ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލައިގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ އެ ޖަމިއްޔާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އުމުރަށް ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފިއެވެ.
ފީފާއިން މިއަދު ބުނެފައި ވަނީ ބައްސާމް އުމުރަށް ސަސްޕެންޑް ކުރަން ނިންމާފައި ވަނި ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ގައުމުތަކުގެ ފުޓުބޯޅައަށް ލިބުނު ގެއްލުމުން އަރައިގަންނަން ފީފާއިން ދިން ކޮވިޑް ރިލީފް ފަންޑުގެ ބޭނުން އަމިއްލައަށް ކޮށްފައިވާކަން އެނގިފައިވާތީ ކަމަށެވެ. ކުރިންވެސް ކޮރަޕްޝަނާއި، މަނީ ލޯންޑަރިން އަދި ހިޔާނާތުގެ މައްސަލައިގައި ފީފާއިން ވަނީ ނުވަ މަހަށް ބައްސާމް ސަސްޕެންޑް ކޮށްފައެވެ.
ފީފާއިން މިއަދު ކުރި ސަސްޕެންޝަނާއެކު، 1.23 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.
ބައްސާމްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވީ، އެފްއޭއެމަށް ފީފާއިން ޖަމާކޮށްދިން 1.2 މިލިއަން ޑޮލަރާއި އިތުރު 10،000 ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެގެންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ފުރަތަމަ ދައުވާ ސާބިތުވެ ހުކުމް އިއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
އެ ހިޔާނާތުގެ ފައިސާއިން ހުޅުމާލޭގެ އަމިން އެވެނިއު އިން ބައްސާމް ގަނެފައިވާ ދެ އެޕާޓްމެންޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ތަންތަނާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައިގައި އަމިން ކޮންސްޓްރަކްޝަނާ ދެކޮޅަށްވެސް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ބައްސާމްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ވަނީ މިދިޔަ ޖޫން މަހު މައްސަލަ ފޮނުވާފައެވެ.
ބައްސާމަށް ފިޔަވަޅު އެޅުމުގެ އިތުރުން ކުރީގެ ފައިނޭންޝަލް ޑިރެކްޓަރު މުހައްމަދު އަގީލްވެސް 10 އަހަރު ދުވަހަށް ސަސްޕެންޑް ކުރަން ފީފާއިން ނިންމާފައިވެއެވެ. އަދި އަގީލްވެސް 122،607 ޑޮލަރުން ޖޫރިމަނާކުރަން ފީފާއިން ވަނީ ނިންމައިފައެވެ. އަގީލަށް ފިޔަވަޅު އަޅަން ފީފާއިން ނިންމާފައި ވަނީ ފީފާގެ ފަންޑް ނަހަމަގޮތުގައި ބޭނުންކުރުމަށް އެހީވެދީ، ވަގު ޑޮކިއުމެންޓް ހެދުމާއި ފީފާގެ އެތިކްސްއާ ހިލާފުވެފައިވާތީއެވެ،
މުޙައްމަދު ޝަމްޢޫން
ބައްސާމް އަދީލް ޖަލީލް
ކޮމެންޓް