ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫން ދިފާއުކުރި އިރު، ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށިން އަދި ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، ރޭ ވަނީ ތިން އަތޮޅު ފައިނަލެއްގެ އިތުރުން ޅ. އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުތައް ކުޅެފައެވެ.
އެންމެ ފުރަތަމަ ރޭ ތ. އަތޮޅުގެ ފައިނަލްގައި އެންމެފަހުގެ އަތޮޅު ރަނަރަޕް ތިމަރަފުށިން އޮމަދޫއާ ދެކޮޅަށް ނުކުތް އިރު، އެ މެޗު ތިމަރަފުށިން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ތިމަރަފުށިން އަތޮޅު ތަށި ޔަގީންކުރި މެޗުގައި އެޓީމަށް ގޯލުތައް ޖަހައިދިނީ އަބްދުﷲ ޒިޔާނާއި އަބްދުﷲ ތަހުސީން، އިސްމާއީލް މުނީޒްގެ އިތުރުން އިބްރާހީމް ހަމްދާން (ހަމްދެ) އެވެ. މެޗުގައި ޒިޔާން ދެ ގޯލު ޖެހި އިރު، އޮމަދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އަލާއުއެވެ.
ތ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ ތިމަރަފުށީގެ ހަމްދާނަށެވެ.
ގދ. އަތޮޅުގެ ފައިނަލް، މިދިޔަ އަހަރުވެސް އަތޮޅު ޗެމްޕިއަން، އަދި މުޅި މުބާރާތުގެ ރަނަރަޕް ވާދޫން ހޯދީ ތިނަދޫ 4-1 އިން ބަލިކޮށްފައެވެ. އެ މެޗުގައި ތިނަދޫގެ ގޯލުތައް އަޔާޒް އަހުމަދާއި މުހައްމަދު އިޔާދު އަލީ އަދި މުހައްމަދު ނާއިލް ޖެހި އިރު، ތިނަދޫގެ ހުސައިން ގާޒިލް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ތިނަދޫގެ ގޯލު ޖެހީ އިބްރާހީމް ހުސައިންނެވެ. މެޗަށްފަހު އަތޮޅު އެންމެ މޮޅު ކުޅުންތެރިޔާއާއި ޓޮޕް ސްކޯރާގެ މަގާމަށް ޓްރޮފީ ދީފައިވާ އިރު، އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވާދޫގެ ކެޕްޓަން އަޔާޒެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ވާދޫގެ އިޔާދެވެ.
ރޭ އެންމެފަހުން ކުޅުނީ ފޯރިގަދަ، ގއ އަތޮޅުގެ ފައިނަލެވެ. އެމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ކަނޑުހުޅުދޫން އަތޮޅު ތަށި ނެގީ ގެމަނަފުށި، 6-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކަނޑުހުޅުދޫގެ އަހުނަފް ޒާހިރާއި މުހައްމަދު ޒައިން ނިޔާޒް އަދި އިސްމާއީލް އަންވާރު ގޯލު ޖެހި އިރު، އެޓީމުގެ ކެޕްޓަން ޒައިންއަށް މެޗުގައި ރަތް ކާޑުވެސް ދައްކާފައިވެއެވެ.
ގެމަނަފުށިން ކުޅުމުގެ ތެރެއިން ޖެހި ގޯލުތައް ޖަހައިދިނީ އަލީ ޝާޒް ހަބީބާއި ހުސައިން ތާއިމް އަދި އަހުމަދު ޝާމްއެވެ. އެޓީމަށް ޕެނަލްޓީ ވައްދައިދިން ހަމައެކަނި ކުޅުންތެރިޔަކީ ތާއިމްއެވެ. އަނެއްކޮޅުން ކަނޑުހުޅުދޫގެ އަހްނަފާއި އައްޒާމް އަލީ ދީދީ އަދި އަންވާރު ޕެނަލްޓީ ކާމިޔާބުކުރިއެވެ.
އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިތަކީވެސް ކަނޑުހުޅުދޫގެ އަހްނަފެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް