ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ދ. އަތޮޅު ތަށި އަނެއްކާވެސް ކުޑަހުވަދޫން ހޯދި އިރު، ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެތްދޫން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭވެސް ވަނީ 8 މެޗެއް ކުޅެފައެވެ. އެއީ ޅ. އަތޮޅުގެ ލީގު ބުރުގެ ދެމެޗާއި ފ އަތޮޅާއި ދ އަތޮޅުގެ ފައިނަލްގެ އިތުރުން ލ އަދި ގއ އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތަކެވެ.
ޅ. އަތޮޅުން ޖުމުލަ ހަތަރު ޓީމެއް ވާދަކުރަމުން އަންނައިރު، ރޭގެ މެޗުތަކަށް ނުކުތް އިރު، ފުރަތަމަ އެ އަތޮޅުގައި ކުޅުނު ދެމެޗުވެސް އޮތީ އެއްވަރުވެފައެވެ. ރޭ ކުރެންދޫން ކުޅުނު މެޗުގައި 4-3 އިން އޮޅުވެލިފުށި ބަލިކުރި އިރު، ހިންނަވަރާއި ނައިފަރު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.
ކުރެންދޫން މޮޅުވި މެޗުގައި އޮޅުވެލިފުށި ކޮޅަށް ގޯލުތައް ޖަހައިދިނީ މުހައްމަދު ނަބީހާއި އަހުމަދު އަންވަރު އަދި ހުސައިން ފިއާޒެވެ. ނަބީހު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އޮޅުވެލިފުށީގެ ގޯލުތައް ޖެހީ އަހުމަދު ސުހައިލާއި އިޔާޒް އިލްޔާސް އަދި އިމްރާން މުހައްމަދެވެ.
ހިންނަވަރުގެ ގޯލުތަކުގެ ތެރެއިން ދެގޯލު އަހުމަދު އަޝްރަފް ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު ޝުޖާއު އަލީއެވެ. ނައިފަރުގެ ގޯލުތައް ޖެހީ އަބްދުﷲ ރަމީޒު އަހުމަދާއި މަޖުދާން ސޯލިހް އަދި ހުސައިން ފައިސަލްއެވެ.
ފ. އަތޮޅާއި ދ. އަތޮޅުގެ ފައިނަލްތައް އެއް ގަޑިއެއްގައި ކުރިއަށް ދިޔަ އިރު، ފ. އަތޮޅު ފައިނަލުގައި ބިލެތްދޫން ދަރަނބޫދޫ ބަލިކުރީ 5-4 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަކޮށް ފެނިގެން ދިޔަ ފައިނަލުގައި ބިލެތްދޫގެ ރިމާން އަލީއާއި މުހައްމަދު ޒީދާން ޒުހުރީ، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ ނަދީފް އިބްރާހީމެވެ.
ދަރަނބޫދޫގެ ސާޖިދު އަހުމަދު އިބްރާހީމާއި މުއައްލިމް އުމަރު، މުޒްދާން ހަސަން ރޭގެ މެޗުގައި ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލަކީ ބިލެތްދޫގެ ޝުހާން އަބްދުލް ލަތީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ފ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ބިލެތްދޫގެ ޒީދާން ޒުހުރީއެވެ.
ދ. އަތޮޅުގެ ތަށި ކުޑަހުވަދޫން ދިފާއުކުރީ ރޭގެ ފައިނަލުގައި މާއެނބޫދޫ ކައިރިން 6-2 އިން މޮޅުވެގެންނެވެ. ދެޓީމުން ލީގު ބުރުގައި ކުޅުނު މެޗު އެއްވަރުވެފައި އޮތް ނަމަވެސް، ރޭގެ މެޗުގައި ކުޑަހުވަދޫ ފެނުނީ ވަރުގަދަ ކޮށެވެ.
އެޓީމުގެ މުހައްމަދު އަރީޝް އަދި ހާރޫން އިބްރާހީމް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ޖުމައިލް ޖަމީލާއި ހުސައިން އިފްހާމެވެ. މާއެނބޫދޫގެ ގޯލުތައް ޖެހީ އަހުމަދު ޝައިހާނާއި އަބްދުﷲ ޒާން ޒަހީނެވެ. ދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ކުޑަހުވަދޫގެ މުހައްމަދު އަރީޝް އެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް