(10 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
ކޮންމެއަކަސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވާހަކަފުޅުގެ އަޑުއިވުމުން قـــــريـش ންގެ ވަފުދަށް ކޮންމެވެސް ވަރަކަށް ހުއްޓުން އަރައިފިއެވެ. އެބައިމީހުންތިބީ ޙައިރާންވެ ބަސްހުއްޓިފައެވެ. ކައުސާހިބާގެ ވާހަކަފުޅު ރައްދުކުރާނެގޮތެއް ވިސްނައި ނުގަނެވިފައެވެ. އެންމެފަހުން أبــــو جــهـــل ދެންނެވިއެވެ.
"އެންމެ ރަނގަޅެވެ. އަޅެ ވިދާޅުވެ ބައްލަވާށެވެ. ކަލޭގެފާނުގެ ބަފައިކަލުން ގަންދީ ހުވާކޮށްފައި ދަންނަވަމުއެވެ. ތިޔަ ވިދާޅުވިފަދަ އެންމެ ވާހަކަފުޅެއް ނޫނެވެ. ތިޔަ ވިދާޅުވިފަދަ ދިހަ ވާހަކަފުޅު ޤަބޫލުކުރާންވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ." ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސު ކުރެއްވިއެވެ. "ތިޔަބޭކަލުން لاإلـــه إلاّاللّـــه ވިދާޅުވާށެވެ. އެކަލާނގެ ރަސްކަންފުޅު ފިޔަވައި ތިޔަބޭކަލުން އަޅުކަންކުރައްވާ އެހެނިހެން ފަރާތްތައް ދޫކޮށްލައްވާށެވެ." އެވާހަކަފުޅު އަޑުއިވުމާއެކު قـــــريـش ންގެ ވަފުދުގެ އެންމެން އަތްތިލަބަޑި ތަޅައިގެންފިއެވެ. އެބައިމީހުން ބުންޏެވެ. "އޭ محــمّــــد އެވެ! (صــلّـــــى اللّــــه عــلـيــــه وســلّـــــم) ކަލޭގެފާނުގެ ކަންތައްތަކަކީ ޢަޖައިބުވާފަދަ ކަމެކެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ މިހުރިހައި ކަލާނގެތަކެއް އެއްކަލާނގެއަކަށް ހައްދަވާންތޯއެވެ؟"
އެއަށްފަހު ވަފުދުގެ މީހުން އެކަކު އަނެކަކަށް ބުންޏެވެ. "ކަލާނގެތައް ގަންދެމުއެވެ. މީނާ ތިޔަބައިމީހުންގެ އެއްވެސް ހުށަހެޅުމެއް ޤަބޫލެއް ނުކުރާނެއެވެ. އަވަހަށް ދަމާހިނގާށެވެ. ތިޔަބައިމީހުންގެ ކާބަފައިންގެ ދީނުގައި ވަރުގަދަޔަކަށް ސާބިތުވެ ތިބޭށެވެ. اللّــــه އަހަރެމެންނާއި މީނާއާ ދެމެދު ކޮންމެވެސް ފައިޞަލާއެއް ކުރައްވައިފުމަށް ދާންދެނެވެ." އެހެން ކިޔައިފައި އެކިމީހުން ވަކިވަކިވެގެން އެކިދިމާޔަށް ހިނގައްޖެއޫއެވެ. މި ހާދިސާއާ ވިދިގެން އެބައިމީހުންނާ ބެހޭގޮތުން ކީރިތި قــــــرآن ގައި ވަޙީކުރައްވައިފައިވާ އާޔަތްތަކެއްގެ މާނަ ތިރީގައި މިދަންނަވަނީއެވެ.
