ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލައިގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ އެ ޖަމިއްޔާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަލުން ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ ބައްސާމް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅިގެން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުން ކަމަށެވެ.

މިއީ ސިއްހީ ސަބަބުތަކަށްޓަކައި ބައްސާމް ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ގޭ ބަންދަށް ބަދަލުކުރީ ނޭފަތުގެ އޮޕަރޭޝަނަކަށް ފަހު ހިރަފުހުގެ އަސަރު ނުކުރާ މާހައުލެއްގައި ހުރުމަށް ޑޮކްޓަރުން އަންގާފައިވާތިއެވެ.

ނަމަވެސް، އެ ފަރުވާ ޖަލުގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމާ ގުޅިގެން މިދިޔަ މާޗު މަހުގެ 16 ގައި އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ބައްސާމްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވީ، އެފްއޭއެމަށް ފީފާއިން ޖަމާކޮށްދިން 1.2 މިލިއަން ޑޮލަރާއި އިތުރު 10،000 ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެގެންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ފުރަތަމަ ދައުވާ ސާބިތުވެ ހުކުމް އިއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

އެ ހިޔާނާތުގެ ފައިސާއިން ހުޅުމާލޭގެ އަމިން އެވެނިއު އިން ބައްސާމް ގަނެފައިވާ ދެ އެޕާޓްމެންޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ތަންތަނާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި އަމިން ކޮންސްޓްރަކްޝަނާ ދެކޮޅަށްވެސް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ބައްސާމްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ވަނީ މިދިޔަ ޖޫން މަހު މައްސަލަ ފޮނުވާފައެވެ.