މި އޮކުޓޫބަރު މަހު މަންމަގެ 7 ވަނަ އުފަން ދުވަސް އައުމުން ހަނދާން އައުވުމެވެ. އެހެނަސް މަންމަ 20 އަހަރުވެސް ދުނިޔޭގައި ދިރިއުޅެފައެއް ނުވެއެވެ. މަންމަ ދުނިޔެއިން ވަކިވިތާ 50 އަހަރުވީއެވެ. މަންމަގެ ނަމަކީ ޚައިރުއްނިސާ އެވެ. ނަމުގެ މާނައަކީ ހެޔޮ ރަނގަޅު ކަނބަލެކެވެ.
(ނޯޓު: މިއި އަމިއްލަ ޖަޒުބާތީ ވާހަކައެއް ކަމުގައި ބެލެވުނަސް ބައިގަރުނު ކުރިން ރާއްޖޭގެ ހާލާތުގެ ތަންކޮޅެއް ހިއްސާކޮށްލުމެއް ކަމުގައެވެ). މިފަދަ ހިތްދަތި ހާލަތުތައް މިއަދު މިވަނީ ބަދަލުވެފައި، "ޒަމާނުގެ އަތުން އެއްލި ސަފުހާތަކުން އަމާންވެ އޮމާވެ ކުރިކުރި އަރާފައިކަމުން "މާޒީގެ ހިތި ހަނދާންތަކެއް އާކޮށްލުމެއްވެސް ކަމުގައެވެ. ދެކެދެނެތިބީންނަށްވުރެ ނުދެކެ ނުދެނެތިބީން މިޒަމާނުގައި މާމާގިނަކަމުންވެސްމެއެވެ.)
ދަންނައެ، ދުވަސްވަރަކީ 1970ގެ އަހަރުތަކުގެ މެދުތެރެއެވެ. ދައުރަކީ ރިޔާސީ ނާސިރީ ދައުރެވެ. އަތޮޅަކީ ކޮޅުމަޑުލެވެ. ރަށަކީ އެބޮޑު އަތޮޅުގެ ވައިމަތީ ރަށެކެވެ. ހިރިލަންދޫއެވެ.
ތަނަކީ އެހާރުގެ ގެއެއްގެ އެތެރެގޭތެރެއެވެ. ފުރާ އުމުރުގެ ވިއްސަކަށް އަހަރުވެސް ނުވާ މާބަނޑު ޅަޒުވާން އަންހެންކުއްޖަކު ވިހަން ތަނަށް އަރާ ނުވިހި މަރާ ހަނގުރާމަކުރަނީއެވެ. ފޫޅުމައިން މައިންމާމައިން މައިދައިތައިން ބޮޑުދައިތައިން ކެނޑިނޭޅި ހޭހަންކުރެއެވެ. އެހެނަސް، ދޭބޭހަކުން ކުރާފަރުވާއަކުން ކުރާ ރާހަތެއް ލިބޭލުއިކަމެެއް ނުމެނެތި ގިލަންތައްވެރިވުން ރިހުންތައްގަދަވުން ހައްތާހައްތަހާ ވީ އިތުރެވެ.
އަދި ކިއެެއްތަ، ގިލަން އެންމެ އިތުރުވީ، ވޭން އެންމެ ބޮޑުވެގެންވީ ވަގުތުތަކުގެ ވަގުތެއް ހިމެނުނީ ދެތިން އަހަރުވެސް ނުވާ ހޭނުޖެހޭ ތުއްތު ދަރިފުޅު މަންމަ އޮތް އެނދުގެ ކައިރިޔަށް ގޮސް މަންމަ ގާތު އެެއްޗެއް ބުނި ވަގުތެއް ވެސް ކަމުގައެވެ. " މަންމާ މީލު ކައްތަލަ އެބަހުލި މަންމާ މީރު ކައްޓަލަ ކައްކާފައި އެބަހުރި) މަންމަ ބުންޏެވެ، " ދަރިފުޅު ކައިލާ މަންމައަށް ނުކެވޭނެ)، އެއީ ދަރިފުޅާއި މަންމަގެ އެންމެ ފަހު ބައްދަލުވުން ކަމުގައެވެ. ތަގުދީރުގައި ވަނީ އެފަދައިން ކަމުގައެވެ. ތަދުބީރުން ކުރެވޭނެ ނެތުން ކަމުގައެވެ. (މިހެން މިލިޔުނު ވަގުތުކޮޅު މާޒީގެ ހިތި ހަނދާން އާވެ ފިކުރު ހުސްވިއެވެ.)
ދެންފަހެ، އެހިނދުކޮޅަށް ފަހު (ތުއްތު ދެދަރިން ޔަތީމު ވަނީ ކަމުގެ އިހުސާސްވެސް ކުރެވުނު ކަމުގައިވެ) މަންމަގެ ހާލު މާ ބޮޑުވިއެވެ. ކެނޑިނޭޅި ލޭފައިބަނީއެވެ. ކައްކަން ގެންގުޅޭ ދެތިންތެލި މަންމަގެ ލެއިން ފުރިފައި ވަނިކޮށްދުށް ހަނދާން އެބަހުއްޓެވެ. މަންމަ މިދުނިޔެއިން ވަކިވެދިޔައީ ޖިސްމާނީ އެންމެ އުނދަގޫ އެންމެ ހިތްދަތި ވޭންތައް ތަހައްމަލުކުރާ ހާލުގައެވެ. (ޝަހީދުމަރެއް ކަމުގައެވެ. ނަމަކީ ޚައިރުއްނިސާއެވެ. މާނައަކީ ހެޔޮވެގެންވީ ކަނބަލެކެވެ. .إِنَّا لِله وَإِنَّـا إِلَيْهِ رَاجِعونرب اغفر لأمك وارحمها) ދެތިން އަހަރުގެ ތުއްތު ކުއްޖަކާއި އެއްއަހަރުގެ ތުއްތު ކުއްޖަކު އެވަގުތުން ފެށިގެން ތާއަބަދަށް މަންމަ ނެތިދިއުން ކަމުގައެވެ.
ދެން ފެނުނީ އެތާ ތިބި ކުދިބޮޑު އެންމެން ގިސްލާރޯތަނެވެ. އަޑުންއަޑުނަގައި ރުއިން، މަޑުން މަޑުމޮޅިވޭނީ ގިސްލުން ފާހަގަވިއެވެ. އިސާހިތަކު ރަށުގެ ކުދިބޮޑު އެންމެން އެތަަނަށް ޖަމާވެ އެ އެންމެންވެސް ރޯން ފަށައިފިއެވެ. މުޅި ތަނަށް ވެރިވެފައި ވަނީ ހިތާމައައި ހިތްދަތިކަމެވެ. ވޭނާއި އުދާހެވެ. އެ ހުރިހާ އެންމެންގެ މޫނުތައް ވަނީ މިލައި މޯޅިވެފައެވެ.
އެހެނަސް އެންމެ ހިތާމަވެެރިކަން އެންމެ ހިތްދަތިކަން ތާއަބަދަށް އިހުސާސް ކުރަން ޖެހޭ ދެބެއިން (މަންމަގެ އެންމެ ފަހުގެ ނިޝާން) ނުރޮއެވެ. ހިތާމަވެސް ނުކުރެއެވެ. (އެކަމުގެ އިހުސާސް އެއިިރު ލިބިގެން ނުވާ އެންމެ ތުއްތުު ކުދިން ކަމުގައިވުމެވެ.) އެ ތުއްތު ދެކުދިންގެ ރުއިމާއި ގިސްލުން ވޭނާއި އުދާސް، ހިތާމައާއި ހިތްދަތިކަން ވަނީ އަބަދުގެ އަބަދަށެވެ. ފިލުމެއް ފިލުވައިލުމެއް ނުވެއެވެ. ގެއްލުމެއް ގެއްލުވައިލުމެއް ނެތެވެ. ދިއުމެއް ދާދިއުމެއް ނޯވެއެވެ. މުޅި ހަޔާތުގައެވެ. މުޅި އުމުރުގައެވެ.
އެޑިޓަރުގެ ނޯޓު؛
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު
ކޮލަމް
ކޮލަމް
ކޮލަމް
ކޮމެންޓް