ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅުގެ ސެމީ ފައިނަލް ޖާގަތައް އުތީމާއި މާރަންދޫ، ދިއްދޫއާއި ބާރަށުން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުތަކުގައި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، ރޭވެސް ވަނީ އަށް މެޗެއް ކުޅެފައެވެ. އެއީ ހއ އަތޮޅު ކުއާޓާ ފައިނަލް މެޗުތަކުގެ އިތުރުން ދ އަތޮޅު ދެމެޗާއި ސ އަތޮޅު، އަތޮޅު ބުރުގެ ފުރަތަމަ ދެމެޗެވެ.
ހއ. އަތޮޅުގެ ކުއާޓާ ފައިނަލް މެޗުތައް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، ތިން މެޗެއްގެ ނަތީޖާ ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މާރަންދުއާއި ހޯރަފުށި ވާދަކުރި މެޗު ޕެނަލްޓީގައި 6-2 އިން މާރަންދޫ ކާމިޔާބުކުރި އިރު، ވަށަފަރާއި ބާރަށުގެ ކުރިމަތިލުން، ބާރަށުން ޕެނަލްޓީގައި ކާމިޔާބުކުރީ 8-7 ގެ ނަތީޖާއަކުންނެވެ.
ފިއްލަދުއާއި ދިއްދޫގެ ކުއާޓާ މެޗުވެސް ޕެނަލްޓީއަށް ގޮސް، އެމެޗު ދިއްދޫ ކާމިޔާބުކުރީ 8-7 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީއަށް ނުގޮސް ނަތީޖާ ކަނޑައެޅުނު ހަމައެކަނި މެޗުގައި އުތީމުން ވަނީ 5-2 އިން އިހަވަންދޫ ބަލިކޮށްފައެވެ.
މާރަންދުއާއި ހޯރަފުށި ވާދަކުރި މެޗު 2-2 އިން އެއްވަރު ޕެނަލްޓީއަށް ދިޔަ އިރު، ފުރަތަމަ ހޯރަފުށިން މެޗުގެ ކުރީކޮޅުގައި ލީޑު ނެގީ ހަސަން އިރުޝާދު ޖެހި ގޯލުންނެވެ. އެ ގޯލާއެކު މެޗު ނިމެން ދަނިކޮށް ފޯރިގަދަވިއެވެ. މާރަންދޫން 32 ވަނަ މިނެޓުގައި މުހައްމަދު ޝާމް ހަމީދު ޖެހި ގޯލުން މެޗު އެއްވަރުކުރި އިރު، އަބްދުﷲ ޔާމީން ދެވަނަ ފަހަރަށް ހޯރަފުއްޓަށް ލީޑު ނެގިއެވެ. މާރަންދޫން މެޗު ޕެނަލްޓީއަށް ގެންދަން އެއްވަރުކުރީ ފަހު މިނެޓުގައެވެ. އެ ގޯލުވެސް ޖެހީ ޝާމެވެ.
ހޯރަފުއްޓަށް ޕެނަލްޓީ ނާކާމިޔާބުވި އިރު، އެ ޓީމުން ޕެނަލްޓީ ވެއްދީ ޔާމީން އެކަންޏެވެ.
ފިއްލަދޫއާއި ދިއްދޫގެ މެޗު 3-3 އިން އެއްވަރުވެގެން ޕެނަލްޓީއަށް ގޮސްފައިވާ އިރު، ދިއްދޫގެ ގޯލުތައް ޖެހީ ފާއިގު އަހުމަދާއި އިބްރާހީމް ނަވާފް ސައީދު އަދި މުހައްމަދު ވިޝާހުއެވެ. އަނެއްކޮޅުން ފިއްލަދޫގެ ގޯލުތައް ޖެހީ އާދަމް އަބްދުއްރަހީމާއި އަލީ އަފްރާހެވެ. އާދަމް އަބްދުއްރަހީމް މެޗުގައި ދެ ގޯލު ޖެހިއެވެ.
ބާރަށާއި ވަށަފަރުގެ ފޯރިގަދަ ކުރިމަތިލުން 0-0 އިން އެއްވަރުވެގެން ޕެނަލްޓީއަށް ދިޔަ އިރު، ޕެނަލްޓީގައި ދެޓީމުވެސް ފެނުނީ ކާމިޔާބު ކޮށެވެ. ފުރަތަމަ ހަތަރު ޕެނަލްޓީ ދެޓީމުންވެސް ކާމިޔާބުކުރި އިރު، ފަސްވަނަ ޕެނަލްޓީގައި ވަށަފަރުގެ އަބްދުﷲ ޝާކިރާއި ބާރަށުގެ އަލީ ސާފީ ފޮނުވާލި ޕެނަލްޓީތައްވެސް ނާކާމިޔާބު ވިއެވެ.
އެހިސާބުންވެސް ނަތީޖާ އެއްވަރުކޮށް ގޮސް، ވަށަފަރުގެ ނުވަ ވަނަ ޕެނަލްޓީ ނާކާމިޔާބުވީ އީމާން ވަހީދު އަތުންނެވެ.
އުތީމުން އިހަވަންދޫ ބަލިކޮށް ސެމީއަށް ދިޔަ އިރު، އެޓީމުން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. އުތީމުގެ ތަހާ މުހައްމަދު މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ މުހައްމަދު ރިޝްމީއާއި މުހައްމަދު ނަބީލް އަދި އަހުމަދު އައިހަމްއެވެ. ރިޝްމީއާއި އައިހަމްގެ ގޯލުތައް ފެނުނީ މެޗުގެ ފަހު މިނެޓު ކޮޅުގައެވެ. އިހަވަންދޫން މެޗުގައި ޖެހި ދެ ގޯލު ޖެހީ އިބްރާހީމް ހާމިދާއި އަހުމަދު ސާޖިދެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރީންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް