ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުނު މައްސަލަ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، މަޖިލީހަށް ދޭން ޖެހޭ ސަލަމާތާއި ރައްކާތެރިކަން، ސަލާމަތީ ބާރުތަކުން މިއަދު ފޯރުކޮށްދިން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މަޖިލީހުގައި މިއަދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުން ތާވަލުކުރި ޖަލްސާ ބޭއްވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން ކީއްތޯ ކުރާނީ މި ހިނގައިދިޔަ ކަންތަކާ ގުޅިގެން. އެއް ކަމަކަށް އަޅުގަނޑުމެން 241 ކޮމިޓީއަށް މައްސަލަ ހުށަހަޅާނަން. އެއީ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން، މުޅި ޖުމުލަ މަޖިލީހުގެ ހުރިހާ މެންބަރުންގެ މި ދަންނަވަނީ، ހަމައެކަނި އެމްޑީޕީ ވާހަކައެއް ނޫން މި ދަންނަވަނީ، ހުރިހާ މެންބަރުން. އެއްވެސް މެންބަރަކަށް ގެއްލުންވުމަކީ، އެއްވެސް މެންބަރަކަށް ގެއްލުމެއް ލިބުމަކީ އަޅުގަނޑުމެން ރުހޭނެ ކަމެއް ނޫން އަދި އަޅުގަނޑުމެން އެކަން ބަލައިގަންނާނެ ކަމެއް ނޫން،" ސަލީމް ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދު ހިނގި ކަންތައްތަކުގެ ސަބަބުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވެސް ހުންނެވީ ވަރަށް ބޮޑަށް ހާސްވެވަޑައިގެން ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރުންނަށް ރައްކާތެރި އަދި ސަލާމަތްތެރި މާހައުލެއް މަޖިލީހުގައި އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުނު ސަބަބު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ މަޖިލީހުގައި މިއަދު ހިނގި ކަންކަމުގެ ތެރޭގައި ޖިނާއީ ކަމެއް ހިމެނޭތޯ ބެލުމަށް ފުލުހަށް ހުށަހެޅުމުގެ ވިސްނުން މަޖިލީހުގެ ކޮމިޓީގައި އެބަހުރި ކަމަށެވެ.
ޕީއެންސީ އާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގީ، ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން އޮއްވައެވެ. އެގޮތުން މިއަދު މެންދުރު 1:30ގައި ނަގަން ނިންމި އެ ވޯޓުގެ ކުރިން، އެމްޑީޕީން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފައެވެ.
އެކަމާ ގުޅިގެން ރުހުން ދިނުމުގެ ޖަލްސާ ފަށަން މެންބަރުން މާލަމަށް ވަންނަން ދިޔަ އިރު، ސަރުކާރަށް ނިސްބަތްވާ މެންބަރުން ތިބީ ދޮރުތައް ތަޅުލައިގެންނެވެ. އަދި ބައެއް މެންބަރުން އިދާރީ މޭޒު ކައިރީގައާއި މަޖިލިސް ރައީސް އިންނަވާ މަޖިލީހުގެ ރިޔާސަތުގެ ތެރޭގައި ތިއްބެވިއެވެ.
ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އެމްޑީޕީން މިފަހުން ޕީއެންސީއަށް ސޮއިކުރެއްވި ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އިންނެވީ މަޖިލިސް ރައީސް އިންނަވާ ގޮނޑީގައެވެ. އޭގެ އިތުރުން މެންބަރުން ވޯޓުލާން ބޭނުންވާ ކާޑުކޮޅުތަކާއި ބައެއް މޭޒުތަކުގައި ހުރި މައިކުތައްވެސް ސަރުކާރު މެންބަރުން ނެންގެވިއެވެ. އެކަމާ ގުޅިގެން މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
އޭގެފަހުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލިސް ތަޅުމަށް ވެންނެވިއެވެ. އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވެސް ތަޅުމަށް ވަންނަވައި ރިޔާސަތަށް ވަޑައިގެންނެވިއެވެ. އެ ހިސާބުން މެންބަރުންގެ މެދުގައި އަރައިރުން ބޮޑުވެ ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށިއެވެ.
މާރާމާރީ ހިންގީ މެމްބަރު ޝަހީމާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، އަސްލަމް އިންނެވި ގޮނޑި ކައިރިއަށް ވަޑައިގެން އެ ގޮނޑިން އަސްލަމް ނަގަން އުޅުމުން އެމްޑީޕީގެ މެންބަރުން އެތަނަށް ވަޑައިގެން އެކަމަށް ހުރަސް އަޅައި އެ މެންބަރުން އެތަނުން ދުރަށްލާން އުޅުމުގެ ތެރޭގައެވެ.
ސަރުކާރުގެ މެންބަރުންނަށް ހުރަސް އަޅަން އުޅުއްވި މެންބަރުންގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ތިނަދޫ އުުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހިމެނިވަޑައިގަންނަަވައެވެ.
އެ މައްސަލަގަނޑުގެ ތެރެއިން ދެ ޕާޓީގެ އިތުރު މެންބަރުން އެތަނަށް ވަޑައިގެން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގިއެވެ. އެ ހާދިސާގެ ތެރޭގައި އަހުމަދު އީސަ އާއި އަބްދުﷲ ޝަހީމްއާ ދެމެދު ހިނގި ކުރިމަތިލުމުގައި ޝަހީމުގެ ކަންފަތާ ދިމާލުން ފަޅައިގެންގޮސް ވަނީ ޒަހަމްވެފައެވެ. އެ އަނިޔާއާ ގުޅިގެން ފަރުވާ ދިނުމަށް ޝަހީމް ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.
މިރޭ ބޭއްވި ޖަލްސާ ވެސް ސަރުކާރު މެންބަރުން ހުރަސް އަޅަމުންދިއުމުން ވަނީ ހުއްޓާލަން ޖެހިފައެވެ. ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމަށް އިތުރު ޖަލްސާއެއް މާދަމާ ހެނދުނު 11:00ގައި ބާއްވާގޮތަށް ވަނީ ތާވަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު