ޕީއެސްޖީގެ ސުޕަ ސްޓާރު، ފްރާންސްގެ ކިލިއަން އެމްބާޕޭ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލާނެކަން ރަސްމީކޮށް އަންގައިފިއެވެ.
އިތުބާރު ހުރި ނޫސްތަކުން ބުނެފައިވަނީ އުމުރުން 25 އަހަރުގެ އެމްބާޕޭ، ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، އޭނާ ދެން ދާނެ ކަމަށް ބެލެވެނީ ރެއާލް މެޑްރިޑަށް ކަމަށެވެ.
މިދިޔަ ސީޒަނުގައިވެސް އެމްބާޕޭ ރެއާލަށް ދާން މަސައްކަތް ކޮށްފައިވާ އިރު، އެ ފަހަރު އެކަން ހުއްޓުވީ ޕީއެސްޖީގެ ވެރިޔާއެވެ. އެ ފަހަރު އޭނާ އެމްބާޕޭ މަޑުކުރުވީ އެއްބަސްވުން އާކުރުވާށެވެ. އެކަން އަދި މިހާތަނަށްވެސް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން އެމްބާޕޭ ދެން ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައެވެ.
ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން އާކުރުވަން ސީނިއާ ޓީމުގެ ފަރިތަކުރުންތަކުން އެކަހެރިކޮށް، ޕްރި ސީޒަން ޓުއާއިންވެސް ބޭރުކޮށްފައިވެއެވެ.
ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި އެމްބާޕޭއަށް ޕީއެސްޖީން 171 މިލިއަން ޕައުންޑް އަހަރެއްގެ މައްޗަށް ދޭ އިރު، އެ ކްލަބުން މިހާރު މަސައްކަތް ކުރަމުންދަނީ ސުޕަ ސްޓާރުން މަދުކޮށްގެން ޓީމެއް ބިނާކުރުމަށެވެ. އެ ވިސްނުމުގެ ދަށުން މިދިޔަ ސީޒަނަށްފަހު ލިއޮނަލް މެސީއާއި ނޭމާވެސް އެ ކްލަބުން ވަނީ ދޫކޮށްލައިފައެވެ.
އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ގަސްދުކޮށްފައިވާ އިރު، 290 މެޗު އެ ކްލަބަށް ކުޅެ، 243 ގޯލު ޖަހައި، 93 އެސިސްޓްވެސް ފުރިހަމަ ކޮށްފައިވެއެވެ. އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާވެސް މެއެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