ދައުވާކުރުމުގެ މުއްދަތު ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދައުވާ ކޮށްފައިވާނުވާ ކަމަށް ބުނެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ނުގެންގޮސް ބޭރުކޮށްލައިފައިވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ދައުލަތުން ވަނީ 29 ނޮވެމްބަރު 2017 ގައި އަލީތަކުރުފާނު އަދި ބޭރު ރައްޔިތެއްގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާކޮށްފައެވެ. ދައުލަތުން އެ ދައުވާ ހުށަހަޅާފައިވަނީ ރ. ވާދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ދައުވާ ހުށަހަޅައިފައިވަނިކޮށް ދައުލަތުން ވަނީ ދައުވާ އިތުރަށް މުރާޖާ ކުރުމަށްޓަކައި ދައުވާ އަނބުރާ ފޮނުވައިދިނުމަށް އެދި ވާދޫ މެޖިސްޓްރޭޓް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ދައުލަތުން އެދުނު ގޮތަށް ވާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވައިދީފައެވެ.
އެއަށްފަހ،ު އަލީތަކުރުފާނު އަދި ބޭރު ރައްޔިތެއްގެ މައްޗަށް ކުރި ދައުވާތަކާއި އަދި އިތުރު ތިން ފަރާތެއްގެ މައްޗަށް ކުރާ ދައުވާތަކަކާ އެކު ދައުލަތުން ވަނީ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ދައުވާތައް ބާތިލުކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފައެވެ. އެގޮތަށް އެ ކޯޓުން ނިންމީ ދައުވާކުރުމުގެ މުއްދަތު ހަމަވިފަހުން ދައުލަތުން ދައުވާކުރި ކަމަށް ބުނެއެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ވަނީ 23 ސެޕްޓެމްބަރު 2024 ގައި އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުގައި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ހައިކޯޓުގެ ގަޒިއްޔާއިން މައްސަލަ ތަހުވީލުކުރުމުން މައްސަލަ އަވަސްކޮށްދިނުން އެދި ތަކުރާރުކޮށް ދައުލަތުން ދަށު ކޯޓަށް ސިޓީ ފޮނުވިކަމެވެ.
ނަމަވެސް އެއިން އެއްވެސް ސިޓީއެއްގެ ޖަވާބު ނުލިބޭ ކަމަށާއި އޭގެ ފަހުން މައްސަލަ ގަވާއިދުން ޝެޑިއުލްކޮށް ކުރިއަށްގެންދިޔަ ކަމަށާއި ދައުވާ އިސްލާހުކުރުމުގެ ފުރުސަތަށް ދައުލަތުން އެދުމުން ދަށު ކޯޓުން އެ ފުރުސަތު ވެސް ދިން ކަމަށެވެ. އެހެންކަމުން ދައުލަތުން އަލުން ދައުވާ ހުށަހަޅާފައިނުވާތީ ކަމަށް ބަޔާންކޮށް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ހަމައެއް ސާފުނުވާ ކަމަށް ދައުލަތުން ފާހަގަކުރެއްވިއެވެ.
ދައުލަތުން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 81 ވަނަ މާއްދާއަކީ އަލަށް މައްސަލައެއް ހުށަހަޅާ އިރު ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ކަމަށާއި ތަހުވީލުކުރާ މައްސަލަތަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެ މާއްދާއަށް އަމަލު ކުރަންޖެހޭ ކަމަށް ދެކެންޖެހޭ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ތަހުވީލު ކުރެވުމުން އެކަމުގެ ލިޔުންތައް ބަދަލު ކުރަނީ ކޯޓުތައް މެދުވެރިވެގެން ކަމަށާއި އެފަދައިން ތަހުވީލުކުރެވޭ މައްސަލަތަކުގައި ކަނޑައެޅިގެން މަތީ މަރުހަލާގެ ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިނުވާ ނަމަ، ދައުލަތުން އަލުން އެ މައްސަލައެއް ދަށު ކޯޓަށް ހުށަނާޅާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
އެހެންކަމުން މިހާލަތުގައި މަތީ މަރުހަލާގެ ކޯޓުގެ ނިންމުމާ އެއްގޮތަށް ދަށު ކޯޓުގެ ފަނޑިޔާރު އަމަލުކުރަން ޖެހޭނެ ކަމަށާއި އެހެންވެ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާތިލުކޮށްދީ އެ މައްސަލަ އަލުން ބަލައި ދިނުމަށް އެދި މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އެ ވާހަކަތަކަށް ރައްދުދީ އަލީތަކުރުފާނުގެ ފަރާތުން ބުނެފައިވަނީ ފަނޑިޔާރުން އަމަލުކުރަން ޖެހޭނީ ގާނޫނާއި ގަވާއިދުތަކަށް ކަމުގައިވާ އިރު، މަތީ މަރުހަލާގެ ކޯޓަކުން މައްސަލަ ދަށު ކޯޓަށް ތަހުވީލުކުރުމުން، އެ މައްސަލައެއް ދަށު ކޯޓަށް އަލުން ހުށަހަޅަން ޖެހޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ މައްސަލައިގައި މަސްލަހަތު އޮތް ހަސްމެއް ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ދައުލަތުން ދަށު ކޯޓަށް ދައުވާ ހުށަހަޅަންޖެހޭ ކަމަށާއި މައްސަލަ ހުށަހެޅުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 81 ވަނަ މާއްދާއަށް ދައުލަތުން އަމަލުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ އަލުން ދައުލަތުގެ ފަރާތުން މައްސަލަ ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު އެ މައްސަލަ ބައްލަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން މަޒީދު، މައްސަލައިގެ ހުކުމަށް ވާސިލުވި ރައުޔުގައި ވިދާޅުވީ "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އަށް ބަލާއިރު އެ ގާނޫނު މަތީ މަރުހަލާގެ ކޯޓަކުން، ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލްތަކަށް ތަހުވީލުކުރާ މައްސަލަތައް ބެލުމުގެ އަމަލު ކުރާނެ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް ތަހުވީލު ކުރެވޭ މައްސަލަތައް ދަށު ކޯޓުގައި ގަޒިއްޔާ ކުރާނެ ގޮތުގެ އިޖުރާއަތެއް ނެތް ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް އަދި މަދަނީ އިޖުރާއަތުގެ ގާނޫނުގައި ވެސް އެކަން ބަޔާންކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ޖިނާއީ މައްސަލަތަކުގައި އަމަލުކުރުމަށް އޮތް ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި އަމަލުކުރާނެ އިރުޝާދު ބަޔާންކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ގަވާއިދުގައިވާ ގޮތުން މަތީ މަރުހަލާގެ ކޯޓަކުން ތަހުވީލުކުރެވޭ މައްސަލަތައް ދަށު ކޯޓުގައި ގަޒިއްޔާ ކުރަން ޖެހޭނީ އެ މައްސަލައެއް ތަހުވީލުކުރާ މަތީ މަރުހަލާގެ ކޯޓުން، ދަށު ކޯޓަށް އެ ތަހުވީލުކުރި
މައްސަލަ ލިބުމުންނެވެ. މި މާއްދާގައި ދައުލަތުން އަލުން ދަށު ކޯޓަށް ދައުވާ ހުށަހަޅަންޖެހޭ ކަމަށް ބަޔާންކޮށްފައި ނުވަނީ ގަވާއިދު ޑްރާފްޓްކުރުމުގެ އޮޅުމަކުން ކަމުގައި ނުބެލެވޭ ކަމަށާއި ތަހުވީލުކުރެވޭ
ގަޒިއްޔާތަކާ ގުޅިގެން، އާންމު އުސޫލުން ދައުލަތުން އަލުން ދަށު ކޯޓަށް ދައުވާ ހުށަހަޅަންޖެހޭ ގޮތަށް މި މާއްދާ މާނަކުރެވިދާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެގޮތަށް ދައުލަތުގެ ފަރާތުން ދައުވާ އަލުން ކޯޓަށް ހުށަހަޅަން ނުޖެހޭނެ ސަބަބުތައް ފަނޑިޔާރު ވަނީ ރައުޔުގައި ސާފުކޮށްދެއްވައިފައެވެ.
- ދަށު ކޯޓަށް ތަހުވީލުކުރެވޭ މައްސަލަތައް، މަތީ މަރުހަލާގެ ކޯޓުން ދަށު ކޯޓަށް ފޮނުވުމާއި އެ މައްސަލަތައް މަތީ މަރުހަލާގެ ކޯޓުން ދަށު ކޯޓަށް ލިބުމުން، ދަށު ކޯޓުގައި އެ މައްސަލަތައް ގާޒިއްޔާ ކުރުމަކީ އާންމުކޮށް އަމަލުކުރެވޭ ކޯޓުތަކުގައި އެއްބަސްވެވިފައިވާ އިޖުރާއަތަކަށްވުން
- އެކަމާ މެދު ދެފަރާތުގެ މެދުގައި މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުގެ ހިލާފެއް ނެތުން
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ދައުވާ ހުށަހެޅުން" މި އިބާރާތް. އަދި ތަހުވީލުކުރެވޭ މައްސަލަތަކާ ގުޅިގެން ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ 181 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ "އަލުން ބެލުމަށްޓަކައި މަތީ މަރުޙަލާގެ ކޯޓަކުން ތަހުވީލުކުރެވޭ މައްސަލަތައް ކޯޓަށް ލިބުމުން" މި އިބާރާތް
- އާންމު މާނައަށް ބެލުމުގެ އުސޫލުގައި ބަޔާންކުރާ އެއް ހަމައަކީ "ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން އޭގެން ވަކި މާނައެއް ދޭހަވާ ކަމަށްވާ ނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބެލުން"
"މި ހަމައިން ބަލާ އިރު ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ދަށު ކޯޓުތަކަށް ތަހުވީލުކުރެވޭ މައްސަލަތަކުގައި ދައުލަތުން އަލުން ދަށު ކޯޓަށް ދައުވާ ހުށަހެޅުމަށް ބަޔާންކޮށްފައިނުވާތީ، މިކަމަކީ އިޖުރާއަތުގައި ހިމެނިފައި ނެތް، ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ނޫން ކަމުގައި ބަލަން ޖެހެއެވެ. އެހެނީ ތަހުވީލުކުރެވޭ މައްސަލަތަކުގައި މިހާތަނަށް ވެސް އާންމު އުސޫލުން އަމަލުކުރަމުން އައިސްފައިވަނީ މިގޮތުގެ މަތިންނެވެ" ފަނޑިޔާރު ވިދާޅުވިއެވެ.
"މީގެ އިތުރުން ތަހުވީލުކުރެވޭ މައްސަލަތަކުގައި ދައުލަތުން ދަށު ކޯޓަށް އަލުން ދައުވާ ހުށަހެޅުން ލާޒިމް ކަމަށް ބަޔާންކޮށް، އެކަމުގައި ދައުވާ ކުރުމުގެ އާންމު އުސޫލުން މުއްދަތު ހިނގާނެ ކަމަށް ދަށު ކޯޓުގެ
ފަނޑިޔާރު ނިންމާފައިވަނީ ކޮން ގާނޫނީ ހަމައެއްގެ ދަށުން ކަން ސާފެއް ނޫނެވެ"
އެކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ރައުޔު ކަނޑައެޅުއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބާތިލުކުރި އެ ދައުވާ މައުލޫއީ ގޮތުން ބެލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލު ކުރުމަށެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަދު ފަރްހީނާޒް ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ހުސައިން މަޒީދު އެ މައްސަލައިގައި ކުރެއްވި ހުކުމުގައި ވިދާޅުވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާތިލުކޮށް، އެ ގަޒިއްޔާ މައުލޫއީގޮތުން ބެލުމަށް އެ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު