ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ އިދާރާގެ މައްޗަށް ތަހުގީގު ކުރެވޭ މައްސަލަތަކުގެ ޕްރައިމް ސަސްޕެކްޓަކީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް، ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އެފްއޭއެމްއަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް، ޕީޖީގެ އަމުރަކަށް މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ އެފްއޭއެމް ހައުސްއަށް ވަދެފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެފްއޭއެމްއަށް ވަނީ އެ އެއޯސިއޭޝަންގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ހެކި ހޯދުމަށެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދަރަނީގެ ބޮޑެތި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، އެފްއޭއެމްގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. ފުލުހުން ބައެއް މީޑިއާތަކަށް ބުނީ އެފްއޭއެމްއަށް ވަދެ ހޯދި ހޯދުމުގައި އެ އިދާރާގެ ލިޔެކިޔުންތަކުން މައްސަލައަށް ބޭނުންވާ ހެކިތައް ހޯދިފައިވާ ކަމަށާއި އަދި ދަނީ ތަހުގީގުތައް ކުރަމުން ކަމަށެވެ.
އެ މައްސަލައިގެ އިތުރުން ޕީޖީގެ އިތުރު މައްސަލަތަކާ ގުޅޭ ގޮތުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާ ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ވެއްދޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"ވަރަށް ގިނަ މައުލޫމާތު ލިބިފައި އެބަހުރި. އެމްއެމްގެ ފަރާތުންވެސް މައުލޫމާތު ލިބިފައި ވަނީ. ފުލުހުންގެ ފަރާތުންވެސް ކަންކަން ހޯދަމުން އެބަދޭ. އެހެންވީމަ ކުރިއަށް އޮތް ހަފުތާއެއް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ކޯޓަށް މައްސަލަ ވެއްދޭވަރަށް ހެކި ހޯދިދާނެ ކަމަށް ބެލެވެނީ،" ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ޝަމީމް މިއަދު ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވެނީ އެފްއޭއެމް ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކަށް ކަމަށާއި މައިގަނޑު ސަސްޕެކްޓެއްގެ ގޮތުގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ ބައްސާމަށް ކަމަށެވެ. އަދި ތުހުމަތަކީ ފީފާއިން ފޮނުވާ ފައިސާއަށް ހިޔާނާތްތެރިވުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"ފުލުހުންނާއި އަޅުގަނޑުގެ ތުހުމަތަކީ އެފްއޭއެމްއަށް ފީފާއިން ފޮނުވާ ފައިސާ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަނީއޭ. ރާއްޖޭގައި އެބަހުރި އެކި ގައުމުތަކުން ފޮނުވާ ފައިސާ ބޭނުންކުރާނެ އުސޫލުތަކެއް، ގާނޫނުތަކެއް ހަދާފައި. ފީފާއިން ފޮނުވާ ފައިސާއަކީ އެފްއޭއެމްއަށް ފޮނުވާ ފައިސާއެއް ނޫން. ދިވެހި ރައްޔިތުންނަށް ދޭ ފައިސާއެއް. އެ އަމާނާތް ވަކި ބަޔަކާ ހަވާލުކޮށްފައި މި އޮންނަނީ. އެ ފައިސާ އެންމެ ރަނގަޅަށް ބޭނުން ކޮށްފައިވޭތޯ މި ބަލަނީ. އެބަހުރި ފެންނަން އެކިއެކި ގޮތްގޮތަށް ފައިސާ ޖަމާކޮށްފައިވާ ތަން،" ޝަމީމް މިއަދުގެ ޕްރެސްގައި އިތުރަށް ވިދާޅުވިއެވެ.
ޝަމީމް މިއަދު ފާހަގަކުރެއްވީ އެފްއޭއެމް މައްސަލައިގައި އަދި ބަލަން ޖެހޭ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށެވެ.
"އެފްއޭއެމް ކަންތަކުގައި މައުލޫމާތު ލިބެނީ އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަން. އެފްއޭއެމްއިން ލިޔުންތައް ބަލަހައްޓާފައި ހުރީ އާންމު އިންސާނުން އެކަން ކުރާ ގޮތަކަށް ނޫން. އެހެންވީމަ އެ އެއްޗެހި ނިއުޅުވަން ވަގުތު ނަގާނެ. ފައިނޭންޝަލް ކްރައިމްގެ އެއް ކަމަކީ މައުލޫމާތު ހޯދަން ވަގުތު ނަގާނެ. ހޯދުނީމަ އެ މައުލޫމާތުތައް ފުރިހަމައަށް ލިބޭނެ،" ޝަމީމް ވިދާޅުވިއެވެ.
އެފްއޭއެމްއަށް މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ތުހުމަތު ކޮށްފައިވާ އިދާރާގެ ވެރިން ވިދާޅުވެފައި ވަނީ އެ ތުހުމަތުތަކަކީ ޒާތީ ތުހުމަތުތަކެއް ކަމަށެވެ. އަދި އެ މައްސަލައިގައި ބުނެފައިވާ އެއްވެސް ކަމެއް އެފްއޭއެމްއިން ނުހިންގާ ކަމަށް ފީފާއަށް އަންގާފައިވާނެ ކަމަށާއި ފީފާ އާއި އޭއެފްސީގެ ސަމާލުކަމަށް އެކަންކަން ގެނެސްފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް