ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932އިން ފެށިގެން 1943އާއި ހަމަޔަށް އަމަލުކުރެވުނު ޤާނޫނުއަސާސީތަކުގައި ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އިސްކުރެވޭ ރަސްކަލަކީ ނަސަބުގެ ގޮތުން ހުރަވީ ރަސްދަރިކޮޅުކަން ކަނޑައެޅި ބަޔާންވެގެންވިއެވެ. އެއީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ ފިރިހެން ދަރިކޮޅުގެ މަނިއްޕުޅެއް ކަމުގައި ވާންވާނެ ކަމަށާއި، އެންމެފަހުން ހުންނެވި ރަސްކަލެއްގެ ދަރިކަލަކު ކަމުގައިވުން ނުވަތަ ރަސްކަލަކަށް ކާފަވިދާޅުވާ ވަރަށްވުރެ ނަސަބުގެ ގޮތުން ދުރުނޫން މަނިއްޕުޅަކަށް ވާންވާނެ ކަމުގައެވެ. ރަސްކަލަކު ރަސްކަމަށް އިސްކުރެވޭ ގޮތްވެސް ޤާނޫނުއަސާސީގަައި ކަނޑައެޅި ބަޔާންވެގެންވިއެވެ. އެއީ ވަޒީރުންގެ މަޖިލިސްގެ މެންބަރުންނާއި، ޤާނޫނު ހަދާ މަޖިލިސްގެ މެންބަރުންނާއި، މާލޭގައި ތިއްބަވާ މާތް ބޭފުޅުންނާއި، ޢިލްމުވެރިންނާއި، ކަމުވޮށިގެންވާ މީހުން ރަސްކަމުގެ ގަނޑުވަރަށް އެއްވެ ތިއްބަވައި، މި ޚާއްޞަ މަޖިލީހުން ކުރަން ކަނޑައެޅިފައިވާ ޚާއްޞަ ކަންކަން ކުރައްވައިގެން ކަމުގައެވެ.
އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ރަސްކަން ކުރެއްވީ 1759 އިން 1767 އަށެވެ. ދޮންބަންޑާރައިންގެ ފިރިހެން މަތިފުށުން 10 ރަސްކަލުން ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވިއެވެ. އެއީ 1774 އިން 1943 އަށެވެ.
1- އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން (1774 - 1779)
2- އައްސުލްޠާން ޙަސަން ނޫރައްދީން، އެއްވަނަ (1979 - 1799)
3- އައްސުލްޠާން މުޙައްމަދު މުޢީނުއްދީން، އެއްވަނަ (1799 - 1835)
4- އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން، ހަތަރުވަނަ، "މުސްކުޅި ބަންޑާރައިން" (1835 - 1882)
5- އައްސުލްޠާން އިބްރާހީމް ނޫރުއްދީން (1882 - 1886 އަދި (1888 - 1892)
6- އައްސުލްޠާން މުޙައްމަދު މުޢީނުއްދީން، ދެވަނަ (1886 - 1888)
7- އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން، ފަސްވަނަ، "އާގަނޑުވަރު މަނިއްޕުޅު" (1892 - 1893)
8- އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން، ތިންވަނަ (1893 އަދި 1903 - 1934)
9- އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން، ހަވަނަ، "ޙާޖީ ޢިމާދުއްދީން" (1893 - 1903)
10- އައްސުލްޠާން ޙަސަން ނޫރައްދީން، ދެވަނަ (1935 - 1943) އެވެ.
ޤާނޫނުއަސާސީގައި ރަސްދަރިކޮޅު ކަނޑައެޅި ބަޔާންކުރެވުނު ފަހުން ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވީ އެންމެ ރަސްދަރިކަލެކެވެ. އައްސުލްޠާން ޙަސަން ނޫރައްދީން، ދެވަނަ (1935 - 1943)އެވެ. 1943ގެ ފަހުން، ޤާނޫނުއަސާސީގައި ވަނީ ރަސްކަލަކީ ހަސަބާއި ނަސަބުން އަރައިހުންނެވި ރައްޔިތުންގެ ތާއީދާއި ގަދަރާއި އިހުތިރާމު ލިބިގެންވާ ބޭފުޅަކަށް ވާންވާނެ ކަމުގައެވެ. ވީމާ، ރަސްކަލަކު ހޮއްވެވުމަކީ މަޖިލީހުގެ (ޕާލަމަންޓްގެ) ކަމެއް ކަމުގައިވީއެވެ.
ރާއްޖޭގެ ލަފުޒީ މާނައަކީ ރަސްކަމެވެ. މަމްލިކާ ނުވަތަ ކިންގުޑަމެވެ. ރާއްޖޭގެ މުޅި ތާރީޚުގެ އެނގެން އޮތް ތަފުސީލު ތާރީޚުގެ 60 އަހަރުވެސް (1 ޖަނަވަރީ 1953 އިން 21 އޮގަސްޓު 1953 އަށް ހަތްމަސް ނުވަތަ އަށެއްކަމަސް ދުވަހާއި އަދި 11 ނޮވެންބަރު 1978 އިން މިހާތަނަށް މިވީ 58 ވަރަކަށް އަހަރު) ފިޔަވައި އެހެން ހުރިހާ ޒަމާންތަކެއްގައި ރާއްޖޭގައި އޮތީ ރަސްކަމެވެ. ވީމާ، 1153 އިން ފެށިގެން އިސްލާމް ދިވެހިރާއްޖެއަށް މިވީ 873 އަހަރުގެ ތެރެއިން، 813 އަހަރު ދިވެހިރާއްޖޭގައި އޮތީ ރަަސްކަމެވެ. ރާއްޖޭގެ ވިރާސީ ރަސްކަމަށް (ދަރިކޮޅުތަކުން ވާރުތަކުރާ ރަސްކަމަށް) ނިމުން އައީ 1944 ގައެވެ. ރާއްޖޭގެ ރަސްކަމަށް ނިމުން އައީ 11 ނޮވެންބަރު 1968 ގައި މި ޖުމުހޫރިއްޔަތު ފެށުމުންނެވެ. ވީމާ، ރާއްޖޭގެ ޝާހީ ޢާއިލާތައް އެބައޮތެވެ. ހުރަވީ ރަސް ދަރިކޮޅެވެ. ދިޔަމިގިލި ރަސް ދަރިކޮޅެވެ. އިސްދޫ ރަސް ދަރިކޮޅެވެ. މިދަރިކޮޅުތަކުގެ ބޭފުޅުންގެ އަދަދު ހާހުން ގުނައިލެވެއެވެ. ހަސަބާއި ނަސަބު ސާބިތު ބޭފުޅުންނެވެ.
އެޑިޓަރުގެ ނޯޓު؛
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު
ކޮމެންޓް