެ ވާހަކައެވެ. އެ އުޞޫލަކީ، ޤައުމުގައި ވާ ޤުދުރަތީ ވަސީލަތްތަކަކީ ޢަދުލުވެރި އަދި އިންޞާފުވެރި ގޮތުގައި ޤައުމުގެ އެންމެތަކުންނަށް މިލްކު ވެގެން ވާ، އެންމެންގެ "ކޮމަން ވެލްތު" ކަމުގެ އުޞޫލެވެ. އެ ވަސީލަތްތަކުން ފައިދާ ކުރާން ވާނީ ޤައުމުގެ ވަކި ފަންތިއެއްގެ، ވަކި ދަރަޖައެއްގެ، ވަކި ޙައިޘިއްޔަތެއްގެ، ވަކި ސަރަޙައްދެއްގެ، ނުވަތަ އެހެން ގޮތަކުން ވިޔަސް ޚާއްޞަކަން ދެވިފައި ތިބޭ ވަކި ބަޔަކަށް ނޫން ކަމުގެ އުޞޫލެވެ.

މި އުޞޫލުން ބަލާ އިރު، ދިވެހިރާއްޖޭގެ ފަޅު ރަށްތަކާއި، ދިވެހި ރަށްތަކުގެ ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، އެ ރަށްތަކުގެ ވަށައިގެން ވާ ރީތި މޫދާއި، ދެންވެސް ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ޤުދުރަތީ އެންމެހައި ވަސީލަތްތަކަކީ ދިވެހި އެންމެހައި މުވާޠިނުންގެ މިލްކެވެ. އެ އެންމެންގެ ޙައްޤެވެ. އޭގެ ތެރެއިން ދިރިއުޅެ މަރުވެދިޔަ މީހުންނާއި، މިހާރު ދުނިޔޭގައި ތިބި މީހުންނާއި، އަންނާން އޮތް ޖީލުތަކުގެ މީހުން ހިމެނޭ ގޮތުން، އެންމެހައި ދިވެހީންގެ ޙައްޤެވެ. ހުރިހައި ދިވެހި ރައްޔިތުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްޕުޅުން ދެއްވައިފައި ވާ ނިޢުމަތްތަކެވެ. އެއީ ދިވެހި ރައްޔިތުންގެ "ކޮމަން ވެލްތު" އެވެ.

ކޮންމެ ރައްޔިތަކަށް ވެސް، އެ މީހަކާއި އެ މީހެއްގެ ޝަރުޢީ ބަލަދުވެރިކަމުގެ ދަށުގައި ތިބޭ ބަޔަކުގެ ބޯހިޔާވަހިކަމަށް ޓަކައި ހިޔާވައްސެއް އަޅާނޭ ބިންކޮޅަކާއި، އެ މީހަކާއި އެ މީހެއްގެ ޝަރުޢީ ބަލަދުވެރިކަމުގެ ދަށުގައި ތިބޭ ބަޔަކު އުނުއޮރިޔާން ނިވައި ކުރާނޭ ފޭރާމާއި، އެ މީހަކާއި އެ މީހަކުގެ ޝަރުޢީ ބަލަދުވެރިކަމުގެ ދަށުގައި ތިބޭ ބަޔަކު ބަނޑުފުރާނަ މުއްތި ކުރުމަށް ބޭނުން ވާ މިންވަރަކީ، ޤައުމުގެ ބިމުން ޙައްޤު ވެގެންވާ މިންވަރެވެ. މީގެ އިތުރު މިންވަރެއް، އެކަކަށް ވެސް "ޙައްޤު" ވެގެނެއް ނުވެއެވެ. މި މިންވަރުގެ އިތުރުން، ބޮޑެތި ބިންތަކާއި ރަށްތައް އެއްވެސް ވަކި ފަރުދަކަށް ވިޔަފާރީގެ ބޭނުމަށް ކުއްޔަށް ދެވެނީ މައިގަނޑު ދެ މަޤްޞަދެއް ޙާޞިލު ކުރުމަށް ޓަކައެވެ. ފުރަތަމަ މަޤްޞަދަކީ، އެ ފަރުދަކު އެ ބިމެއްގެ ބޭނުން ޙަލާލު، ހުއްދަ، އަދި އިންޞާފުވެރި ގޮތެއްގައި ކޮށްގެން، ވިޔަފާރި ކޮށް، އާމުދަނީ ހޯދުމަށް ޓަކައެވެ. ﷲ ރުހިވޮޑިގެންވާ ގޮތުގައި ތަނަވަސްކަމާއި މުއްސަނދިކަން ހޯދުމަށް ޓަކައެވެ. ދެވަނަ އަދި މުހިއްމުކަން ބޮޑު މަޤްޞަދަކީ، އެ ބިންތަކުގެ ޙަޤީޤީ މިލްކުވެރީން ކަމުގައި ވާ ދިވެހި ރައްޔިތުންނަށް އެކަމުން މަންފާ ހޯދުމެވެ. ވީމާ، ދިވެހިރާއްޖޭގެ ރަށެއް ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުންޏަކަށް ކުއްޔަށް ދީފައި އޮތިއްޔާ ވެސް، އެ ވިޔަފާރީގެ ތެރެއިން މި ދަންނަވާ ދެ މަޤްޞަދު ޙާޞިލު ވާން ޖެހޭނެއެވެ. މީގެ ތެރެއިން އެއް ފަރާތަށް ފައިދާ ވާއިރު، އަނެއް ފަރާތަށް އިންޞާފުވެރި މިންވަރަކުން ފައިދާ ނުވަންޏާ، އެއީ ގޯހެކެވެ. ބޭއިންޞާފެކެވެ.

ސުވާލަކީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ކުއްޔަށް ދީފައި ހުރި ރަށްތަކުން، އެ ރަށްތަކުގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކުގެ ވަސީލަތުން، ދިވެހި ރައްޔިތުންނަށް އެކަށީގެންވާ ފައިދާއެއް ވޭ ހެއްޔޭ މިއެވެ. ރައްޔިތުންގެ "ކޮމަން ވެލްތު" ގެ ބައެއް، ވިޔަފާރިވެރީންނަށް ކުއްޔަށް ދިނީމާ، ވިޔަފާރިވެރީން މުއްސަނދި ވެ މިލިއަނަރުންނަށް ވެގެން އުޅޭ އިރު، އެ ވިޔަފާރީގެ ތެރެއިން ދިވެހި ރައްޔިތުންނަށް އެކަށޭނަ މިންވަރެއް ލިބޭހެއްޔޭ މިއެވެ. މި ސުވާލުގެ ޖަވާބު އޮތީ ހާމަޔަށް ފެންނާށެވެ! ދިވެހި ދައުލަތް އޮތީ ސަތޭކަ އެތައް ބިލިއަނަކުން ދަރަނިވެރި ވެ، ޤައުމު ބަނގުރޫޓު ވާ ހިސާބުގައެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަ ބޭރު ފައިސާ އެ ވާ ކޮންމެ ގޮތެއް ވެގެން ވިޔަސް ޤައުމަކު ނުހުރެއެވެ. ރައްޔިތުން ޖެހެނީ މުހުތާދަކު ޖެހިގެން ބޭރު ފައިސާކޮޅެއް ބޭނުން ވިޔަސް، އަމިއްލަ ނަފުސުގެ އަބުރު ގެއްލޭހައި މިންވަރަށް ސަލާން ޖަހާށެވެ. ފަތުރުވެރިކަމުގެ ސިނާޢަތުން ޚަރަދު ކުރާ ފައިސާގެ ބާރުގައި ކޮޅަށް ނެގި ތަރައްޤީ ކުރެވިފައި ވާ، އެ ސިނާޢަތަށް ޚިދުމަތް ދީގެން ލިބޭ ނަފާއިން ދެމެހެއްޓޭ ދިވެހި އެހެން ސިނާޢަތެއް ނުފެނެއެވެ. އެ ސިނާޢަތުގެ ޙިއްޞާގެ ސަބަބުން ދިވެހިރާއްޖޭގެ ބޭންކިންގ އާއި މާލީ ދާއިރާތަކަށް އެންމެ ކުޑަމިނުން ދެކުނު އޭޝިއާގައި ވާދަ ކުރެވޭ ވަރުގެ ކުރިއެރުމެއް ވެސް ގެނެސްދެވިފައެއް ނުވެއެވެ.

ޙަޤީޤީ އަދި ފުރިހަމަ ތަފާސްހިސާބުތައް ފެންނާން ނެތަސް، ފަތުރުވެރިކަމުގެ ސިނާޢަތުގެ މުއައްޒަފުންގެ ގޮތުގައި އިސް މަސްއޫލިއްޔަތުތަކުގައި އުޅެފައި ތިބި މީހުންނާއި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ގިނަ ޒަމާންތަކަކު މަސައްކަތް ކޮށްފައި ތިބި މީހުން ހިމެނޭ ގޮތުން އެތައް ހާސް ބަޔަކު އެއްބަސް ވާ ކަމަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކަށް ލިބޭ ފައިދާއިން ދިވެހި ޤައުމަށް ލިބޭން ވާ ޙިއްޞާގެ ބައިކުޅަބައި ވެސް ނުލިބޭ ވާހަކައެވެ. ސިނާޢަތުގެ ބައެއް ވިޔަފާރިވެރީން – ޤާސިމް އިބްރާހީމާއި އަޙްމަދު ސިޔާމް މުޙައްމަދު ފަދަ – ބޭސްފަރުވާއަށް ޚަރަދު ކުރުމަށާއި ތަޢުލީމު ހޯދުމަށް ގިނަ ޢަދަދެއްގެ ދިވެހީންނަށް އެހީތެރިކަން ފޯރު ކޮށްދެއްވާކަން ބަލައިގަންނަމެވެ. ނަމަވެސް، މިއީ މުޅި ފަތުރުވެރިކަމުގެ ސިނާޢަތުން ޤައުމަށް ލިބޭން ވާ ފައިދާ ލިބެޔޭ ބުނެ ދެއްކޭނޭ ވާހަކައެއް ނޫނެވެ.

ކޮންމެއަކަސް، މިޔަކީ ބަހުސެއް ކުރާކަށް ޖެހޭ ކަމެއް ނޫނެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކުން އެމީހުންނަށް ލިބޭ ފައިދާ ދިވެހިރާއްޖޭގައި ނުބަހައްޓައި، ދިވެހިރާއްޖެއިން ބޭރުގެ ބޭންކުތަކާއި މާލީ އެސެޓުތަކުގައި ބަހައްޓައިގެން އުޅެންޏާ، އެކަމާ މެދު ކުރާނޭ ބަހުސެއް ނެތެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ދިވެހި ރައްޔިތުންގެ ފަޅު ރަށްތައް ކުއްޔަށް ދިނުމުން، އެ ރަށްތަކުން ނެރެވޭ ފައިދާއިން ދިވެހި ރައްޔިތުންނަށް އިންޞާފުވެރި ގޮތުގައި ފުރިހަމަ ފައިދާ ނުލިބެންޏާ، އެކަމާ މެދު ދައްކާނޭ އިތުރު ވާހަކައެއް ނެތެވެ. އެ ސިނާޢަތު އެ ގޮތުގައި ހިންގިގެން، ހިންގައިގެން، ހިންގިޔަދީގެން ވެސް ނުވާނެއެވެ. ފަތުރުވެރިކަމުގެ ބޮޑެތި ކުންފުނިތަކުން ބޮޑެތި ޢަދަދުތަކުން ފައިސާ ލިބޭ "ފުންނާބު އުސް ވަކީލުން" ވިޔަސް، އެ ސިނާޢަތުގެ ތެރެއިން އެހެނިހެން ގޮތްގޮތުން ފައިދާ ލިބޭ "އެކްޓިވިސްޓުން" ވިޔަސް ދައްކާނޭ އިތުރު ވާހަކައެއް ނޯންނާނެއެވެ. ފަތުރުވެރިކަމުގެ ކުންފުނިތަކުން ރާއްޖެއިން ބޭރަށް ލޯނު ދައްކާން ޖެހެޔޭ، ރާއްޖޭގައި ބޭންކެއް ނެތޭ، ލިބޭ ފައިދާ ކުޑައޭ، ތިމަންމެންގެ މަސައްކަތުން ތަރައްޤީ ކުރި ސިނާޢަތެކޭ، ސަރުކާރުން ހިންގި ނަމަ މި ސިނާޢަތް ވެސް އޮންނާނީ މިފްކޯ ފަދައިން ބަލިއެނދުގައޭ، މި ޒާތުން އެކަކު ވެސް ބޭކާރު ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ.

ދިވެހި ރައްޔިތުން ފަތުރުވެރިކަމުގެ ސިނާޢަތަށް އެމީހުންނަށް ﷲ ދެއްވި ޤުދުރަތީ ވަސީލަތްތަކުގެ އެންމެ މުހިއްމު ބައި ދޫކޮށްލީ، ބޭސް ފަރުވާޔަށް ދޭތެރެއަކުން ފައިސާކޮޅެއް، ތަޢުލީމު ޙާޞިލު ކުރާން އުޅޭ ކުދީންނަށް ސްކޮލަރޝިޕްކޮޅެއް، ލިބޭ އެއްޗެއްގެ ބައެއްގެ ބަޔަކުން ޓެކުހަށް އެތިކޮޅެއް ދީފައި، މަދު ބަޔަކު ބިލިއަނަރުންނަށް ހަދައިދޭކަށެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ރަށްތައް ރިސޯޓު ހަދާން ދޫ ކޮށްފައި އެހެރީ، އެ ރަށްތަކުން ލިބޭ ފައިދާއިން މުޅި ޤައުމަށް ފުދުންތެރިކަން ގެނައުމުގެ މަޤްޞަދުގައެވެ. ޤައުމު ދަރަނިވެރި ނުވެ އޮތުމުގެ ބޭނުމުގައެވެ. އެ ސިނާޢަތަށް ލިބޭ ފައިދާއިން ދިވެހި ބޭންކާއި މާލީ ނިޒާމު އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދު ކުރުމުގެ ބޭނުމުގައެވެ. ރިސޯޓަކުން އަހަރަކު ނެރެވެނީ ދިހަ މިލިއަން ޑޮލަރުގެ ފައިދާ ކަމުގައި ވަންޏާ، އޭގެ ތެރެއިން މަދު ވެގެން ފަސް މިލިއަން ޑޮލަރު ވަންނާން ވާނީ ދިވެހި ރައްޔިތުންގެ ޖީބަށެވެ. ދިވެހި ޤައުމުގެ ޚަޒާނާއަށެވެ. ވަންނަހައި ފައިސާއެއް ދައުރު ކުރާން ވާނީ ދިވެހި އިޤްތިޞާދުގައެވެ. އެއިން މިންވަރެއް ރާއްޖެއިން ބޭރަށް ގެންދެވޭން ވާނީ އެ ހުރިހައި އެއްޗެއް ރާއްޖެއަށް ވަދެ، ރާއްޖޭގެ ހަތައިވަރުގައި ހިމެނުމަށް ފަހުގައެވެ. ބޭރަށް ގެންދިޔުން ވިޔަފާރިވެރީންނަށް ޟަރޫރީ ވާ މިންވަރެއްގެ މަތީންނެވެ. ޤާނޫނުތައް ހުއްދަ ކުރާ ގޮތަކަށް، ދިވެހި ދައުލަތަށް އެ ގެންދާ ގެންދިޔުމަށް ވެސް ޓެކުހެއް ދައްކައިގެންނެވެ. ގެންދާ ތަނަކާއި، ގެންދާ ގޮތާއި، ގެންދާ ވަރާއި، ގެންދާ ބޭނުން ދިވެހި ރައްޔިތުންނަށް އެނގޭނޭ ފަދައިންނެވެ. މި ނޫން ގޮތަކަށް – ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ފައިދާ ނުކުރާ ގޮތެއްގައި، ދިވެހި ބިމުގައި ހިންގާން ޖެހޭ، ހިންގޭނޭ އިންޑަސްޓްރީއެއް ނޯންނާނެއެވެ. އޮވެގެން ވެސް ނުވާނެއެވެ.

މައްސަލަ ސާފެވެ. ދިވެހި ފަޅު ރަށްތަކުގައި ރިސޯޓު ހަދައިގެން އުޅޭ ކުންފުނިތަކަށް ލިބޭ ފައިދާއިން، ދިވެހި ޤައުމާއި ރައްޔިތުންނަށް ކަނަމަދު މުށެއް ދީފައި ބާކީ ބައި ރާއްޖެއިން ބޭރަށް ގެންދާ ކުންފުނިތަކެއްގެ އަތްމަތީގައި އެ ރަށްތައް ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. އެކަން އެހެން ކުރަނީ ރާއްޖެއިން ބޭރުގެ "އިންވެސްޓަރުން" ކަމުގައި ވަންޏާ، އެފަދަ އިންވެސްޓަރުން ޤައުމަކަށް ބޭނުމެއް ނޫނެވެ. ޤައުމަށް ބޭރުގެ އިންވެސްޓަރުން ގެންނަނީ، ގެންނާން ވާނީ، ޤައުމުގެ އިޤްތިޞާދީ މަޞްލަޙަތުތައް ކުރިއަރުވާށެވެ. ޤައުމީ އިޤްތިޞާދުގެ ފައިދާއިން ޤައުމުގެ ރައްޔިތުން މަޙުރޫމު ކުރާކަށެއް ނޫނެވެ. އެކަން ކުރަނީ ދިވެހި ވިޔަފާރިވެރީން ކަމުގައި ވަންޏާ، އަމިއްލަ ލެޔާ މެދު އެފަދަ އިހާނާތްތެރި ގޮތަކަށް ކަން ކުރާ ބަޔަކާ މެދު އެއީ ދަހިވެތި ޚިޔާނާތްތެރީންނޭ ބުނުން ފިޔަވައި އެހެން ގޮތެއް ނެތެވެ. އެފަދަ ބައެއްގެ އަތްމައްޗަށް ދިވެހި ރައްޔިތުންގެ "ކޮމަން ވެލްތު" ދޫކޮށްލައިގެން ތިބުމުގެ މާނައެއް ނެތެވެ. އެޔަށްވުރެ، ދިވެހި ރައްޔިތުންނަށް ޙިއްޞާ ގަނެވޭ ޕަބްލިކް ލިމިޓެޑް ކުންފުނިތަކަކުން ފަތުރުވެރިކަމުގެ ސިނާޢަތް ހިންގާ މޮޑެލަކަށް ސިނާޢަތް ބަދަލު ކޮށްލުން މާ ރަނގަޅެވެ. އެހެން ވެސް ނުހެދެންޏާ، ދެން އޮތް ގޮތަކީ އަޅުގަނޑުމެން ދަތުރު ގޮސް ދަނޑު ހައްދައި ރުކުއަޅައި ހެދުމަށް ޓަކައި އެ ރަށްތައް އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ މިލްކުގެ ދަށުގައި އެންމެ އިހުއްސުރެ ހުރި ފަދައިން ބެހެއްޓުމެވެ.

ފާއިތު ވި 2500 އަހަރު ވެސް ދިވެހި ރައްޔިތުންގެ އަތްމަތީގައި އެ ރަށްތައް ހުއްޓެވެ. އަޅުގަނޑުމެންގެ ކާބަފައިން މި ބިމުގައި ދިރިއުޅެ ހެޔޮ ގޮތުގައި މަރު ވެދިޔައީ އެ ރަށްތަކުން ލިބުނު ޓޫރޯޑޮލަރަކުން ނޫނެވެ. އަދިވެސް އަޅުގަނޑުމެންނަށް އެހެން އުޅެވިދާނެއެވެ. ދިވެހި ރައްޔިތުންގެ ފަޅު ރަށްތަކުގައި ހަދައިފައި ހުރި ރިސޯޓުތަކުން ރައްޔިތުންނަށް އެކަށޭނަ އަދި އިންޞާފުވެރި ފައިދާއެއް ނުކުރަންޏާ، ރިސޯޓުތަކުގައި ބަންދު ބޯޑު އަޅުވައިގެން ވިޔަސް އޮތް ގޮތަކީ ރައްޔިތުންގެ ޙައްޤު ކަށަވަރު ކުރުމެވެ. އަޅުގަނޑުމެން އެންމެންގެ ޙައްޤު ވާ، އަޅުގަނޑުމެން އެންމެންގެ މިލްކު ރަށްތަކެއް މަދު ބަޔަކު ނަގައިގެން، އެ ތަންތަނުން ހޯދާ މުއްސަނދިކަމުން ތިމާމެންގެ މިލްކިއްޔާތު އެތައް ސަތޭކަ މިލިއަނަކަށް އުފުލައި، އެ ފައިދާ ސިންގަޕޫރާއި ދުބާއީ އާއި ޔޫރަޕާއި ކެރީބިއަނުގެ "ޓެކްސް ހޭވަންތަކުގައި" ފޮރުވައިގެން ތިބޭކަށެއް ދިވެހި ރައްޔިތުން ހަމަހިލާ އެއްބަހެއް ނުވާނެއެވެ. އެއީ ތާއަބަދު ދެމެހެއްޓޭނޭ ކަމެއް ކަމުގައި އެކަކު ވެސް ހީ ކޮށްގެން ނުވާނެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކުން ވިޔަފާރި ކުރުމުގައި ދިވެހި ޤައުމާއި ދިވެހި ދައުލަތުގެ އިޤްތިޞާދީ އަދި މާލީ ކުރިއެރުމާއި ތަރައްޤީގައި ހެޔޮ ހިތުން ބައިވެރި ވާން ޖެހެއެވެ. ދިވެހި ޤައުމުގެ އިޤްތިޞާދީ މަޞްލަޙަތުތައް ޙިމާޔަތް ކުރެވޭނެ މަގަށް އެމީހުންގެ ވިޔަފާރީގެ ސިޔާސަތުތައް ބަދަލު ކުރާން ޖެހެއެވެ. ދިވެހި ޤައުމު ތަނަވަސްކަމާއި ފާގަތިކަމުގައި އޮވެ، ފަތުރުވެރިކަމުން ޤައުމަށާއި ރައްޔިތުންނަށް ފައިދާ ލިބި އެކަމަށް ޓަކައި ރައްޔިތުން ވެސް ހިތްހަމަޖެހިފައި ތިބުމަކީ ޚުދު ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިމަގުގެ ވެސް މަޞްލަޙަތުކަން އެ ކުންފުނިތަކުގެ ވެރީން ދަންނާން ޖެހެއެވެ. ދުނިޔޭގެ ތާރީޚު ހެކި ދެނީ، އެއްވެސް ޤައުމެއްގެ ޤުދުރަތީ މުއްސަނދިކަމާއި ވަސީލަތްތައް އެ ޤައުމެއްގެ ރައްޔިތުންނަށް މަންފާ ނުކުރާ ގޮތެއްގައި، މަދު ރައުސްމާލީ މުއްސަނދީންތަކެއްގެ އަތްމަތީގައި އޮންނަ އޮތުމުގެ ތެރެއިން ހެޔޮ ނަތީޖާއެއް ނުނުކުންނަކަމެވެ. ކޮންމެވެސް އިރަކުން، އެ ޙާލަތުގެ އިޤްތިޞާދީ ނާއިންޞާފު ނެއްތައިލާން ރައްޔިތުން ނުކުންނަކަމެވެ. އެ ހިސާބަށް ދާއިރު، ގިނަ ފަހަރު ކަންތައްތައް ވެފައި އޮންނަނީ ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަމާ އެއްކަކު ވެސް ނޫނެވެ.

މި މައްސަލައިގައި ވާހަކަ ދައްކާ ބައެއް މީހުންނަށް، ޤައުމާއި މުޖުތަމަޢާއި ދައުލަތުގެ އަސާސީ މަފްހޫމުތަކާއި، ދައުލަތްތައް ހިނގާ ގޮތުގެ އަސާސީ އުޞޫލުތައް އިސްލާމް ދީނުގައްޔާއި ވަޟަޢީ ޤާނޫނުގައި ވެސް އެކަށައެޅިފައި އޮންނަ ގޮތް ދޭހަ ވާ ކަމަކަށެއް ނުފެނެއެވެ. އެމީހުން ބުނެއެވެ. "ރިސޯޓުތަކަކީ އަމިއްލަ މީސްމީހުން ބުރަ މަސައްކަތުން ތަރައްޤީ ކޮށްފައި ވާ ވިޔަފާރިތަކެކެވެ. އެ ތަންތަނުން ދައުލަތަށް ފައިސާ ނެގުމަކީ އެމީހުންގެ ކަރަށް އަތް ބޭނުމެވެ. އެމީހުން މިހާރު ވެސް މިވަނި ވަރަކަށް ދައުލަތަށް ޓެކްސް ދައްކައެވެ. އެއީ އެމީހުންގެ ރަނގަޅުކަމެވެ. ދައުލަތާއި ޤައުމު ޖެހޭނީ އެކަމަށް ޝުކުރުވެރި ވާށެވެ."

މި ވާހަކައަށް މަތީގައި ވެސް ޖަވާބު ދެވިއްޖެއެވެ. އެ ޖަވާބަކީ، ޤައުމެއްގެ ޤުދުރަތީ ވަސީލަތްތަކަކީ – އެއީ ތެޔޮ، ނުވަތަ ގޭސް، ނުވަތަ ލަކުޑި، ނުވަތަ މަޢުދަންތައް، ނުވަތަ އެފަދަ އެހެން އެއްޗެއް ކަމުގައި ވިޔަސް – އެ ޤައުމެއްގެ ހުރިހައި ރައްޔިތުންގެ "ކޮމަން ވެލްތު" އަދި ރައްޔިތުންގެ އެންމެންގެ ހަމަހަމަ މިލްކާއި ޙައްޤު ވާ އެއްޗެތި ކަމުގައި ވާ ވާހަކައެވެ. އެ އެއްޗެތި ހޯދައި ނަގައި އެއިން ވިޔަފާރި ކޮށްގެން މަންފާ ހޯދާން ރައްޔިތުން ކުރެ ވަކި ބަޔަކަށް ފުރުޞަތު ދެވުނު ކަމުގައި ވިޔަސް، އެ އެއްޗެތި ފުރުޞަތު ދެވުނު ބަޔަކު ހިތުހުރި ގޮތަކަށް ހިތުހުރި މިންވަރަކަށް ބޭނުން ކޮށް، ބާކީ ތިބި ރައްޔިތުން އެ ވަސީލަތްތަކުގެ ފައިދާއިން މަޙްރޫމު ކޮށްލުން އެއީ ކޮށްގެން ވާނޭ ކަމެއް ނޫން ވާހަކައެވެ. އެ އެއްޗެތި ނަގައި އެއިން ވިޔަފާރި ކުރާ ކުންފުނިތަކަށް އިންޞާފުވެރި މިންވަރެއްގައި ފައިދާ ލިބުން އޮންނަ ފަދައިން، މުޅި ޤައުމާއި ރައްޔިތުންނަށް އޭގެ އެކަށޭނަ މިންވަރެއް ލިބޭން ޖެހޭ ވާހަކައެވެ. މިއީ މުޖުތަމަޢާއި، ޤައުމާއި، ދައުލަތުގެ މަފްހޫމުގެ އެއް އަސާސެވެ. އާދޭހެވެ! ޤައުމެއްގެ ވަސީލަތްތަކުން ވިޔަފާރި ސިނާޢަތެއް ބިނާ ކުރަނީ ދައުލަތުން ކަމުގައި ވިޔަސް، އަދި އަމިއްލަ ފަރުދުންތަކެއް ހިންގާ ވިޔަފާރިއަކުން ކަމުގައި ވިޔަސް، އެ ސިނާޢަތުގެ ފުރިހަމަ ފައިދާ ޤައުމަށް ނުކުރަންޏާ، ޤައުމެއް ދައުލަތެއް ދެމިއެއް ނޯންނާނެއެވެ.

އެޔާއެކު، ތިމާގެ މަސައްކަތުން ތިމާގެ އަތްމައްޗަށް އަރާ ކޮންމެ އެއްޗަކީ ތިމާގެ އެކަނި އެއްޗެއް ކަމުގެ ވިސްނުން އަޅުގަނޑުމެން ދޫކޮށްލާން ޖެހެއެވެ. ދައުލަތެއް ޤައުމެއް މުޖުތަމަޢެއްގެ މެންބަރަކަށް ވެއްޖެ ކޮންމެ މީހަކު ދަންނާން ޖެހޭ ކަމަކީ، އެ މީހަކު މުޖުތަމަޢުގައި ދިރިއުޅެގެން، މުޖުތަމަޢުގެ ނިޒާމުތަކުން ފައިދާ ލިބިގަނެގެން އުޅޭ ޙާލު، ކުރާ މަސައްކަތުން ލިބޭ އެއްޗެއްގައި މުޖުތަމަޢުގެ ޙައްޤު ވާ ކަމެވެ. އެ ޙައްޤު "ޓެކްސް" އާއި އެފަދަ އެހެނިހެން ނަންނަމުގައި، އިންޞާފުވެރި ގޮތުގައި، ދައުލަތަށް ނެގުމަކީ އެކަކު ވެސް އެކަމާ ރުޅި އައިސްގެން އުޅޭކަށް ޖެހޭ ކަމެއް ނޫނެވެ. ހަމަ އެހެންމެ، އެ މީހަކު ޤައުމުގައި ހުރެ ޤައުމުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުރާ މަސައްކަތުން އުފައްދާ މުއްސަނދިކަން ޤައުމަށް ފައިދާ ކުރާނޭ ގޮތަކަށް ޤައުމުގައި ބެހެއްޓުމަކީ ވެސް އެ މީހަކު ޤައުމަށް އަދާ ކުރާން ޖެހޭ ވާޖިބެކެވެ.

މި ޙަޤީޤަތަށް އިންކާރު ކޮށް، ތިމާގެ ވިޔަފާރިއަކުން ނެރެވޭ ކޮންމެ އެއްޗަކީ ތިމާ ނޫން އެކެއްގެ ވެސް ޙައްޤެއް އޭގައި ނުވާ، ތިމާގެ އަކަނި އެއްޗެއް ކަމަށް ދުށުމަކީ އެއްވެސް ތާކުންތާކު ނުޖެހޭ، ޙަޤީޤަތެއް ނެތް، "ޤާރޫނިއްޔަ" ވިސްނުމެކެވެ. އެންމެ އަސާސީ ޙަޤީޤަތުގެ މައްޗަށް ވާހަކަ ދައްކަންޏާ، މުދަލަކީ – ހުރިހައި މުދަލަކީ – ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިލްކެވެ. މީހެއްގެ އަތްމައްޗަށް އެކަލާނގެ ޖަމާ ކުރެއްވި ކޮންމެ މުދަލަކީ، އޭނާގެ އަމިއްލަ ނަފުސުގެ އިތުރުން، އޭނާގެ ޢާއިލާ، އޭނާގެ މުޖުތަމަޢު، އެ މުޖުތަމަޢުގެ ފަޤީރުން، އަދި ދެންވެސް އެ މުދަލަށް ބޭނުން ޖެހިއްޖެ ﷲ ގެ ކޮންމެ މަޚްލޫޤެއްގެ ޙައްޤު އޭގައި އެކަލާނގެ ލެއްވެވި އެއްޗެކެވެ. ވީމާ، ތިމާއަށް ﷲ ދެއްވި ރިޒުޤުން ތިމާގެ އަހުލުވެރީންނަށް، ތިމާގެ ޤައުމަށް، ފައިދާ ކުރާނޭ ގޮތަށް ކަންތައް ކުރާށޭ ބުނެވުނީމާ، މޫސާ ޢަލައިހިއްސަލާމަށް ނުކިޔަމަންތެރި ވެ ޤާރޫނު ދެއްކި ކަހަލަ ވާހަކަ ދައްކާކަށް ނުޖެހެއެވެ. "މިއީ މަގޭ މުދަލޭ، މަގޭ ބުއްދީގެ މޮޅުކަމުން، މަގޭ މަސައްކަތުގެ ވަރުގަދަކަމުން ހޯދި އެއްޗެކޭ، މަ މިއިން ޒަކާތެއް ޓެކުހެއް އެހެން އެއްޗެއް ދައްކާކަށް ނުޖެހޭނެޔޭ" މި ކަހަލަ ވާހަކަ ދެއްކުމުގެ ދަށުދަރަޖައަށް ވެއްޓިގަންނާކަށް ނުޖެހެއެވެ. އެފަދަ ވާހަކަ ދައްކާ މީހާއަށް އެ ހުރެވެނީ އިބްލީސީ "ގްރީޑްމޭނިއާ" އާއި އިބްލީސީ ކިބުރުވެރިކަމާއި ބޮޑާކަމުގައި ޙައްދުފަހަނައަޅައިފައެވެ.

ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން އެނގޭ ފަދައިން، އެއްވެސް މީހަކަށް ﷲ ދެއްވާ ރިޒުޤަކީ، އެ މީހެއްގެ އެކަނި އެއްޗެއް ނޫނެވެ. އެމީހަކު ހިތުހުރި ގޮތަކަށް ހޭދަ ކޮށް، ފޮރުވައިގެން އުޅުމުގެ އެއްވެސް ޙައްޤެއް އޮންނަ އެއްޗެއް ނޫނެވެ.

މިސާލެއްގެ ގޮތުން، ސޫރަތުލް ބަޤަރާގެ 215 ވަނަ އާޔަތުގައި، މީހެއްގެ މުދަލުގައި އެހެން މީހުންގެ ޙައްޤުތައް ހިމެނޭ ގޮތް ބަޔާން ކުރައްވާ އިރު، އެ މީހެއްގެ މައިންބަފައިންނާއި ޢާއިލާގެ މެންބަރުންގެ އިތުރުން، މުޖުތަމަޢުގައި ތިބޭ ޔަތީމުންނާއި، މިސްކީނުންނާއި، ދަތުރުވެރީންގެ އެންމެންގެ ޙައްޤު ވެސް އެ މުދަލުގައި ހިމެނޭކަން ބަޔާން ކުރައްވައިފައި ވެއެވެ.

ސޫރަތުލް ބަޤަރާގެ 219 ވަނަ އާޔަތުގައި ﷲ އަންގަވައިފައި ވަނީ، ކޮންމެ މީހަކު ވެސް އެ މީހަކަށް ﷲ ދެއްވި ރިޒުޤަކުން، އެމީހަކުގެ އަސާސީ އަދި ޟަރޫރީ ބޭނުންތަކަށް ބޭނުން ކޮށްފައި ބާކީ ހުރި ކޮންމެ އެއްޗެއް، ﷲ ގެ މަގުގައި ހޭދަ ކުރުމަށެވެ. ﷲ ގެ މަގުގައި ހޭދަ ކުރުމަކީ އިސްލާމް ދީނަށް ޚިދުމަތް ކުރުމާއި، ޤައުމާއި މުޖުތަމަޢުގެ މެންބަރުންގެ ހެވަށް އެ މުދާ ބޭނުން ކުރުމެވެ.

ސޫރަތުލް ޙަޝްރުގެ 7 ވަނަ އާޔަތުގައި ﷲ ކަނޑައަޅުއްވައިފައި ވާ މަތިވެރި އަދި މުހިއްމު އުޞޫލަކީ، އަދި އިސްލާމީ އިޤްތިޞާދީ ނިޒާމުގެ މައިގަނޑު އެއް ބުންޔާދަކީ، މުޖުތަމަޢުގެ މުއްސަނދިކަން، މުއްސަނދި މަދު ބައެއްގެ އަތްމަތީގައި ޖަމާ ވެ އެނބުރިއެނބުރި ހުރުން ހުއްދަ ނުވުމުގެ އުޞޫލެވެ. މި ޒަމާނުގެ ޢިބާރާތުން ދަންނަވަންޏާ، މުޖުތަމަޢުގެ "ކޮމަން ވެލްތު" އަދި ވަސީލަތްތަކުން އުފެއްދޭ މުއްސަނދިކަން އޮންނާން ޖެހޭނީ މުޖުތަމަޢުގެ ހުރިހައި މެންބަރުންނަށް އޭގެ ފައިދާ ކުރާނޭ ގޮތަށް، އިޤްތިޞާދީ ޢަދާލަތުގެ މަގަށް، ވަކި ބައެއްގެ އަތްމައްޗަށް ހުރިހައި އެއްޗެއް ޖަމާ ނުވާ ގޮތަށް، އިންޞާފުވެރި ބެހުމަކުން ބެހިފައެވެ.

މި ދެންނެވި އުޞޫލުތަކާއި ހަމަތަކަށް ގޮން ޖަހައި، ތިމާ ހޯދި ކޮންމެ އެއްޗަކީ ތިމާގެ އަމިއްލަ އެއްޗެއް ކަމަށާއި، ތިމާ ތިމާގެ އަހުލުވެރީންނާ ޙިއްޞާ ކުރާން ޖެހޭ އެއްވެސް އެއްޗެއް ނޯންނާނޭކަމުގެ ވިސްނުން ގެންގުޅުނު ޤާރޫނުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައި ވެއެވެ. ސޫރަތުލް ޤަޞަޞްގެ 76 ވަނަ އާޔަތުން ފެށިގެން 78 ވަނަ އާޔަތާ ހަމަޔަށް، އަދި އެހެން ވެސް ބައެއް އާޔަތްތަކުގައެވެ. ތިމާމެންނަށް ﷲ ގެ ރަޙުމަތްޕުޅުން ދެއްވައިފައި ވާ ރިޒުޤާއި މުދާވެރިކަމުން، ޤައުމަށް އެންމެ މަތީ ދަރަޖައިގައި ފައިދާ ލިއްބައިދޭން ޖެހޭ ކަމަށް އިންކާރު ކުރާ ކޮންމެ މީހަކު، ޤުރްއާނުގައި ލަޢުނަތް ލެއްވި ޤާރޫނާ ބެހޭގޮތުން އަންގަވައިފައި ވާ ބަސްފުޅުތަކުން ޢިބުރަތް ލިބިގަތުން ރަނގަޅު ވާނެއެވެ.