ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ބުރުގައި ރޭ ދ. މާއެނބޫދުއާއި ފ. ދަރަނބޫދޫ އަދި ބިލެތްދޫވެސް ބޮޑު މޮޅެއް ހޯދައިފިއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ފ. އަތޮޅާއި ދ. އަތޮޅުންވެސް މުބާރާތުގައި ބައިވެރިވީ އަތޮޅަކުން ފަސް ޓީމެވެ. އެހެންކަމުން އެ ދެ އަތޮޅުންވެސް ޗެމްޕިއަން ޓީމު ކަނޑައަޅާނީ ލީގު ބުރަށްފަހު ފައިނަލް ކުޅެގެންނެވެ.
ދ. އަތޮޅުގެ ފުރަތަމަ މެޗުތަކުގައި މީދޫން ބަނޑިދޫ ބަލިކުރި އިރު، މާއެނބޫދޫން ވަނީ ވަރުގަދަ ކުޑަހުވަދޫއާ އެއްވަރު ކޮށްފައެވެ. އެހެންކަމުން ރޭ ހޯދި މޮޅާއެކު މާއެނބޫދޫއަށް ވަނީ އުންމީދު ބޮޑުވެފައެވެ. ހުޅުދެލިން މީދޫއާ ދެކޮޅަށް ރޭ ކުޅެން އޮތް މެޗު، ހުޅުދެލިން ދޫކޮށްލުމުން މީދޫއަށް ވަނީ ދެމެޗުން ދެ މޮޅު ލިބިފައެވެ.
ރޭ މާއެނބޫދޫން ބަނޑިދޫ ބަލިކުރީ 6-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާއެނބޫދޫގެ އާމިލް އަލީ ހެޓްރިކް ހެދި އިރު، އަނެއް ގޯލުތައް ޖެހީ އާލިމް އަލީއާއި އަހުމަދު ޝައިހާން އަދި އަހުމަދު މަހްދޫމެވެ. މި މެޗުގައި މާއެނބޫދޫ ޓީމު ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތުތައް ލިބި ބޭނުން ނުހިފި ދިޔައެވެ.
ރޭ ފ. އަތޮޅުގެ ދެމެޗު ކުޅެފައިވާ އިރު، އޭގެ ކުރިން އެ އަތޮޅުގެ ފުރަތަމަ މެޗުގައި ބިލެތްދޫއާއި ނިލަންދޫ އޮތީ މޮޅެއް ހޯދައިފައެވެ. އޭގެ ތެރެއިން ބިލެތްދޫ ރޭވެސް ބޮޑު މޮޅެއް ހޯދި އިރު، އެޓީމުން ދެމެޗުން ހަ ޕޮއިންޓް ޔަގީންކުރީ 11-0 އިން ފީއަލި ބަލިކޮށްގެންނެވެ.
މެޗުގައި ބިލެތްދޫގެ މުހައްމަދު ޒީދާން ޒުހުރީ ހަތަރު ގޯލު ޖެހި އިރު، ސާމިދު އަހުމަދާއި ނަދީފް އިބްރާހީމް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލުތައް ޖެހީ ރިމާން އަލީ އާއި އަލްސަން ޝާހިދު އަދި މުހައްމަދު ޒަޔާން އިސްމާއީލެވެ.
އެ އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި ދަރަނބޫދޫން ފުރަތަމަ މޮޅު ހޯދީ މަގޫދޫ 8-1 އިން ބަލިކޮށްގެންނެވެ. މެޗުގައި ދަރަނބޫދޫގެ މުޒްދާން ހަސަން ފަސް ގޯލު ޖެހި އިރު، އަނެއް ތިން ގޯލުން ދެ ގޯލު ޖެހި ސާޖިދު އަހުމަދު އިބްރާހީމެވެ. އެޓީމުގެ 8 ވަނަ ގޯލު ޖެހީ މަހުމޫދު ސިޔާމެވެ.
ރ. އަތޮޅުން މިފަހަރު ހަތް ޓީމު މި މުބާރާތުގައި ވާދަކުރާ އިރު، އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ގްރޫޕުގެ އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލް ކުޅޭ ގޮތަށް ނޮކްއައުޓް ރޭވިފައިވާ އިރު، ދުވާފަރުން ގްރޫޕް އެކެއް ނިންމާލީ ތިން މެޗުން ތިން މޮޅާއެކުގައެވެ.
އެޓީމުން ގްރޫޕް އެކެއްގައި ކުޅުނު ފަހު މެޗުގައި ރޭ މީދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ގޯލުތައް ޖެހީ މުހައްމަދު އިޝާމާއި އަހުމަދު މިލްހާން މުހައްމަދެވެ.
ރ. އަތޮޅުގެ ގްރޫޕް އެކެއްގެ ދެވަނައިގައި ގޮތުގައި އަތޮޅު ސެމީއަށް ދިޔަ އަލިފުށިން ރޭ މަޑުއްވަރި ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި އަލިފުށީގެ އަބްދުލް ފާރިޝް ދެ ގޯލު ޖެހި އިރު، އަލިފުށީގެ އަނެއް ގޯލުތައް ޖެހީ އަބްދުލްސަމީއު ހަސަނާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. މަޑުއްވަރީގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު މައިލާން އިބްރާހީމެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް