މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ބުރުގައި ރޭ ކުޅުނު މެޗުތަކުން ދ. ކުޑަހުވަދޫ އާއި ކ. ގާފަރުގެ އިތުރުން ބ. އޭދަފުއްޓާއި ބިލެއްދޫވެސް މޮޅުވެއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ޒޯން ތިނަކާއި ހަތަރެއްގެ އިތުރުން ފަހެއް އަދި އަށެއްގެ މެޗުތަކެވެ. ޒޯން ތިނެއްގައި ހަތަރު އަތޮޅެއްގެ ޓީމުތައް ވާދަކުރަމުންދާ އިރު، ރޭ ބ. އަތޮޅުގެ ޗެމްޕިއަން އޭދަފުށިން ކ. އަތޮޅުގެ ރަނަރަޕް ކާށިދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އޭދަފުށީގެ ގޯލުތައް ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ހައިސަމް ހަސަން (ބިޑި) އަދި މުހައްމަދު ފާސިރެވެ.
އެ ޒޯންގައި ރޭ ކ. އަތޮޅުގެ ޗެމްޕިއަން ގާފަރުން ވަނީ ބޮޑު ތަފާތަކުން ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫ ބަލިކޮށްފައެވެ. 8-0 އިން ރޭގެ މެޗު ގާފަރު ކާމިޔާބުކުރި އިރު، ގޯލުތައް ޖެހީ އިބްރާހީމް ރިމާހް، ޝަނާން ރަޝީދުގެ އިތުރުން އަލީ މާއިސް (މައްޓު) އަދި ގައިސާން އަބޫބަކުރު މާހީރެވެ. މެޗުގައި ރިމާހް ހެޓްރިކް ހެދި އިރު، ޝަނާނާއި މައްޓު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.
ރޭ ކުޅުނު ޒޯން ފަހެއްގެ މެޗުތަކަށް ބަލާ އިރު، އެ ޒޯނުގައި ވާދަކުރާ ފ. އަތޮޅުގެ ޗެމްޕިއަން ބިލެއްދޫން ވަނީ މ. އަތޮޅުގެ ޗެމްޕިއަން ނާލާފުށި ކައިރިން 5-2 އިން މޮޅުވެފައެވެ. މެޗުގައި ބިލެއްދޫގެ ނަދީފް އިބްރާހީމް ހެޓްރިކް ހެދި އިރު، މުހައްމަދު ޒީދާން ޒުހުރީ ދެ ގޯލު ޖެހިއެވެ. އަނެއްކޮޅުން ނާލާފުށީގެ ދެ ގޯލުވެސް ޖަހައިދިނީ އިބްރާހީމް ޝައްފާނެވެ.
އެ ޒޯނުގައި ރޭ އިތުރު މެޗެއްވެސް ކުޅެފައިވާ އިރު، ކުޑަހުވަދޫން މުލަކު ކައިރިން މޮޅުވި މެޗުގައި ތަރިއަކަށްވީ މުހައްމަދު އަރީޝްއެވެ. ކުޑަހުވަދޫން 5-1 އިން މެޗު ކާމިޔާބުކުރި އިރު، މެޗުގައި އަރީޝް ވަނީ ހެޓްރިކް ހަދައިފައެވެ. އޭނާގެ އިތުރުން އެޓީމުގެ ގޯލުތައް ޖެހީ ޝައުކަތު އަމީނާއި އަރީފް މަހުމޫދެވެ. މުލަކުގެ ހަމައެކަނި ގޯލު ޖެހީ އާދަމް ޝަހީމެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މިރޭވެސް ޒޯން ބުރުގެ މެޗުތައް ކުރިއަަށް ދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް