ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅުގެ ފައިނަލަށް އުތީމާއި ދިއްދޫ ދަތުރުކުރި އިރު، ދ. އަތޮޅުގެ ފައިނަލާ ގާތަށް މާއެނބޫދުއާއި ކުޑަހުވަދޫ ޖެހިލައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭވެސް ވަނީ ހަތް މެޗެއް ކުޅެފައެވެ. 8 މެޗު ކުޅެން ފުރަތަމަ ޝެޑިއުލްގައި އޮތް ނަމަވެސް، ދ. އަތޮޅު ހުޅުދެލިން ރޭގެ މެޗަށްވެސް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން މާއެނބޫދޫން ހުޅުދެއްޔާ ދެކޮޅަށް ކުޅެން އޮތް މެޗު، މާއެނބޫދޫއަށް ވަނީ ލިބިފައެވެ.
ދ. އަތޮޅުގެ އިތުރުން ރޭ ވަނީ ފ. އަތޮޅުގެ ދެމެޗާއި ގދ. އަތޮޅުގެ ދެމެޗުގެ އިތުރުން، ހއ. އަތޮޅު ސެމީ ފައިނަލް ދެމެޗުވެސް ކުޅެފައެވެ.
ދ. އަތޮޅު ރޭ އެންމެފަހުގެ ޗެމްޕިއަން ކުޑަހުވަދޫން ކުޅުނު މެޗުގައި އެޓީމުން ވަނީ 8-1 އިން ބަނޑިދޫ ބަލިކޮށްފައެވެ. މުހައްމަދު އަރީޝްއާއި ޖުމައިލް ޖަމީލް (ޖުމްބެ) ގެ އިތުރުން އަބްދުﷲ ސަރުމާދު، ކޮންމެ ކުޅުންތެރިޔަކު ރޭ ކުޑަހުވަދުއަށް ދެ ގޯލު ޖަހައިދިން އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖެހީ ހުސައިން އައިހަމް އާއި އިސްމާއީލް ޒިދާނެވެ. ބަނޑިދޫގެ ގޯލު ޖެހީ އިބްރާހީމް އަފްނާނެވެ.
ދ. އަތޮޅުން ފަސް ޓީމު ވާދަކުރަމުން އަންނަ އިރު، މިވަގުތު ލީގު ބުރުގެ އެއްވަނައިގައި އޮތް ކުޑަހުވަދުއާއި ދެވަނައިގައި އޮތް މާއެނބޫދުއަށްވެސް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވެއެވެ. ތިންވަނައިގައި މީދޫ އޮތް އިރު، އެޓީމަށް ތިން މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ބަނޑިދުއަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އަތޮޅު ފައިނަލް ޔަގީންވާނީ ކުޑަހުވަދުއާއި މާއެނބޫދޫން ކުޅޭ ފަހު ދެމެޗުންނެވެ.
ހއ. އަތޮޅުގެ ސެމީ ދެމެޗު ރޭ ކުޅެފައިވާ އިރު، ދިއްދޫން ފައިނަލް ޔަގީންކުރީ 7-1 ގެ ނަތީޖާއަކުން ބާރަށް ބަލިކޮށްފައެވެ. އެ މެޗުގައި ދިއްދޫގެ ފާއިގް އަހުމަދާއި ހައިޝަން ރަޝީދު ވެސް ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ދިއްދޫގެ އަނެއް ގޯލު މެޗުގައި ޖަހައިދިނީ މުހައްމަދު ޝަނާއު ނަސީރެވެ.
ބާރަށުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އަހުމަދު ފައިޒާނެވެ.
ހއ އަތޮޅު އަނެއް ސެމީ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގައި އުތީމުން ވަނީ 5-4 އިން މާރަންދޫ ބަލިކޮށްފައެވެ.
އުތީމުގެ ގޯލުތައް މެޗުގައި ޖެހީ ތަހާ މުހައްމަދާއި މުހައްމަދު ނަބީލް އަދި އަހުމަދު އައިހަމްއެވެ. ތަހާއާއި ނަބީލް، ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖެހިއެވެ. މާރަންދޫގެ ދެ ގޯލު ހަމްދޫން އަބްދުލްލަތީފު ޖެހި އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖެހީ މުހައްމަދު ތަހުސީނާއި އަހުމަދު މުހައްމަދެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް