ރާއްޖޭގެ ޓޫރިޒަމަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ތަފާސްހިސާބުތައް ދައްކާ މަންޒަރަކީ ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވަމުން އަންނަ ކަމެވެ. މި އަހަރު އެ އަދަދު ދެ މިލިއަން ހުރަސް ކުރާނެ އެވެ. އެ ވާހަކަ ފަހުރުވެރިކަމާއެކު ވެރިން ދައްކަ އެވެ. ނަމަވެސް ދުނިޔޭގެ ނަން މަޝްހޫރު އަދި އަގުބޮޑު ރިސޯޓްތަކުން ފުރިފައި އޮތް މި ގައުމުގެ ހާލަތަކީ މި އެވެ؛ ދުވަހަކު ވެސް ޑޮލަރެއް ހުންނަ ކަމަކަށް ނުވެ އެވެ. ގައުމީ ބޭންކު އޮތީ ޑޮލަރުގެ ތާށިކަމެއްގަ އެވެ. ބޮޑެތި ވިޔަފާރިތަކުން ފެށިގެން އާންމު މީހާވެސް ޖެހެނީ ޑޮލަރަށް ސަލާން ޖަހާށެވެ.

ފަތުރުވެރިން ރާއްޖެ އައިސް ހިދުމަތަށް ފައިސާ ދައްކަނީ ބޮލި ހިލައިގެންނެއް ނޫނެވެ. ނޫނީ ފަތުރުވެރިން މިހާރު ރާއްޖެއަށް އަންނަނީ ދިވެހި ފައިސާ ހިފައިގެންނެއްވެސް ނޫނެވެ. މުޅިންވެސް ވައްދަނީ ޑޮލަރެވެ. އެހެންވެއްޖެއްޔާ އެ ޑޮލަރުތައް ކޮބާ ހެއްޔެވެ؟

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މިދިޔަ 2023 ވަނަ އަހަރު ރިސޯޓްތަކަށް 4.5 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނެވެ. ނަމަވެސް އޭގެ ތެރެއިން ރާއްޖޭގައި ހިންގާ ބޭންކުތަކަށް ޖަމާކުރީ 2.3 ބިލިއަން ޑޮލަރެވެ. އެއީ ލިބުނު އާމްދަނީގެ 52 ޕަސެންޓެވެ.

ރިސޯޓްތަކުން ބޭންކުތަކަށް ޖަމާކުރި ފައިސާގެ ތެރެއިން މާރުކުރީ 68 މިލިއަން ޑޮލަރެވެ. އެއީ ޖަމާކުރި ފައިސާގެ އެންމެ ތިން ޕަސެންޓެވެ. ނުވަތަ ލިބުނު އާމްދަނީއާ ބަލާނަމަ އެއީ 1.5 ޕަސެންޓެވެ.

މި އަދަދަކީ ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން، 2019 ވަނަ އަހަރު ޖަމާކުރި ފައިސާއަށްވުރެ ދަށް އަދަދެކެވެ. އެމްއެމްއޭ އިން ދިން މައުލޫމާތަށް ބަލާއިރު 2019 ވަނަ އަހަރު ރިސޯޓްތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 2.5 ބިލިއަން ޑޮލަރު ބޭންކުތަކަށް ޖަމާކުރި އިރު، މާރުކުރީ 152.5 މިލިއަން ޑޮލަރެވެ. އެއީ ޖަމާކުރި ފައިސާގެ ހަ ޕަސެންޓެވެ.

ރިސޯޓްތަކުން އެމްއެމްއޭ އަށް ޑޮލަރު ލިބޭނެ ގޮތެއް މިހާތަނަކަށް ނޯވެ އެވެ. އެ އޮތޯރިޓީއަށް ޑޮލަރު ވަންނަ ހަމައެކަނި މަގަކީ ޓެކުހުން ލިބޭ އާމްދަނީ އެވެ. އެހެން ނަމަވެސް ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދެނީ އެމްއެމްއޭ އިންނެވެ. އެ ފައިސާ ފޯރުކޮށްދޭން ޖެހެނީ އެ އޮތޯރިޓީގެ ރިޒާވް އިންނެވެ. ނަތީޖާއަކީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްއަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެ، އަބަދުވެސް ނޭވާ ހޮޅީގައި އޮތުމެވެ.

ބޭންކުތަކަށް ޓޫރިޒަމް ސިނާއަތުން މާރުކުރާ ފައިސާގެ އަދަދުތަކަށް ލިބޭ ފައިސާ ދަށްވުމުން ބޭންކުތަކަށްވެސް ބޭނުންވާ ޑޮލަރު ދޭންޖެހިފައި އޮންނަނީ އެމްއެމްއޭ އަށެވެ. އެގޮތުން 2019 ގައި އެމްއެމްއޭ އިން ބޭންކުތަކަށް 376.6 މިލިއަން ޑޮލަރު ދޫކުރި އެވެ. މިދިޔަ އަހަރު އެ އަދަދު ވަނީ 480.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެއީ 27 ޕަސެންޓްގެ އިތުރުވުމެކެވެ.

ރިސޯޓްތަކުން ބޭންކުތަކަށް މާރުކުރަން ލިބޭ ޑޮލަރު މަދުވި ނަމަވެސް 2019 އާއި މިދިޔަ އަހަރާ އަޅައިބަލާއިރު ބޭންކުތަކުގައި ބަހައްޓާފައި ހުރި ބޭރު ފައިސާގެ ޑިޕޮސިޓް ވަނީ 1.2 ބިލިއަން ޑޮލަރުން 1.8 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެއީ 45 ޕަސެންޓުގެ އިތުރުވުމެކެވެ.

ޑޮލަރުގެ ތާށިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުތަކުން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ނަމަވެސް ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، އެ މަސައްކަތް ފުރަތަމަ ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ މީގެ 15 އަހަރު ކުރި އެވެ. އޭރު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވީ ޑރ. ފަޒީލް ނަޖީބެވެ. އޭގެ ފަހުން އައި ހުރިހާ ސަރުކާރަކުންވެސް އެ މަސައްކަތް ކުރި އެވެ. ނަމަވެސް ބަދަލެއް މި އައީ އަދި ކިރިޔާ އެވެ.

"މި މަސައްކަތަކީ، މި ދެންނެވީ އަޅުގަނޑު ހަވާލުވެގެން ދެ މަސް ވީއިރު މަސައްކަތް ކުރި ކަމުގައި ވިޔަސް، މީގެ 15 އަހަރު ކުރީންސުރެން އެތައް ގަވަރުނަރުންނެއް މަސައްކަތް ކުރައްވާފައި އެބަ ހުރި،" މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ. ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށި އިރު، މުނައްވަރަކީ ޑެޕިއުޓީ ގަވަރުނަރެވެ.

މީގެ 37 އަހަރު، 1 މާޗު 1987 އިން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދަށް އެމްއެމްއޭ އިން މިފަހަރު މި ގެނައި ބަދަލަކީ ރާއްޖޭގެ ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން މިހާތަނަށް ގެނެވުނު އެންމެ ބޮޑު ބަދަލެވެ. އެންމެ ވަރުގަދަ އަދި އެންމެ ހަރުދަނާ ފިޔަވަޅެވެ.

އެ ބަދަލާއެކު ޓޫރިސްޓް ފެސިލިޓީތަކުން ވިއްކާ މުދަލާއި ހިދުމަތުން ރާއްޖެއަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އޭގެ އިތުރުން ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކާއި ސަފާރީ ފަދަ ޓޫރިސްޓް އުޅަނދުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސް އަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ރާއްޖޭގެ ބޭންކަކަށް މާރުކުރަންވެސް މަޖުބޫރެވެ.

މި ކަނޑައެޅި އަދަދުން ހިސާބު ޖަހަމާ ހެއްޔެވެ؛ މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން އައެވެ. އޭގެ ތެރެއިން 1.5 މިލިއަން ޓޫރިސްޓުން އައީ އޭ ކެޓަގަރީގައި ހިމެނޭ ރިސޯޓުތަކަށެވެ. އެހެންކަމުން އެއިން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ބޭންކުތަކަށް މާރުކޮށްފި ނަމަ، ބޭންކުތަކަށް އަހަރަކު 750 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ބާކީވާ ތިން ލައްކަ ޓޫރިސްޓުން ގެސްޓް ހައުސްތަކަށް އައި ނަމަ، އެއިން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ބޭންކަކަށް މާރުކުރުމުން ބޭންކުތަކަށް އަހަރަކު 7.5 މިލިއަން ޑޮލަރު ލިބޭނެ އެވެ. މީގެ ތެރެއިން 60 ޕަސެންޓް އެމްއެމްއޭއަށް ވިއްކަންޖެހޭއިރު، އެމްއެމްއޭގެ ތެރެއަށް 450 މިލިއަން ޑޮލަރު ވަންނާނެ އެވެ. މާރުކުރަން ވަކި އަދަދެއް ކަނޑައެޅި ނަމަވެސް އެމްއެމްއޭ އިން ވަނީ ވަކި ހާލަތްތަކެއްގައި އެއަށްވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދެވޭނެ ކަންކަން ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބޭރު ފައިސާ އިން ޓެކްސް ދެއްކުން.
  • މާލީ އިދާރާއަކަށް ބޭރު ފައިސާއިން ދަރަނި ދެއްކުން.
  • ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމެއް.
  • އޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމެއް.

އެމްއެމްއޭ އިން ބުނި ގޮތުގައި ރާއްޖޭގެ ބޭންކިން ސިސްޓަމަށް ޑޮލަރު މާރުކުރުން މަޖުބޫރުކޮށް ނެރުނު ގަވާއިދު އިސްލާހުކޮށް އިއުލާން ކުރުމުގެ ކުރިން ޓޫރިޒަމް ސިނާއަތާ މަޝްވަރާކުރި އެވެ. އޭގެ ތެރޭގައި ރިސޯޓް އޯނަރުންގެ ޖަމިއްޔާ (މަޓީ)، ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ)، ގެސްޓްހައުސް އަދި ހޮޓާތައް ތަމުސީލުކުރާ ޖަމިއްޔާ އަދި ބޯޓިން ޖަމިއްޔާ ހިމެނެ އެވެ.

އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ހޯދުމަށް 'ވަން' އިން ތަކުރާރުކޮށް އެ ޖަމިއްޔާތަކަށް ގުޅި ނަމަވެސް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. މައްސަލައިގެ ހައްސާސް ކަމުންކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގެ ގިނަ ފަރާތްތަކުން މިކަމަށް އެހާ ޝައުގުވެރިކަމެއް ނެތެވެ. މިއީ އެ މީހުން އެއްވެސް ގޮތަކަށް ބޭނުންވާ ބަދަލެއްވެސް ނޫނެވެ.

މަޓީން ފަހުން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްއޭ އިން އެ ޖަމިއްޔާ އާއެކު ބޭއްވި ބައްދަލުވުމުގައި ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުގައި ހިމެނުމަށް އެ އޮތޯރިޓީން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ އެ ޖަމިއްޔާއަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. ގަވާއިދު ގެޒެޓު ކުރިއިރު، އެ ޖަމިއްޔާގެ ފަރާތުން ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭގެ ފަރާތުން އިޖާބަ ދީފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް އެ ޖަމިއްޔާއިން ހުށަހެޅި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނުވެ އެވެ. ދެފަރާތުގެ މެދުގައި ބަހުސް ކުރެވުނު ކަމެއް، މަޓީއަށް އެއްބަސް ނުވެވެނީ ކޮން ކަމަކަށް ކަމެއްވެސް ބަޔާނުގައި ބުނަފައެއް ނުވެއެވެ.

މަޓީއަށް ތާއީދުކޮށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭގެ ގަވާއިދުން ސީދާ އަސަރު ކުރާނެ އެއްބަޔަކީ ޓޫރިޒަމް ކަމަށެވެ. އަދި ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދަން އަޅާ ފިޔަވަޅެއްގެ ސަބަބުން އެންމެ ބޮޑު ސިނާއަތަށް ގެއްލުމެއް ލިބުމަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މުޅި އިގުތިސާދަށް އިތުރު ގެއްލުން ލިބިދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މަޝްހޫރު ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނާޝިދުވެސް އުފެއްދީ ހަމަ އެފަދަ ސުވާލެކެވެ. 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓްހައުސްތައް އަދި ހޮޓާތައް ހިންގަވާ ނާޝިދު ވިދާޅުވީ، ގެސްޓްހައުސްތަކުން އެވްރެޖުކޮށް ދެ ޓޫރިސްޓަކަށް ރެއަކަށް 100 ޑޮލަރު ޗާޖުކުރާއިރު، ގެސްޓުން އަންނަނީ ތިނެއް ނުވަތަ ހަތަރު ރެއަށް ކަމަށެވެ. އެހެންކަމުން ކޮޓަރިއަކަށް ލިބޭނީ 300 އާއި 400 ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން އެބަޖެހޭ ރޫމުގައި މަޑުކުރި ދެ ގެސްޓުންނަށް 1000 ޑޮލަރު ބޭންކަށް މާރުކުރަން. އަޅުގަނޑުމެން އަނެއްކާވެސް ބްލެކް މާކެޓުންތޯ ޑޮލަރު ގަންނަންވީ،" ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވެފައިވެ އެވެ.

ބޯޓިން ޖަމިއްޔާގެ ކުރީގެ ރައީސް އަދި އެގްޒެކެޓިވް ބޯޑު މެންބަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)ގެ އޮތީ އެހެން ޝަކުވާއެކެވެ. ތަފާތުކުރާތީ އެވެ. އޭނާ ވަނީ ކޮންމެ ޓެކްސޭޝަނެއްގައިވެސް ރިސޯޓްތަކާއި އެއް ގިންތިއެއްގައި ސަފާރީ ބޯޓުތައް ގިންތި ކުރަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ. އަދި ސަފާރީ ބޯޓުތަކަށް އިތުރު ގިންތިއެއް އޮންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭ އިން ގެނައި ބަދަލު ގޯސް ކަމަށް ގިނަ ވިޔަފާރިވެރިން ގަބޫލުކުރި ނަމަވެސް ބައެއް ފަރާތްތަކަށް މިކަން ގޯހަށްވުރެ ރަނގަޅެވެ. ހާއްސަކޮށް ކުދި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކެވެ. 'ވަން' އާ ވާހަކަދެއްކި ބ. އަތޮޅުގައި ހިންގާ 12 ކޮޓަރީގެ ކުޑަ ގެސްޓްހައުސްއެއްގެ ވެރިއަކު ބުނީ ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ބޭންކަށް މާރުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ރަނގަޅު ކަމެއް ކަމަށެވެ.

"މިއީ މުޅިއަކުން ގޯސްކަމެއް ނޫން. ރަނގަޅު ކަމެއް. މީގެން މާބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ނުބެލެވޭ. އެކަމަކު ލިބޭ ފައިދާ ކޮންމެވެސް ވަރަކަށް މަދުވާނެ،" ގެސްޓްހައުސް ހިންގާ އެ މީހާ ބުންޏެވެ.

މި ރިޕޯޓަށް މައުލޫމާތު ދިން ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އާމްދަނީގެ ބޮޑު ބަޔަކީ ހަމައެކަނި ކޮޓަރި ވިއްކައިގެން ލިބޭ އާމްދަނީއެއް ނޫނެވެ. އެ ތަންތަނުން އެކްސްކާޝަންތަކާއި ޑައިވިން އަދި ރެސްޓޯރެންޓް ފަދަ ހިދުމަތްތަކުން ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކުން ލިބޭ އާމްދަނީއަކީވެސް ބޮޑު ބައެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް ސިނާއަތުގައި ހިދުމަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިނަ މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ޓޫރިސްޓް ފެސިލިޓީއެއްގެ އާމްދަނީއަކީ ހަމައެކަނި ރޫމް ބުކިން އަށް ނިސްބަތްވާ އާމްދަނީއެއް ނޫނެވެ. ހަގީގަތުގައި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 25 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބެނީ ފަތުރުވެރިންނަށް ފޯރުކޮށްދޭ އިތުރު އެކިއެކި ހަރަކާތްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓޫރިޒަމް ތަރައްގީ ކުރުމަށް އޮތް ޑިމާންޑް ބޮޑުވެ، އިންފްރާސްޓްރަކްޗާ ފުޅާވަމުންދާއިރު، ބޭރު ފައިސާގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ. އެއީ ހަމައެކަނި ކުރު މުއްދަތުގެ ފައިދާތަކެއް ހޯދުމަށް އާ ސިޔާސަތުތައް ތަންފީޒު ކުރުމެއް ނޫން ކަމަށާއި އެއީ ޓޫރިޒަމް ދާއިރާގެ ދިގު މުއްދަތުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުން ކަމަށްވެސް ވިދާޅުވި އެވެ.

"މި ތަރައްގީތަކަށް ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާއިރު ދުނިޔޭގެ ބާޒާރުގައި ރާއްޖެ ވާދަވެރި ގޮތެއްގައި ދެމި އޮތުމަށް، ފެސިލިޓީތައް އަޕްގްރޭޑް ކުރުމާއި އިތުރު ފަތުރުވެރިން ޝައުގުވެރިކުރުވުމަށްވެސް ކުރަންޖެހޭ ހޭދައަށާއި ގައުމުގެ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭރު ފައިސާ ވަރަށް މުހިންމެވެ. ވުމާއެކު ސަރުކާރުން މި ވަގުތުގެ ހާލަތަށް ބަލައި އެޅި ފިޔަވަޅު އެއީ ކޮންމެ ހާލަތެއްގައި ނަމަވެސް އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ދެކެމެވެ. އަދި ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންގެ ބޭނުންތައް ދެނެގަނެ ހައްލު ހޯދުމެވެ." ފިރާގު ވިދާޅުވި އެވެ.

ހަމަ އެހެންމެ، މަޝްހޫރު ވިޔަފާރިވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، އަބްދުﷲ ޖާބިރުވެސް ވަނީ ސަރުކާރުގެ މި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. ބިލިއަން ޑޮލަރުން ވިޔަފާރިކުރާ ގައުމެއްގައި، ޑޮލަރަށް ސަލާން ޖަހާން ޖެހުމަކީ ކަންކަން ވެގެން ވާނޭ ގޮތް ނޫން ކަމަށްވެސް ޖާބިރު ފާހަގަކުރެއްވި އެވެ. ވިޔަފާރިވެރީންގެ ހިތްހަމަނުޖެހުންތަކެއް މިވަގުތު އަދި ހުރި ނަމަވެސް، މި ކަމަކީ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށާއި އެންމެންވެސް ހަގީގަތުގައި އެކަން ގަބޫލު ކުރާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް މި ގެނައި ބަދަލަށް ދެކޮޅެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ގަވާއިދަކީ ޑޮލަރުގެ މައްސަލައަށް އެޅި މުހިންމު ފިޔަވަޅެކެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން ބައެއް ކަންކަމަށް އިތުރު ޕްރެޝަރުތައް އުފެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރެއް ދޭން ލާޒިމު ކުރުމުގެ ބަދަލުގައި އެ ފެސިލީއަކަށް ލިބޭ އާމްދަނީން ވަކި މިންވަރެއް މާރުކުރެވޭ ގޮތަށް ހެދުން މުހިންމެވެ. އަދި އެކަން ރިވިއު ކުރަން ސަރުކާރަށް ގޮވާލެއްވި އެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ، ސަފާރީތަކާއި ގެސްޓްހައުސްތަކާ ދެމެދު އެހާ ބޮޑު ތަފާތުކުރުމެއް ގެންގުޅުމުގެ ސަބަބުން މުޅި ލިވަބޯޑު އިންޑަސްޓްރީއަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. މެދު ފަންތީގެ ރިސޯޓުތަކަށް އެކަމުގެ ގެއްލުމާ ކުރިމަތިވެދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިގުތިސާދީ ތަޖުރިބާކާރު އިބްރާހިމް އާތިފް ޝަކޫރުވެސް ގަބޫލުކުރައްވާ ގޮތުގައި އެމްއެމްއޭ އިން ހެދި ގަވާއިދުތަކަކީ ހަމަ ޔަގީނުންވެސް އެންމެ ފުރިހަމަ ފިޔަވަޅެއް ނޫނެވެ. އިހުލާސްތެރިކަމާއެކު ހެޔޮ ނިޔަތުގައި ދައުލަތުން އިންޑަސްޓްރީއާ އެއް މޭޒުގައި ބައްދަލުކޮށް، މަޝްވަރާ ކުރުމުން މިހާރަށް ވުރެ ތަނަވަސް ފިޔަވަޅުތައް ފަރުމާ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ފިޔަވަޅުތަކެއް ނާޅައި އިތުރަށް ފަސް ކުރުމަށްވުރެ ފިޔަވަޅު އެޅުން މިއަދުގެ މި ހާލަތަށް ބަލާއިރު މުހިންމު ކަމަށް އާތިފް ވިދާޅުވި އެވެ.

ރާއްޖެއަކީ އެކްސްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވާއިރު، ބޭރު ފައިސާ ބޭންކުތަކުން ލިބޭ މިންވަރު މަދުވުމުގެ ނަތީޖާއަކީ ބޭރު ފައިސާގެ އަގު އިންތިހާއަށް އުފުލި ދެމިގެންދާ ކަޅު ބާޒާރެއް އޮތުމެވެ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އެހެންކަމުން އެމްއެމްއޭ އިން މި ގެނައި ބޮޑު ބަދަލަކީ ރައްޔިތުންގެ ހައްގުގައި އިގުތިސާދީ ހަމަޖެހުމަށް ކުރި ކަމެކެވެ. ދިވެހީންނަށް ޓޫރިޒަމުން ލިބޭ ބޮޑު ފައިދާގެ ހަގީގީ މަންފާ ލިބުމަށް ކޮށުނު މުހިންމު މަގެކެވެ. ހިތްހަމަ ނުޖެހުނަސް ޓޫރިޒަމް ސިނާއަތުންވެސް މިކަން ގަބޫލުކުރަންޖެހެ އެވެ. ބަލައިގަނެ، ސަޕޯޓު ދޭން ޖެހެއެވެ.