ސްޕެއިނާއެކު ވޯލްޑް ކަޕް ހޯދުމުގެ އިތުރުން ބާސެލޯނާއާއެކު ސްޕެނިޝް ލީގު ހޯދުމާއެކު ބެލޮންޑިއޯ ހައްގު ވަނީ ލަމީން ޔަމާލަށް ކަމަށް އޭނާ ބުނެފިއެވެ.

މިއަހަރު ބެލޮންޑިއޯއަށް ނޮމިނޭޓްވާ 30 ކުޅުންތެރިންގެ ނަންތައް އިއުލާނު ކޮށްފައިވާ އިރު، އޭގެ ތެރޭގައި ޔަމާލްވެސް ހިމެނެއެވެ. ނޫސްވެރިންގެ ވޯޓާއެކު ހޮވާ ބެލޮންޑިއޯގެ މިއަހަރުގެ އިވެންޓް އޮންނާނީ އަންނަ މަހު 26 ގައެވެ. ލަންޑަނުގައި އިވެންޓް ބާއްވަން ނިންމާފައިވާ އިރު، މިއީ ބެލޮންޑިއޯއަށް 70 އަހަރު ފުރޭ އަހަރެވެ. ލަންޑަނުގައި އެވޯޑުގެ އިވެންޓް ބާއްވަން ނިންމާފައި ވަނީ އެންމެ ފުރަތަމަ ބެލޮންޑިއޯ ހޯދި އިނގިރޭސި ކުޅުންތެރިޔާ، ސާ ސްޓޭންލީ މެތިއުސްގެ ޝަރަފުގައެވެ.

ބާސާއިން މިދިޔަ އަހަރު ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ކާމިޔާބުކުރި އިރު، ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޔަމާލެވެ. ގައުމީ ޓީމާއެކު ވޯލްޑް ކަޕް ހޯދި ޔަމާލް އެ މުބާރާތުގައި އެ ގޯލް ޖެހުމުގެ އިތުރުން އެސިސްޓެއް ފުރިހަމަ ކުރިއެވެ. ބާސާއާއެކު މިދިޔަ ސީޒަނުގައި ޔަމާލް ވަނީ 55 މެޗުގައި 18 ގޯލް ޖަހައި 21 އެސިސްޓް ފުރިހަމަ ކޮށްފައެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މިވަގުތު ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންނަކީ އަހަންނާއި އެމްބާޕޭ. މިއަހަރު އަހަންނަށް ބެލޮންޑިއޯ ހައްގު ވަނީ ވޯލްޑް ކަޕް ހޯދީމަ. އެމްބާޕޭއާއި އަހަންނަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންކަން ފުޓުބޯޅަ ބަލާ އެންމެންނަށްވެސް އެނގޭނެ. އަހަންނާ އެވޯޑަށް ކިރިޔާ ވާދަކޮށްލެވެންވެސް އޮތީ އެމްބާޕޭއަށް،" ޔަމާލް ބުންޏެވެ.

ޔަމާލަކީ މިދިޔަ އަހަރު ބެލޮންޑިއޯ ހޯދި އުސްމާން ޑެމްބެލޭގެ ފަހަތުން ރަނަރަޕް ހޯދި ކުޅުންތެރިޔާއެވެ.

ޔަމާލް ފާހަގަކުރި އުމުރުން 27 އަހަރުގެ އެމްބާޕޭއަށް މިދިޔަ ސީޒަން ވެގެންދިޔައީ އިންޑިވިޖުއަލީ ކާމިޔާބު ސީޒަނަކަށެވެ. ރެއާލް މެޑްރިޑާއެކު ތަށްޓެއް ނުހޯދުނު ނަމަވެސް، ކުޅުނު 44 މެޗުގައި 42 ގޯލް ޖެހިއެވެ. އޭގެ އިތުރުން ތަފާތު ވަރުގަދަ ފޯމަކާއެކު ފްރާންސާއެކު ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށްވެސް ދަތުރު ކޮށްފައިވެއެވެ. އެމްބާޕޭއަކީ މިހާރު ތާރީހުގައިވެސް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެމްބާޕޭ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދީ 10 ގޯލް ޖަހައިގެންނެވެ.