ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932) އިން ދިވެހި ރައްޔިތުން ކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގެ 14 ވަނަ މާއްދާގައިވެއެވެ. "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މި ޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ." 15ވަނަ މާއްދާގައިވެއެވެ. "ޤާނޫނަށާއި އަދަބުތަކަށް ޚިލާފު ނުވާ ގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ." ވީމާ، އުނގެނުމުގެ މިނިވަންކަން ހޭލުންތެރިވުމުގެ މިނިވަންކަން އާންމުކޮށް ދިވެހި ރައްޔިތުންނަށް ލިބުނުތާ 90 އަހަރުވީއެވެ.

އިޖުތިމާއީ ތައުލީމުގެ ނަޒަރުން ވިސްނާލުމަކީ މިހާރު އެންމެ މުނާސަބު ކަމެއް ކަމަށް ފެނެއެވެ. މިނަޒަރުން ވިސްނާއިރު އުފަލަށްވުރެ ހިތާމަ ނުހަނު ބޮޑެވެ. ދިވެހި ގޮތާއިފޮތާއި ދިވެހި ތަރުބިއްޔަތާއި ރިވެތި ސުލޫކު ނެތި ތައުލީމު ދެވުނަސް، މަސްތުވާ ތަކެތީގެ ވަބާ، ވައްކަމާއި ފޭރުން، ގޭންގުމާރާމާރީ، ހަރުދަނާ އުޅުމެއް ނެތުން، ވިޔާދާ މަސައްކަތެއް ނުކުރުން، ދިވެހި މުޖުތަމައުން ފެންނަނީ މިފަދަ ޒުވާން ޖީލުތަކެކެވެ.

30 އަހަރުވީ ގައުމީ މައްސަލަތަކެވެ. އެކަށޭނަ ހައްލެއް ނުލިބިވިޔަސް އެކަށޭނަ މަސައްކަތްތަކެއް މިކަންކަން ހައްލުކުރުމަށް އެބަ ކުރެވޭވެސްމެއެވެ. މަދުރަސީ އުމުރު ނިމި މުޖުތަމައަށް ނުކުންނަ ޅަޒުވާނުންނާއި ޒުވާނުންނަށް އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް އިޖުތިމާއީ ތައުލީމު ދިނުން މުހިންމެވެ. މިފަދަ މަރުކަޒުތައް ގާއިމުވުން ވަރަށް މުހިންމެވެ. ދިވެހި ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށެވެ.

މީގެ 34 އަހަރުކުރިން، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން ހުޅުވުނެވެ. ދިވެހިރާއްޖޭގައި އިޖުތިމާޢީ ތަޢުލީމު ކުރިއެރުވުމަށާއި މުޖުތަމަޢުގައި ހެޔޮ ރަނގަޅު ސިފަތައް އަށަގެންނެވުމަށާއި އިޖުތިމާއީ ރޫޙު އާލާކޮށް ދިރުވުމަށް ހޭލުންތެރިކުރުވުމަށް މަސަައްކަތްކުރާ ދިވެހިރާއްޖޭގެ އިޖުތިމާއީ އެންމެ ބޮޑު މަރުކަޒުގެ ގޮތުގައެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ބިނާކުރެވުނު، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން ހުޅުވުނީ 1992ގައެވެ. މިމަރުކަޒު ހިންގަން ފެށުނީ ދައުލަތުގެ އިދާރާއެއްގެ ގޮތުގައެވެ. އެ އިދާރާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، މުޖުތަމައުގައި ރިވެތި ސުލޫކު އާލާކުރުމަށް އިޖުތިމާއީ މުޞްލިޙުން (ސޯޝަލް ވޯކަރުން)ގެ ދަރުސްތައް (ލެކްޗަރުތައް) ބޭއްވުން، މުޖުތަމަޢުގެ ކުރިއެރުވުމަށް ޙަރަކާތްތައް ހިންގުން، ފަދަ އެ މަރުކަޒުގެ މައިގަނޑު ކަންކަން އެމަރުކަޒުގެ އިދާރާއަށް އެކަށީގެންވާ ގޮތެއްގައި ކުރެވިފައެއް ހިންގިފައެއް ނުވެއެވެ.

އެމަރުކަޒުގެ އިމާރާތާއި ވަޞީލަތްތައް އިޖުތިމާއީ ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދު ހާސިލުވުން ފިޔަވައެވެ. ވީމާ، އެކަށޭނަ ގޮތުގައި "ނުހިންގި ފޭލުވެގެން" އުވާލަން ޖެހުނު، ދައުލަތުގެ އިދާރާއެެއް ކަމުގައި، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން ހިމެނިގެންވެއެވެ. އަދި މިއީ "ރާއްޖެއަށް ލިބޭ ބޭރުގެ ހިލޭ އެހީ އެކަށޭނަ ގޮތުގައި ބޭނުން ނުކުރެވުމުގެ މިސާލެއް" ކަމުގައިވެސްވެއެވެ.

އެޑިޓަރުގެ ނޯޓު؛

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.