"ص (މިއަކުރުގެ މުރާދު ދެނެވޮޑިގެންވަނީ اللّــــه އެވެ.) ހަނދާންކޮށްދިނުމުގެ ވެރި قــــــرآن ގަންދެއްވައި ވަޙީކުރައްވަމެވެ. (ހަމަކަށަވަރުން އެއީ ޙައްޤު ތެދެވެ.) އަދި ކިއެއްތަ! ކާފިރުވީ މީހުންވަނީ ބޮޑާކަމާއި ދެކޮޅުވެރި ކަމެއްގައެވެ. އެއުރެންގެ ކުރީން ތިމަންރަސްކަލާނގެ ކިތައްކިތައް އުންމަތް ހަލާކު ކުރެއްވީންހެއްޔެވެ؟ ފަހެ" (އެއުރެންނަށް ޢަޒާބު އައި ހިނދު) އެހީއަށްއެދި އެއުރެން ގޮވޫއެވެ. (އެހެނެއްކަމަކު) އެވަގުތަކީ ސަލާމަތްވާން ދާނެތަނެއްއޮތް ވަގުތެއް ނޫނެވެ. އަދި އެއުރެންގެ ތެރެއިން އިންޒާރުކުރައްވާ ބޭކަލަކު އެއުރެންގެ ގާތަށް ވަޑައިގަތުމުން އެކަމާ އެއުރެން ޢަޖާއިބުވޫއެވެ. އަދި އެ ކާފިރުވީ މީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ. އެކަލޭގެފާނު ހުރިހައި އިލާހުން އެއް އިލާހަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން މިއީ ނުހަނު ޢަޖައިބުވާފަދަ ކަމެއްކަން ކަށަވަރެވެ. އަދި އެއުރެންގެ (އެބަހީ: މައްކާގެ ކާފަރުންގެ) ބޮޑުން (އެ މަޖިލީހުން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ އިލާހުންނަށް އަޅުކަންކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ. އެންމެފަހު މިއްލަތުގައިވެސް (އެބަހީ: عـيســـى ގެފާނުގެ މިއްލަތުގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއްކަމުގައި ނޫނީ ނުވެއެވެ." (ص: 1-7)
ވައުތަކަށް އަލިކަން ބަރުދާސްތު ނުކުރެވޭ ފަދައިން މުޝްރިކުންގެ ބޮޑުންގެ ހިތްތަކަކަށްވެސް ތައުޙީދުގެ ނޫރު ބަލައެއް ނުގަނެވުނެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)
ހިތާމައިގެ އަހަރާއި ދެކާވެނިފުޅެއް
އިސްލާމީ އިންޤިލާބީ ތަޙްރީކުގެ ޢުމުރުން ދިހައަހަރު ފުރިއްޖެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މައްކާއިން މަދީނާއަށް ގެމަށް ވޮޑިގެންނެވުމުގެ ތިންއަހަރު ކުރިއެވެ. (މީލާދީން 619) ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ވަނީ އިޖްތިމާޢީ ބައިކޯޓުގެ އިހާނެތިކަމާއި ދުއްތުރާތަކުން މިނިވަންކަން ލިބިވަޑައިގެންފައެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم މައްކާގެ އަހުލުވެރީންނަށާއި كــعـــبـــة އަށް ޒިޔާރަތްކުރާ ޒާއިރުންނަށް ރަޙްމަތުގެ ދީނަށް ދަޢުވަތު ދެއްވާން ފަށްޓަވައިފިއެވެ. ނަމަވެސް އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެއަހަރުވަނީ އެމާތް ސާހިބާއާމެދު އިންތިހާދަރަޖައަށް އޯގާވެރި ކުލުނުވެރި ދެ ޝަޚްޞިއްޔަތެއްގެ ޙިމާޔަތުން މަޙްރޫމުވެވަޑައިގެންފައެވެ. ބައެއް ރިވާޔަތް ތަކުގައިވާގޮތުން އޭގެތެރެއިން އެންމެފުރަތަމަ އެމާތް ސާހިބާއަށް ވަކިވެވަޑައިގެންނެވުމުގެ ހިތާމަފުޅުގެ ހިތިރަހަ ދެއްކެވީ އެމާތް ސާހިބާގެ ހަންހާރަވެތި ބޮޑުބޭބޭފުޅު أبـــوطــالــب އެވެ. މި ސިލްސިލާ ވިދާޅުވަމުން ގެންދަވާ ބޭފުޅުންނަށް އިތުރު ތަޢާރުފަކަށް ބޭނުންފުޅު ނުވާނެފަދައިން أبـــوطــالــب ގެފާނު އެމާތް ސާހިބާދެކެ ލޯބިފުޅުވެވަޑައިގަތީ އަމިއްލަފުޅު ދަރިދަރިކައުކަނބަލުންނަށްވުރެވެސް މާބޮޑަށެވެ. އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސަށްވުރެވެސް އިސްކަންދެއްވީ އެމާތް ސާހިބާއަށެވެ. أبـــوطــالــب ގެފާނު ގެންދެވީ އެކަލޭގެފާނުގެ އުފަން ބޭފުޅުންވެސް ކައުސާހިބާއަށްޓަކައި ފިދާވެވަޑައިގަންނަވާން ތައްޔާރުކުރައްވަމުންނެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށްޓަކައި އެންމެހައި ޢަރަބީންގެ ދުޝްމިނުކަން ޤަބޫލުކުރެއްވިއެވެ. ނުހަނު މުސްކުޅި ޢުމުރުފުޅުގައި ޙިޞާރުވެވަޑައިގެން ނިހާޔަތުގެ ހައިހޫނުފުޅުކަމުގައި ތިންއަހަރު ހޭދަކުރެއްވިއެވެ. އެމަތިވެރި ޤުރްބާނީއާއި ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ދެއްވި ވަރުގަދަ ލޯބިފުޅަށް އެއްވެސް ބަދަލެއް ލިބިވަޑައިނުގެން ހިނގައިދާނެބާވައެވެ؟
أبـــوطــالــب ގެފާނު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށްވުރެ ތިރީސްފަސްއަހަރު ދޮށިފުޅެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވެސް أبـــوطــالــب ގެފާނުދެކެ އިންތިހާޔަށް ލޯބިފުޅުވެއެވެ. އެއްފަހަރަކު أبـــوطــالــب ގެފާނު އާލާސްކަންފުޅާ އުޅުއްވާ ޚަބަރު ލިބިވަޑައިގެންނެވުމުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، أبـــوطــالــب ގެފާނުގެ އާލާސްކަންފުޅު ބައްލަވާން ވަޑައިގެންނެވިއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަޑައިގެންނެވުމުން أبـــوطــالــب ގެފާނު ވިދާޅުވިއެވެ. "އޭ ކޮއްކޯއެވެ! ބޭބެއަށް ޝިފާދެއްވާތޯ ކޮއިފުޅަށް ނަބީކަން ދެއްވައިފައި ފޮނުއްވި ކަލާނގެ ކިބަފުޅަށް ދުޢާކޮށްބަލާށެވެ." ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދުޢާފުޅު ކުރެއްވުމުން أبـــوطــالــب ގެފާނުގެ އާލާސްކަންފުޅު ފަސޭހަފުޅުވެއްޖެއެވެ. أبـــوطــالــب ގެފާނު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކޮއިފުޅުގެ ކަލާނގެ ކޮއިފުޅުގެ ބަސް އައްސަވައި ވޮޑިގެންވެއެވެ." ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސު ކުރެއްވިއެވެ. "ބޮޑުބޭބޭފުޅުވެސް އެކަލާނގެ ބަސްފުޅު ޤަބޫލުކުރައްވާށެވެ. އޭރުން އެކަލާނގެ ބޮޑުބޭބޭފުޅުގެ ބަސްފުޅުވެސް ޤަބޫލުކުރައްވާނެއެވެ." (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)
أبـــوطــالــب ގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވީ شعب أبـــــى طــالــب ގެ ޙިޞާރުން ސަލާމަތްވެވަޑައިގެންނެވިތާ ހަމަސްދުވަސް ފަހުންނެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އެއްރިވާޔަތެއްގައިވާގޮތުން އެކަލޭގެފާނު އަވަހާރަވީ ބިޢުޘަތުގެ ދިހަވަނަ އަހަރުގެ ރަޖަބު މަހުއެވެ. އަނެއް ރިވާޔަތެއްގައިވާގޮތުން ރަމަޟާންމަހުއެވެ. مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ ޞައްޙަކަމުގައި ބުރަވެވަޑައިގަންނަވަނީ ރަޖަބުމަހު ކަމުގައި އައިސްފައިވާ ރައުޔެވެ. أمّ المــؤمــنـــيـــن السّــيّــدة خـــديجــــة الطّــاهــــــــرة رضـــــى اللّــــه عــنـــهـــا އަވަހާރަވުމުގެ ތިންދުވަސް ކުރީންނެވެ.
ޞަޙީޙު ބުޚާރީގައި مُسَـيِّـبُ رضـــــى اللّــــه عــنـــــه ގެ އަރިހުން ރިވާވެފައިވެއެވެ. أبـــوطــالــب ގެފާނު އަވަހާރަވާން ކައިރިވެގެން އައިވަގުތު ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، أبـــوطــالــب ގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު އެތާނގައި أبــــو جــهـــل ވެސް އިނެވެ. އިތުރު ސާހިބާ ޙަދީސު ކުރެއްވިއެވެ. "ލޯބިވާ ބޮޑުބޭބޭފުޅާއެވެ. لاَإِلَـــه إلاَّاللّـــه ވިދާޅުވާށެވެ. ހަމައެކަނި މިކަލިމަފުޅުން އަޅުގަނޑަށް މާތް اللّــــه ގެ ޙަޟުރަތުގައި ބޮޑުބޭބޭފުޅާމެދު ޙުއްޖަތް ޤާއިމުކުރެވިދާނެއެވެ." أبــــو جــهـــل އާއި عــبــد اللّــــه بـــن أمــيّـــة އާ ދެމީހުން ދެންނެވިއެވެ. "އޭ أبـــوطــالــب ގެފާނެވެ! عــبـــدالمـطّــلــب ގެފާނުގެ މިއްލަތަށް ފުރަގަސް ދެއްވަނީތޯއެވެ؟" އެއަށްފަހު އެދެމީހުން ހުއްޓައިނުލައި އެކަލޭގެފާނާ ވާހަކަ ދައްކަމުން ގެންދިޔައެވެ. أبـــوطــالــب ގެފާނަށް އެހެންދިމާޔަކަށް ވިސްނުންފުޅު ހިންގަވާނެ ފުރުސަތެއް ލިބިވަޑައިގެންނެވިޔަކަ ނުދިނެވެ. އެކަލޭގެފާނު އެންމެފަހުން މީސްތަކުންނާ މުޚާޠަބުކުރައްވައި ވިދާޅުވި ބަސްފުޅަކަށްވީ "عــبـــدالمـطّــلــب ގެ މިއްލަތުގައެވެ." މިފަދައިންނެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސު ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް މަނާނުކުރެއްވޭހައި ހިނދަކު ބޮޑުބޭބޭފުޅަށް މަޣުފިރަތު ދެއްވުން އެދިވަޑައިގެން ދުޢާކުރައްވަމުން ގެންދަވާނަމެވެ. ތިރީގައި މާނަ މިލިޔާ އާޔަތް ބާވައިލެއްވީ އެކަމާ ވިދިގެންނެވެ.
"ނަބިއްޔާއަކަށްވެސް، އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަ ފުއްސެވުންއެދި ދުޢާކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުން ކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ އަހްލުވެރީންކަން އެއުރެންނަށް ފާޅުވެ އެނގުމަށް ފަހުގައެވެ." (الــتـّــوبـــة: 113)
އަދި ތިރީގައި މާނަ މިބަޔާންކުރާ އާޔަތްވެސް ބާވައިލެއްވީ މި މައުޟޫޢުގައެވެ.
"ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އަދީ ކީއްހެއްޔެވެ! اللّــــه، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." (الــقــصـص: 56)
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާމެދު أبـــوطــالــب ގެފާނު ބެހެއްޓެވި ކުލުނުވެރިކަމާއި ހަންހާރަވެތިކަމަކީ އިތުރަށް ފަށްކުރުމުގެ މާނައެއްހުރިކަމެއް ނޫނެވެ. އަޅުގަނޑު ލިޔަމުންމިގެންދާ ރަޙްމަތުގެ ނަބިއްޔާގެ ވާހަކައިގެ ސިލްސިލާގައި އެވާހަކަތައް ވަނީ ތަކުރާރުކޮށް އެތައް މޭރުމަކުން ލިޔެބަޔާންކޮށްފައެވެ. ޝައްކެއްނެތެވެ. އެކަލޭގެފާނަކީ މައްކާގެ މުޝްރިކުންގެ ބޮޑުންނާއި ތަންދޮރުނުފިލާ ފުރަދާނައިންނާއި ޢާންމު އަފްރާދުންގެ އަނިޔާވެރިކަމާއި ގަދަބަދަވިކަމުން އިސްލާމީ ތަޙްރީކާއި އެތަޙްރީކުގެ ބާނީ ޙިމާޔަތްކުރެއްވި ގަދަފަދަ ކިއްލާއެކެވެ. އެކަމަކު އެކަލޭގެފާނު އެންމެފަހު ވަގުތާހަމަޔަށްވެސް ދެމިހުންނެވީ އެކަލޭގެފާނުގެ ދަރަޖަމަތިވެރި ކާބަފައިކަލުންގެ ދީންމަތީގައެވެ. އެހެންކަމުން އެކަލޭގެފާނުގެ އުޚުރަވީ ޙަޔާތްޕުޅު އާރާސްތު ކުރެއްވުނުކަމަކަށެއް އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. އެކަމަކު އެކަލޭގެފާނުގެ އުޚުރަވީ ޙަޔާތްޕުޅުގެ ޙާލުކޮޅާމެދު ވާހަކަ ދައްކާކަށެއް އަޅުގަނޑު ނެތީމެވެ. އެކަންތައް އެންމެ މޮޅަށް އަދި އެންމެ ބޮޑަށް ދެނެވޮޑިގެންވާނީ އޯގާވަންތަ أرحـــم الـــرّاحمــيــن އެވެ.
أبـــوطــالــب ގެފާނު އަވަހާރަވުމާއެކު هـــاشــــم ވަންހައިގެ ވެރިކަން ލިބުނީ أبـــولــهب އަށެވެ. އޭނާއަށް ޢާއިލާގެ ވެރިކަން ލިބުމާއެކު އޭނާ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަންހައިގެ ޙިމާޔަތުން ބޭރުކޮށްލައިފިއެވެ. އެޒަމާނުގެ ޢަރަބީންގެ އާދަކާދަ އޮންނަގޮތުން މީހަކު ޤަބީލާއިން ބޭރުކޮށްލުމަކީ ޅަކުކުޅުފިޔޮކެއް ކާޅުބައިގަނޑެއްގެ ތެރެޔަށް ދޫކޮށްލުންފަދަ ކަމެކެވެ.
أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ފުރައުއްތަވުން
ގިނަ ރިވާޔަތްތަކުގައިވާގޮތުން أبـــوطــالــب ގެފާނު އަވަހާރަވީތާ ތިންވަނައަށްވީ ދުވަހު أمّ المــؤمــنـــيـــن السّــيّــدة خـــديجــــة الطّــاهــــــــرة رضـــــى اللّــــه عــنـــهـــا ވެސް މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ. دارالـبـقـــاء އަށް ދަތުރުކުރައްވައިފިއެވެ. إنّــا لـلّــه وإنّــا إلـيـــه راجــعــــــون މިއީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ހިތްޕުޅަށް ކުރީގެ ހާދިސާއަށްވުރެވެސް މާހިތި އަސަރުތަކެއް ކުރުވި ހާދިސާއެކެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އެލޮބުވެތި އަދި ވަފާތެރި އަނބިކަނބަލުންނަކީ ސުލޫކު ރިވެތިކަމާއި ވަފާތެރިކަމާއި ޚިދުމަތްތެރިކަމުގެ އެފަދަ ފުރިހަމަ ނަމޫނާއެއް ތާރީޚުން ފެނިފައި ނުވާފަދަ ފުރިހަމަ ނަމޫނާއެކެވެ. أمّ المــؤمــنـــيـــن އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ ފަސްދޮޅަސްފަސް އަހަރުފުޅެވެ. ކައުނަބިއްޔާގެ ޢުމުރުފުޅަކީ ފަންސާސް އަހަރުފުޅެވެ.
أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا އަކީ އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ހިބަކޮށްދެއްވި ވަރަށްބޮޑު ނިޢުމަތެކެވެ. އެކަމަނާ ޤަރްނެއްގެ ހަތަރުބައިކުޅަ އެއްބައިގައި ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޚިދުމަތުގައި އިންނެވިއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ކުރިމަތިވެވަޑައިގަންނަވާ ކޮންމެ ނުސިޔާނު ވަގުތެއްގައި އެމާތް ސާހިބާއަށް އެހީތެރިވެވަޑައިގެން އަތްބާރުއަޅުއްވައިދެއްވިއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ރިސާލަތު ތަބްލީޣު ކުރެއްވުމުގައިވެސް ހިތްޕުޅާއި ފުރާނަފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާގެ މުއްސަނދިފުޅުކަން އެކަމަށް ހޭދަކުރައްވައި ހުސްކޮށްލެއްވިއެވެ. ކައުނަބިއްޔާ ޙަދީސުކުރައްވައިފައިވެއެވެ.
"މީސްތަކުން އަހުރެންނަށް ކާފަރުވީއިރު އެކަމަނާ އަހުރެންނަށް އީމާންވެވަޑައިގެންނެވިއެވެ. މީސްތަކުން އަހުރެން ދޮގުކުރިއިރު އެކަމަނާ އަހުރެން ތަޞްދީޤު ކުރެއްވިއެވެ. މީސްތަކުން އަހުރެން މަޙްރޫމުކުރިއިރު އެކަމަނާގެ މުއްސަނދިފުޅުކަމުގައި އަހުރެން ބައިވެރިކުރެއްވިއެވެ. އެކަމަނާގެ ފަރާތްޕުޅުން އަހުރެންނަށް ދަރީން ދެއްވިއެވެ. އެހެނިހެން އަނބީންގެ ފަރާތަކުން ކުދީންނެއް ނުދެއްވައެވެ."
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް