ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތާ ގުޅިގެން ޖަލަށް ލައިފައިވާ އެ ޖަމިއްޔާގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލު ގޭބަންދަށް ބަދަލުކުރުމަށްފަހު އަލުން ޖަލަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްއިން ބުނި ގޮތުގައި ބައްސާމް ގޭބަންދަށް ބަދަލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ، ބައްސާމް ޒަރޫރީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާގެ ސާޖަރީއަކަށްފަހު ޑރ.ގެ މެޑިކަލް ލަފާގެ މަތީން ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލުކުރަން އޮންނަ ގަވައިދާ އެއްގޮތަށް ކަމަށެވެ.
ޔުސްރީން ވިދާޅުވީ ޖަލުގައި މި ވަގުތު ބަހައްޓައިގެން ސާޖަރީއަށްފަހު ދޭ ފަރުވާ އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމުން އޭނާ އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ބައްސާމުގެ މައްޗަށް ރިޝްވަތުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދެ ދައުވާކުރިއެވެ. ޖުމުލަ އެ ހަތަރު ދައުވާ ބައްސާމުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ބައްސާމް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
ބައްސާމުގެ މައްޗަށް ރިޝްވަތުގެ ދެ ދައުވާ ސާބިތުވުމުގެ ސަބަބުން ކުރިމިނަލް ކޯޓުން އިއްވާފައިވަނީ ނުވަ އަހަރުގެ ޖަލު ހުކުމެކެވެ. މަނީ ލޯންޑަރިންގެ ދެ ދައުވާ ސާބިތުވުމުގެ ސަބަބުން ބައްސާމަށް އިއްވާފައިވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އަލީ ޔާމިން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް