މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލިސް މެޖޯރިޓީ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީއަށް މިހާރު ވަނީ މަޖިލީހުގެ 62 ގޮނޑި ކާމިޔާބު ކުރެވިފައެވެ. އެމްޑީޕީއަށް 11 ގޮނޑި ކާމިޔާބު ކުރެވުނު އިރު، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއެންއެޕީ، އެމްޑީއޭ އަދި ދަ ޑިމޮކްރެޓްސްއަށް ކާމިޔާބުވެފައިވަނީ އެއް ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ.

އެހެންކަމުން ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއަށް މިވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިފައެވެ. އަދި ސުޕަ މެޖޯރިޓީ ވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުން ފަށާފައިވަނީ 8:00 ޖެހި އިރުއެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހަވީރު 5:30 ހާ ހަމަޔަށެވެ. އެ ވަގުތަށްފަހު ވޯޓު ލެވޭނީ ވަގުތު ހަވަމުގެ ކުރިން ކިޔު ލައިނުގައި ތިބި މީހުންނަށް އެކަންޏެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ ވޯޓް ގުނަން ފަށާނީ ވޯޓް ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

އީސީން ތަފާސްހިސާބުން ދައްކާ ގޮތުން 5:00 އާ ހަމައަށް 207,693 އަށް ވުރެ ގިނަ މީހުން ވޯޓުލައިފައި ވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 72.96 ޕަސެންޓެވެ.