ދެހާސް ސޯޅަ ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރުމާ ގާތަށް ދެވުނު ކަމަށް ރެއާލް މެޑްރިޑްގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

އެމްބާޕޭ ބުނީ، އޭނާގެ އުމުރުން 18 އަހަރުގައި ލިވަޕޫލުން އޭނާ ހޯދަން އޭރުގެ ކްލަބު މޮނާކޯއާ ވާހަކަ ދެއްކި ކަމަށެވެ. އެކަމުގައި މީގެ ކުރިން އޭރު ލިވަޕޫލް ކޯޗު، ޔާގަން ކްލޮޕްވެސް ވާހަކަ ދައްކާފައިވާ އިރު، ކްލޮޕް އޭރު ބުނީ އެމްބާޕޭ ގެންދަން ލިވަޕޫލުން ޕްރައިވެޓް ޖެޓެއް ފޮނުވައި، ރަނގަޅު ފެންވަރުގެ ކެއުންތައްވެސް ދިން ކަމަށެވެ.

އެމްބާޕޭ ބުނީ އޭނާގެ މަންމައަކީ ކްލޮޕްގެ ބޮޑު ސަޕޯޓަރެއް ކަމަށާއި، އެފަހަރު ލިވަޕޫލަށް ދިއުން އެއީ މަންމަވެސް އެދުނު ގޮތް ކަމަށެވެ. އެކަމަށް މަންމަ ވެސް އޭނާ ގާތުގައި އެދުނު ކަމަށް އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ އެފަހަރު ލިވަޕޫލުން ހުށަހެޅުމެއް ލިބުނު ނަމަވެސް ޕެެރިސްގައި މަޑުކުރީ އޭނާގެ ސިޓީގައި ކުޅުމަށް ކަމަށާއި، އެހެން ކްލަބަކަށް ދާން ބޭނުންވީ އަމިއްލަ ފަސްގަނޑުގައި ނަން ހިނގާ ކުޅުންތެރިޔަކަށް ވުމަށް ފަހުގައި ކަމަށެވެ.

މިހާރު އުމުރުން 27 އަހަރުގެ ފްރާންސް ކެޕްޓަން އެމްބާޕޭ ބުނީ ލިވަޕޫލާއެކު ކުރި ފުރަތަމަ މަޝްވަރާތަކަށް އޭނާގެ މަންމަ އެންފީލްޑަށް ދިޔަ ކަމަށާއި، އެހިސާބުން މަންމަ އެ ކްލަބަށް އިތުރަށް ލޯބި ޖެހުނު ކަމަށެވެ. އަދި ލިވަޕޫލްގެ ހުރިހާ އެންމެންގެ ރަނގަޅުކަމުގެ ވާހަކައާއި ސްޓޭޑިއަމްގެ ހައިބަތު ބޮޑުކަމުގެ ވާހަކަ ދެއްކި ކަމަށްވެސް އެމްބާޕޭ ބުންޏެވެ.

އެމްބާޕޭގެ ޓްރާންސްފާއާ ގުޅިގެން ކްލޮޕް ބުނީ އެފަހަރު ޕްރައިވެޓް ޖެޓުގައި މުޅި އާއިލާ ތިބި ކަމަށާއި، އެ ވާހަކަތައް ނިމުނީ މާބޮޑު ފައިދާއެއް ނުކޮށް ކަމަށެވެ. އަދި ލިވަޕޫލަށް ދާން ދިޔަ ޖެޓު އަނބުރާ ފްރާންސަށް ދާން ޖެހުނީ ކަމަށް އޭނާ ބުނެފައިވެއެވެ.