"މިހާރަކު އެފްއޭއަށް ވަންނަ ފައިސާއަކަށް އަތްލެވޭނެ ނުރަނގަޅު ގޮތެއް ނޯންނާނެ. މިހާރުވެސް ކުރިއަށް އޮތް ތަނުގައިވެސް ކޮރަޕްޝަނުގެ މައްސަލައެއް ނޯންނާނެ،"
މިއީ އަހަރު ޖުލައި މަހު، ޕްރެޝަރުގައި އިންނަވައި، ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ނޫސްވެރިންނަށް ވިދާޅުވި ވާހަކައެކެވެ. އިންޑިއާގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް 2023ގެ ނަތީޖާއާއި އާންމު ފުޓުބޯޅަ ހާލަތު ދަށްވުމުން ބައްސާމް ނޫސްވެރިންނާ ކުރިމަތިލެއްވީ ޖަވާބުތަކެއް ދެއްވުމަށެވެ. ގަޑިއެއްހާއިރަށް ދެމިގެން ދިޔަ އެ ޕްރެސް ލައިވް ވެސް ކުރާތީ ނުތަވަސްވެ، "ހައިޖާނުގަނޑެއް" ހިނގިއެވެ. އެ ޕްރެސްއަށް އަރައި ވަރަށް ސާދާ އިބާރާތުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ހިޔާނާތެއް ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ބައްސާމް އެދުވަހު ވިދާޅުވި އިތުރު އެއް ވާހަކައެއް އަދި ފާހަގަކޮށްލާނަމެވެ.
"އަޅުގަނޑުމެން ހިޔާނަތްތެރިވެފައިވާ ނަމަ، މިއަހަރުވެސް އޭއެފްސީއާއި ފީފާގެ ފަންޑިންނެއް ނުލިބޭނެ. އެބޭފުޅުން ދޭތެރެއަކުން މިކޮޅަށް ސަޕްރައިސް ވިސްޓްވެސް ކުރާނެ. އަޅުގަނޑު މި ދޭތެރެއިން ގައުމުން ބޭރުގައި ހުއްޓައި، ޖެނެރަލް ސެކްރެޓަރީ ވިދާޅުވި ފީފާގެ އޮޑިޓަރުން އައިސް އެބަ ތިއްބޭ. އެއީ ހަމަ މެއިލެއްވެސް ނުކޮށް ސަޕްރައިސް ވިސިޓެއް އެ ކުރީ. އިރާދަކުރެއްވިއްޔާ އެބޭފުޅުން އައިސް ބެލިބެލުމުގައި ހުރިހާ ކަމެއް ރަނގަޅަށް އޮތީ،" ބައްސާމް އޭރު ވިދާޅުވިއެވެ.
ކޮންމެއަކަސް، އެ ވާހަކަތަކުން "ހެޔޮކޮށް ވިސްނައިގެން" ހުރި މީހަކަށް ތަސައްލީ ގެނެސްދިނެވެ. އެހެން ނަމަވެސް، ކަމެއް ހޯދަން ބަލަން އުޅުނު ބަޔަކު ދިޔައީ އެކަމެއް ހޯދައި ބަލަމުންނެވެ. އޭގެ ދުވަސްތަކެއް ފަހުން، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެންގުމަށް ބައްސާމާއި އެފްއޭއެމްގެ އިސްވެރިންތަކެއްގެ މައްސަލަ ބަލަން ފަށައި، މިއަދާއި ހަމައަށް އައިރު މިއޮތީ މުޅި ފުޓުބޯޅަ ކިލަނބުވެފައެވެ. ބައްސާމް ހިޔާނާތުގެ ތެރެއަށް ގަރަގުވެ، ދިވެހި ފުޓުބޯޅައިގެ ތެރެއިން މަނީ ލޯންޑަރިންގެ ހަޑި ހާވާފައިވާ ކަމުގެ އެތައް ހެއްކެއް ފެނިއްޖެ ކަމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ބުނެފިއެވެ. ސާބިތު ނުވެ އޮތް ނަމަވެސް، ނަމަށް ހުތުރުވެ، މުޅި ގައުމުގެ އަގު ވައްޓާލައިފިއެވެ.
އިއްޔެ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފިއެވެ. އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވެ ކުށުގެ އިތުރު އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް އިއްޔެ ކުރި ދައުވާއަކީ، ކުޑަ މިންވަރެކެވެ. 2016 އިން ފެށިގެން ބައްސާމް އެފްއޭއެމްގެ ތެރެއަށް ނުހައްގުން އަތް ބާނައި، 2018 ވަނަ އަހަރު ހިންގި މަދު ކަންކަން އަދި ތިލަވެފައިވާ އިރު، ޕީޖީން ބުނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާ މާރުކުރުމަށް ކަމަށް ބުނެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، ފަހުން އޭގެ ދިވެހި ފައިސާ އެފްއޭއެމްއަށް ޖަމާކޮށްފައި ނުވާ ކަމަށެވެ.
ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ އިރު، "އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9،999 ޑޮލަރަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގޭކަށް ނެތެވެ އެފައިސާ ބޭނުންކުރީ އަމިއްލަ ބޭނުމަށެވެ.
ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ފީފާއިން ދިން ޑޮލަރު އޭނާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމަށް ފަހު އޭގެ ތެރެއިން 1،910 ޑޮލަރު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ކަންކަމަށް ބޭނުންކޮށްފައިވާތީއާއި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު، ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާތީއެވެ. އަދި އޭގެ އިތުރުން އެފްއޭއެމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭމްއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ.
މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ އިރު، އެ މައްސަލައިގެ ސަބަބުން މުޅި ފުޓުބޯޅައިގެ ނަން ކިލަނބުވެއްޖެއެވެ. ފުޓުބޯޅަ ހިންގުން ބޮއްސުންލައިގެން ދިޔަ އަސްލު މައްސަލަވެސް ތިލަވާން ފަށައިފިއެވެ. ޖޯޝުގައި، ފޯރީގައި އޮތް ގައުމީ ކުޅިވަރު، ފުޓުބޯޅަ އިނދަޖެހުމުގެ ކޮޅުމައްޗަކީ އެއީ ކަމަށް ބުނުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
ކުޅިވަރު ގާނޫނު ހިނގާ ގައުމެއްގައި، ކުޅިވަރު ގާނޫނަށްވުރެވެސް މަތިން އެފްއޭއެމް ހިނގަމުން އައި ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ހަގީގާތުގައި ކުޅިވަރާ ބެހޭ ވުޒާރާއަށް ސީދާ އެފްއޭއެމް ތެރެއަށް ނުވަދެވުނު ނަމަވެސް، ސްޕޯޓްސް ކޮމިޝަނަރަށާއި، ޕީޖީ ފަދަ ބޮޑީތަކަށް އެފްއޭއެމްގެ އިހުމާލުވެސް ބެލެއެވެ. އެކަން ނުބެލި އޮތީ މިފާހަގަ ކުރެވުނު ބޮޑީތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާތީއެވެ. ތިންވަނަ ފަރާތެއް ނުވަންނަން ބުނެ، އެފްއޭއެމްއިން އަބަދުވެސް "ފީފާއާއި އޭއެފްސީ"ގެ ނިވަލަށް ވަންނަމުން މިއަދާއި ހަމައަށް އައި އިރު، އެ އިދާރާތަކަށް އިތުބާރު ކުރެވޭތޯ އެއީވެސް މިއަދު ކުރެވޭނެ ސުވާލެކެވެ.
ދުނިޔޭގައި ހިނގި އެންމެ ބޮޑެތި ކޮރަޕްޝަންތައް ކުޅިވަރާއި ގުޅި، ފީފާއާވެސް ގުޅިފައި މީގެ ކުރިން އޮތް އިރު، އެކަން މިއަދު ރާއްޖޭގެ ހާލަތުންވެސް ސާފުވެއެވެ. ފީފާއާއި އޭއެފްސީގެ އޮޑިޓަރުން މަތިމަތިން ބަލައިލި ނމަވެސް ފެންނަން ވާނެ ފަދަ، "ޗީޕް" ގޮތްގޮތުން އެފްއޭއެމްގެ ފައިސާގެ ހިޔާނަތްތައް އެބަހުއްޓެވެ. އެ އޮޑިޓަރުން މާ ބޮޑު ސަމާލުކަމެއް ނުދީ، ބޭނުންވާ ޖަވާބަކަށް ކަން ނިންމާ ކަމަށް ބުނެވޭން އެބައޮތެވެ.
"ފީފާއާއި އޭއެފްސީގެ އޮޑިޓަރުން އާއްމުކޮށް މަތިމަތިން ކަންކަން ބަލައިލާނީ. އެހެންވީމަ ހުރިހާ ކަމެއް ނުފެނިވެސް ދާނެ. އެއީ ކުޑަ ވަގުތުކޮޅަކުން ކުރާ ކަމެއް. އެހެން ނަމަވެސް، ރާއްޖެއަށް އެކި ފަހަރުމަތިން އައި އޮޑިޓަރުންނަށް ގަވާއިދާއި އުސޫލުތަކުން ބޭރުން ކަންކަން ފަހިކޮށްދީ، ރިޝްވަތު ދޭން މަސައްކަތް ކުރިކަން ސްޓާފުންގެ ކިބައިން އެނގިފައި އެބަހުރި. އެހެންވެ އެހާ ބޮޑަށް އެ ރިޕޯޓުތައް ފޭވާ ވެފައި އެހުރީ. ހަގީގަތުގައި އެފްއޭއެމްގެ އޮޑިޓް ރިޕޯޓުތައް ސައްހަ ނޫންކަން އެބަ އެނގޭ މިހާރު،" ކުރިން އެފްއޭއެމްގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ހުސައިން ރަޝީދު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ހުސައިންގެ ނަޒަރުގައި އެފްއޭއެމްއިން އޮޑިޓަރުންގެ ރިޕޯޓުތައް އޮޅުވާލުމަށް ބޭއަދަބީ ބައެއް ކަންކަން ހިންގަން މަސައްކަތް ކޮށްފައި އެބަހުއްޓެވެ. މިއަދާއި ހަމައަށް އައިއިރު، ހިޔާނާތްތައް ފޮރުވިފައި ހުރީ އެހެންވެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެފްއޭއެމްއަކީ ފީފާއާއި އޭއެފްސީގެ އެންގުންތަކަށް "އަވަސްކޮށް" ތާއީދުކުރާ އެ ދެއިދާރާގެވެސް ގާތް މިތުރެކެވެ. ރާއްޖޭގެ ފުޓުބޯޅަ އެންމެ ގޯސް ހާލަތުގައިވެސް ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައްސާމާ ބައްދަލުކުރައްވައި، އެ މަންޒަރު ދެއްކުވިއެވެ. އެއީ ރައްޔިތުންގެ އިތުބާރަށްޓަކައެވެ.
ބައްސާމްގެ އެފްއޭއެމް ހިންގެވުމުގެ ދެ ދައުރު ތެރެއިންވެސް ފާހަގަވި އެއް ކަމަކީ، އޭނާއަކީ ފީފާއާއި އޭއެފްސީގެ ގާތް މީހެއްގެ ގޮތުގައި "ދައްކުވާލާ އިމޭޖް"އެވެ. އެއީ ކްލަބުތަކަށް އިތުބާރު ހޯދައިދޭން އާންމުކޮށް ބޭނުންކުރެއްވި އުކުޅެކެވެ. އެހެންކަމުން އެ މަންޒަރަކީ އެފްއޭއެމްގެ މަގާމު، މިއަދާއި ހަމައަށްވެސް އޭނާ ދަމަހައްޓަވަން ބޭނުންކުރެއްވި "ޓޫލް"އެކެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގެ "މޫނުމަތި،" މުޅިން ކިލަނބުވެއްޖެއެވެ. އެފްއޭއެމްގެ މަންޒަރަކީ ބައްސާމެވެ. އެ މަންޒަރުން މުޅި ގައުމީ ފުޓުބޯޅަ ހަޑިވެގެން މިދާ ދިޔުމުގައި، އެހެން ބައެއް އެފްއޭތަކުން ފެންނަ މަންޒަރެއް އަދިވެސް ރާއްޖެއަކުން ނުފެނެއެވެ. އެފްއޭއެމް އަސާސީ ގަވާއިދުގައިވާ ޑިސިޕްލިނަރީ ފިޔަވަޅު އަޅަން އެކްސްކޯއަކުން އަދިވެސް އަވަހެއް ނުވެއެވެ.
ބައްސާމް އެފްއޭއެމްގެ ރައީސްކަމުގައި އަދިވެސް ހުންނެވި އިރު، އޭނާގެ މަގާމު ގެއްލުނު ކަމަށް ބެލެވުނު ނަމަވެސް، އެކްސްކޯއަށް އައްޔަންކޮށްފައިވާ އާ ފަރާތްތަކާއެކު އަދިވެސް ހުރީ އެފްއޭއެމްގެ ރައީސް ކަމުގައެވެ. އެހެންކަމަށްވާނަމަ، ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ބައްސާމްގެ މައްޗަށް އެފްއޭއިންވެސް ފިޔަވަޅު އަޅައި، ފުޓުބޯޅައިން ބޭރުވެސް ކުރަން ޖެހެއެވެ. އެކަން ކުރަން، އެތިކްސް އަދި ޑިސިޕްލިނަރީ ކޮމިޓީއެއް އޮންނަން ޖެހެއެވެ. އެހެން ނަމަވެސް، އެފްއޭއެމްގެ ކޮންގްރެސްތައް ސިއްރުން ކުރިއަށް ގެންގޮސް، އެތައް ކޮމެޓީއެއް އޮތީ އެކުލަވައިނުލައެވެ. އެތިކްސް އަދި ޑިސިޕްލިނަރީ ކޮމެޓީގެ ތަފްސީލު ހޯދަން "ވަން ސްޕޯޓްސް"އިން ކުރި މަސައްކަތް ކާމިޔާބެއްވެސް ނުވެއެވެ.
"ފީފާއާއި އޭއެފްސީގެ އޮޑިޓްތައް އެއް ފަރާތަކަށް ޖެހިފައިވާކަން ސާފު. އެއީ އެހާ ބޮޑެތި ހިޔާނާތްތައް ފެނިފައި ނުވުން އެއީ މައްސަލައެއް. އެ މައްސަލައިގެ ވާހަކައިގެ ތެރެއިން އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ އެހެން ކަމެއް އަދި އެބައޮތް. މިހާރު އޮތް ހާލަތަށް އެފްއޭގެ ރައީސްގެ ކަންކަން ގޮސްފައިވާ އިރު، އެ ރައީސް މަގާމުން އެކަހެރިކޮށް، އިންޓާނަލީވެސް އެ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭނެ. އެއީ އެފްއޭއެމްގެ އަސާސީ ގަވާއިދުން ލިބިދޭ ބާރެއް، އެ އޮންނަ ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީތަކަށް. ރައީސްގެ ސަބަބުން މުޅި އިދާރާއަށް ހުތުރުކަމެއް އަންނަ ނަމަ، އެ ފިޔަވަޅު އަޅައި، ފުޓުބޯޅައިން ސަސްޕެންޑްވެސް ކުރަން ޖެހޭ. އެއީ އެހެން ގައުމުތަކުގައިވެސް އެކަން އޮންނަ ގޮތަކީ. ޕްރޮސެކިއުޓާ ޖެނެރަލް އެފްއޭއެމް ރައީސް މައްސަލަ ބަލަމުން އަންނަ އިރު، އެ މައްސަލައިގައި އެކްސްކޯއިން ރައީސަށް ފިޔަވަޅު އަޅަން ޖެހޭ،" އެފްއޭއެމްގައި ފީފާއިން އެންމެ ފުރަތަމަ އުފެއްދި އިންޓަރިން ކޮމިޓީއާއި، އޭގެފަހުން އިންތިހާބުން ހޮވި އެކްސްކޯގައި ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވި، ކުރީގެ ކުޅުންތެރިޔާ ޝާހް އިސްމާއީލް "ވަން ސްޕޯޓްސް"އަށް އެފްއޭއެމްގެ މައްސަލައާ ގުޅިގެން ވިދާޅުވިއެވެ.
ޝާހުގެ އެ ވާހަކައިގެ މައްޒަރުތައް އެހެން އެފްއޭތަކުން ފެނުނު ނަމަވެސް، ރާއްޖޭގެ އެފްއޭ ގިނައިން މިވަގުތުވެސް ކުޅެމުން ދަނީ "ޑިފެންސް"އަށެވެ. ބަޔާން ނެރުމުގެ މައިގަނޑު ބޭނުމަކީ ދިފާއެވެ. ފީފާ އާއި އޭއެފްސީން އިންތިހާބާ ގުޅޭ ގޮތުން އެންގި އެންގުމާއެކު މިވަގުތު އޮތީ އެކްސްޓްރާ އޯޑިނަރީ ކޮންގުރެހަކަށް ފަހިކޮށްފައެވެ. ހަގީގީ އިހުލާސްތެރިކަމެއް ނެތި، އެކަން އަވަސްކޮށްލައި، މައްސަލަތައް ފަހަތަށް ޖައްސައި ފަސްއަޅާން ތައްޔާރުވާހެންވެސް ހީވެއެވެ. އެހެން ނަމަވެސް، މިހާރު ބައްސާމަށް މާ ބޮޑަކަށް މައްސަލައިން ރެކެވޭކަށްވެސް ނެތެވެ. ފިޔަވަޅު އެޅެން ޖެހެއެވެ. މިވަގުތުން ވަގުތަށްވެސް ފުޓުބޯޅައިން ބޭރުކުރަން ލާޒިމެވެ. މަންޒަރު މާބޮޑަށްވެސް ހަޑިވެއްޖެއެވެ.
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް