ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ފުޓުބޯޅައިގެ ހަޔާތް ބިނާކުރަން ފެށީ ކޮޓަރީގެ ފާރުގައި ޕޯޗުގަލްގެ ކެޕްޓަން އަދި އައިކަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޮޓޯގަނޑު ހަރުކޮށް، މިސާލަކަށް ބަލައިގެންނެވެ. އެމްބާޕޭގެ ކެރިއަރުގެ އެންމެ މަތީގައި އޭނާ މިހާރު ހުރީ "ރޮނާލްޑޯއަކީ އައިކަން" ކަމަށް ބަލައިގެންނެވެ. ރޮނާލްޑޯއާ ދެކޮޅަށް ކުޅޭ ކޮންމެ މެޗަކީވެސް އެމްބާޕޭއަށް ހާއްސަ މެޗަކަށް ވަނީ އެ ސަބަބަށް ޓަކައެވެ. މިރޭ ޔޫރޯ 2024ގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްއާއި ފްރާންސްގެ ކުރިމަތިލުން ވަކީން ހާއްސަ ވަނީ، ރޮނާލްޑޯގެ ޕީކުގައި އޭނާ ވިދާލި، ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ މިރޭގެ މެޗަށް ނުކުންނާތީއާވެސް އެކުގައެވެ.
ފްރާންސާއި ޕޯޗުގަލްއަކީ ހަމައެކަނި އެމްބާޕޭއާއި ރޮނާލްޑޯއެއް ނޫނެވެ. ދެޓީމުގައިވެސް ދުނިޔޭ ފެންވަރުގެ އެތައް ތަރީންނެއް އެބަތިއްބެވެ. އެހެން ނަމަވެސް، އެ ތަރީންގެ ތެރެއިންވެސް، އެމްބާޕޭއާއި ރޮނާލްޑޯއަކީ ދެގައުމުގެވެސް އެންމެ ޒިންމާ ބޮޑު ދެ ކުޅުންތެރިންނެވެ. ކެރިއަރުގެ ދެ ހިސާބެއްގައި ތިބި ނަމަވެސް، ދެ ކުޅުންތެރިންނަށްވެސް މީޑިއާއިން ދޭ ސަމާލުކަމާއި، ސަޕޯޓަރުންގެ ލޯބި ތަފާތެވެ.
މިއީ ރޮނާލްޑޯއާއި އެމްބާޕޭ ކުރިމަތިލާ ފުރަތަމަ ފަހަރެއް ނޫނެވެ. މި ދެ ކުޅުންތެރިން ވަނީ 2017-18 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައިވެސް ކުރިމަތިލާފައެވެ. އެފަހަރު ރެއާލް ޖާޒީގައި ރޮނާލްޑޯ ނުކުމެ، އެމްބާޕޭގެ ޕީއެސްޖީ ބަލިުރީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އެފަހަރު ރޮނާލްޑޯ ވަނީ ރެއާލާއެކު އޭނާ ހޯދި ހަތަރުވަނަ ޗެމްޕިއަންސް ލީގު ތަށި ހޯދައިފައެވެ.
ޔޫރޯ 2016 ގައި ރޮނާލްޑޯއާއެކު ނުކުތް ޕޯޗުގަލްއިން ފްރާންސް ބަލިކޮށް ތަށި ނެގި އިރު، އެމްބާޕޭ އަދި ސީނިއާ ޓީމުގެ މަންޒަރަކަށް ނާދެއެވެ. ޔޫރޯ 2020 ވަނަ އަހަރު ޕޯޗުގަލްއާއި ފްރާންސް ވާދަކުރި ގްރޫޕް ސްޓޭޖު މެޗު 2-2 އިން އެއްވަރުވި އިރު، އެމެޗުގައި ވިދާލީ ރޮނާލްޑޯ އެވެ. އޭނާ ދެ ގޯލު ޖަހައި ޕޯޗުގަލް ގަދަ 16 އަށް ގެންގޮސްދިނެވެ.
އެ ތާރީހީ މެޗުތަކުގެ ހާލަތާއި މިހާރުގެ ހާލަތު މުޅިން ތަފާތެވެ. ޗެމްޕިއަންސް ލީގުގައި އެމްބާޕޭ، ރޮނާލްޑޯއާ ކުރިމަތިލީ 19 އަހަރުގައެވެ. އޭރު ޕީއެސްޖީއަށް ކުޅުނީ މޮނާކޯގެ ލޯނެއްގައެވެ. އޭރު އެމްބާޕޭއަކީ އެންމެން ލޯ އަޅަމުން ދިޔަ އުންމީދީ ކުޅުންތެރިއެކެވެ. ފުރިހަމަ ޕްރޮޑަކްޓެއް ނޫނެވެ. އޭރު ދުނިޔޭ ފުޓުބޯޅައިގެ އެންމެ މަތީގައި ހުރި އެއް ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ.
މިއަދު އެ ހާލަތު ބަދަލުވެ، އެމްބާޕޭ އެ ހުރީ 25 އަހަރުގެ ތަރިއެއްގެ ގޮތުގައެވެ. ފްރާންސުން 2000 ވަނަ އަހަރަށްފަހު ޔޫރޯ ނެގުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ބާރޯސާ ވާނީ ޓީމުގެ ކެޕްޓަން އެމްބާޕޭއަށެވެ. ރެއާލަށް ބަދަލުވެ، މެޗެއް ނުކުޅުނަސް، އޭނާ ހުރީ ރެއާލް ކުލައިގައެވެ. ޓްރާންސްފާ ނިންމައިގެންނެވެ. އަންނަ ސީޒަނުގައި ރެއާލްގެ ސުޕަ ސްޓާރަކީ ޔަގީނުންވެސް އެމްބާޕޭއެވެ. އެއީ އިރެއްގައި ރޮނާލްޑޯގެ މަގާމެކެވެ. އެ މަގާމު ފުރަން އެމްބާޕޭ ތައްޔާރުވެ ހުރިއިރު، ރޮނާލްޑޯއަކީ މިހާރު އުމުރުން 39 އަހަރުގައި ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް، ސަމާލުކަން ލިބޭލެއް ކުޑައެއް ނޫނެވެ.
އުމުރުން 39 އަހަރުގައި ރޮނާލްޑޯއަކީ އަދިވެސް ފުޓުބޯޅަ ސަޕޯޓަރުން ޕޯޗުގަލަށް ދޭ ސަމާލުކަމުގެ މައިގަނޑު ސަބަބެވެ. ޕޯޗުގަލްއިން ގަދަ 16 ގައި ސްލޮވީނިއާ ކައިރިން ޕެނަލްޓީގައި މޮޅުވި މެޗުގައި ރޮނާލްޑޯގެ އެތައް ކަމެއް ފެނުނެވެ. ހިލޭ ޖެހުންތަކެއް ބޭކާރުކޮށްލައިި، މެޗު ތެރެއިން ލިބުނު ޕެނަލްޓީއެއް ނާކާމިޔާބުކޮށްލުމުން ފާޑު ކިޔުން އަމާޒުވިއެވެ. ރޮނާލްޑޯ އެރޭ ރުއި ރުއިމަށްވެސް ހިޔާލު އޮތީ ދެކަފި ވެފައެވެ. ޕެނަލްޓީއަށް ދިއުމުން އެންމެ ފުރަތަމަ ޕެނަލްޓީ ޖަހަން ގޮސް، ޕެނަލްޓީ ވައްދާލުމުން ރޮނާލްޑޯއަށް ވަނީ ތައުރީފުވެސް ކޮށްފައެވެ.
ދެކުޅުންތެރިންގެ މަގުބޫލުކަމާއި މަޝްހޫރު ކަމުގެ ވާހަކަ ކިތަންމެ ވަރަކަށްވެސް ދެކެވިދާނެއެވެ. އެ ރޭހުގައި ކުރީގައި އަދި އޮތީ ޔަގީނުންވެސް ރޮނާލްޑޯއެވެ. ދަނޑު ބޭރުން ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ބްރޭންޑެވެ. ރެއާލްގެ އައިކަންއެކެވެ. ސީއާރް7 އަކީ ހޮޓެލް ބްރޭންޑެއްގެ އިތުރުން ލަގްޒަރީ އެތައް ވިޔަފާރިއެއްގެ ބްރޭންޑެކެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރޮނާލްޑޯ އަދިވެސް އަންނަނީ ރަސްކަން ކުރަމުންނެވެ.
ދަނޑު ބޭރުން އެމްބާޕޭ މިސްރާބު ހުރީ އެ މަގުންނެވެ. ރެއާލް މެޑްރިޑަށް ކުރި ސޮއިއާއެކު އެ މަންޒަރަށް އެމްބާޕޭ އަންނާނެ ކަމަށް ލަފާކުރެވިދާނެއެވެ. ދަނޑު ބޭރުގެ އެ ވާހަކަތަކާއި، ސޯޝަލް މީޑިއާގެ ބަހުސްތައް އެއްފަރާތްކޮށް، މިރޭގެ ކުއާޓާ ފައިނަލާ ހަމައަށް ޖެހިލަމާ ހިނގާށެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، މިފަހަރުގެ ޔޫރޯއަކީ ދެކުޅުންތެރިންނަށްވެސް އެންމެ ފަސޭހަ ޔޫރޯއެއް ނޫނެވެ. ފްރާންސުން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސް، އޭނާއަށް ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުޅެވުނެވެ. އޭގެފަހުން ޕޮލެންޑާ ދެކޮޅަށް ކުޅެ ޕެނަލްޓީއަކުން ގޯލު ޖެހި ނަމަވެސް، އެމްބާޕޭ އަންނަނީ މާސްކެއްގައި އެތައް ތަކުލީފެއް އުފުލަމުންނެވެ.
މިހާރު ފްރާންސް ކުޅެމުން އަންނަ މަޑު، ޑިފެންސަށް ސަމާލުކަން ދޭ ސިސްޓަމަށް އެމްބާޕޭ ފިޓްހެނެއްވެސް ހީއެއް ނުވެއެވެ. މިހާތަނަށް ޖަރުމަނުގައި ފްރާންސުން ކުޅުނު މެޗެއްގައި އޯޕަން ޕްލޭއިން ގޯލެއް ޖެހިފައެއްވެސް ނުވެއެވެ. އެޓީމަށް އެންމެ ފައިދާ ކޮށްފައިވަނީ ބައިކޮޅަށް ވަން ގޯލުންނެވެ.
ދެން ހުރީ ރޮނާލްޑޯއެވެ. އަދި ގޯލެއް ނުޖެހެއެވެ. ޖޯޖިއާއާއި ސްލޮވީނިއާ ފަދަ ގައުމުތައް ކައިރީ އޭނާ ގިނަ ޝޮޓްތަކެއް ހެދި ނަމަވެސް، ގޯލެއް ނުފެނި ގްރޫޕް ސްޓޭޖު ނިންމާލައި، ގަދަ 16 ނިންމާލުމަކީ ރޮނާލްޑޯގެ ފެންވަރެއް ނޫނެވެ. ޓީމުގެ އެވަރެޖު އުމުރަށްވުރެ މާ ބޮޑަށްވެސް އުމުރު މަތި ރޮނާލްޑޯގެ ފަރާތުން ޓީމަށް ކުރަނީ ފައިދާތޯ، ނޫނީ ވަނީ ގެއްލުންތޯ ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ.
ފޯމު ކަޓާފައި ހުރި ނަމަވެސް، ދެ ކުޅުންތެރިންނަށް މިރޭ އޮތީ ފެންވަރު ދައްކަން އިތުރު ފުރުސަތެކެވެ. ހުނަރުގެ ގޮތުންނާއި، ޓީމުން ބަރޯސާވާ ވަރަށް ބަލައި، އަދިވެސް ދެކުޅުންތެރިންގެ ޖާދުވީ ވަގުތެއް ފެނިދާނެއެވެ. އެ ވަގުތަށް ފުޓުބޯޅައިގެ އެތައް މިލިއަން ސަޕޯޓަރުންނެއް އިންތިޒާރުކުރާކަންވެސް ޔަގީނެވެ.
ރޮނާލްޑޯ 2010 ވަނަ އަހަރު ރެއާލަށް ދިޔައީ ތިން ޕްރިމިއާ ލީގު ތަށްޓާއެކު ޗެމްޕިއަންސް ލީގެއްގެ އިތުރުން ބެލޮންޑިއޯއެއްވެސް ހޯދައިގެންނެވެ. ރެއާލަށް ގޮސް ފެށުންވެސް ގޯހެއް ނޫނެވެ. 35 މެޗުން 33 ގޯލު ޖެހިއެވެ. ރެއާލް މެޑްރިޑަށް ރޮނާލްޑޯ ކުޅުނު 292 މެޗުގައި 311 ގޯލު ޖެހިއެވެ. ރެއާލް ކެރިއަރު ނިންމާލީ އިތުރު ހަތަރު ޗެމްޕިއަންސް ލީގާއި ހަތަރު ބެލޮންޑިއޯވެސް ހޯދައިގެންނެވެ.
އެމްބާޕޭ އަތުގައި މިވަގުތު އޮތީ ފްރާންސް ލީގު ތަށިތަކެއްގެ އިތުރުން ވޯލްޑް ކަޕެކެވެ. ކްލަބު ކެރިއަރުގައި 287 ގޯލު ޖެހި އެމްބާޕޭ ރެއާލަށް ދަނީ ރޮނާލްޑޯއަށްވުރެ ގޯލުގެ އަދަދު ގިނަކޮށެވެ. ރޮނާލްޑޯ ރެއާލަށް ދިއުމުގެ ކުރިން ޖަހާފައި އޮތީ 118 ގޯލެވެ. އެމްބާޕޭ ކުޅުނު މިދިޔަ ހަތް ސީޒަނުގެ ތެރެއިން ފަސް ސީޒަނެއްގައި، ރޮނާލްޑޯ ރެއާލްގެ ފުރަތަމަ ސީޒަނުގައި ޖެހި 33 ގޯލަށްވުރެ އިތުރަށް ގޯލު ޖަހާފައިވެއެވެ. އާ ސިޓީއަކަށް، އާ ސިސްޓަމަކަށް ގޮސް، ރޮނާލްޑޯ ދެއްކި ތަފާތު، ނެގި ޒިންމާ އެމްބާޕޭއަށް ނެގޭނެތޯ، އެއީ ކުރެވޭނެ ސުވާލެކެވެ. އެ ސުވާލަށް އަންނަ ސީޒަނުގައި ޖަވާބު ލިބޭނެއެވެ. އޭގެ ކުރިން އޮތީ މިރޭގެ ހާއްސަ ބައްދަލުވުމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް