ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ޑްރޯންތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެ މުއައްސަސާ އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތަކާބެހޭ ކޮމިޓީ (241) އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މިއަދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުތައް މޮނިޓާ ކުރެވޭވަރުގެ ވަސީލަތްތައް ކަސްޓަމްސްގައި ގާއިމުވެފައި ނެތް ކަމަށެވެ. އެކަމުގެ ސަބަބުން އުޅަނދު ފަހަރު ރަނގަޅަށް މޮނިޓާ ކުރުމަށް ދަތިވެ، ހުއްދަ ނޫން އެއްޗެހި ރާއްޖެ އެތެރެކުރުމަށް ފުރުސަތު ލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި ޗައިނާއާއި އެމެރިކާ އިން ޑްރޯންތަކެއް ގެންނަން ހަމަޖެހިފައިވާއިރު، ޖަޕާނު ސަރުކާރުން 85 ފޫޓުގެ އުޅަނދަކާއި ޗައިނާ ސަރުކާރުން ދެ އުޅަނދަކާއި އެމެރިކާ އިންވެސް އުޅަނދެއް ލިބޭ ގޮތަށް ހަަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާނިއު އިތުރަށް ވިދާޅުވީ، ބޯޑަރަށް ވަންނަ އުޅަނދުތައް މޮނިޓާ ކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތަށް އެހީތެރިކަން ބަދަލުކުރުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި ޑްރޯންތައް ގެނަޔަސް އެ ތަކެތި އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއާކޯއާ ގުޅިގެން ކަމަށް ވިދާޅުވިއެވެ.