މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް އާއެކު ހަދާފައިވާ އިގުރާރުގެ އެއްބަސްވުމާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިލާފުވަމުންދާތީ، އެ އެއްބަސްވުން ބާތިލުކުރަން ޖެހިދާނެކަމުގެ އިންޒާރު ޔާމީނަށް ދީފިއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން 11 އަހަރުގެ ޖަލު ޖަލު ހުކުމެއް ތަންފީޒު ކުރައްވަނިކޮށް ގޭ ބަންދަށް ބަދަލުކޮށް، އަދި މި ހަފުތާގައި ބޭސްފަރުވާއަށް ބޭރަށް ދެވޭ ގޮތަށް ކަރެކްޝަނުން ދިން ލުޔާއެކު ޔާމީން ވަނީ ދެ ރެއެއްގެ މަތިން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ވާހަަކަފުޅުވެސް ދައްކަވައިފައެވެ. އެންމެ ފަހުން ބޭއްވި ބައްދަލުކުރެއްވުން ޓީވީން ލައިވްކޮށް ދައްކާފައިވެއެވެ.
ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ފިޔަވަޅެއް ނާޅާތީ ފާޑުކިޔުން އަމާޒުވެފައިވާއިރު ކަރެކްޝަންސް އިން މިއަދު ވަނީ މީޑިއާތަކަށް އެކަމާ ގުޅިގެން މެސެޖެއް ފޮނުވައިފައެވެ.
"އިގުރާރާ ހިލާފަށް، އަމަލުތައް ބަހައްޓަމުން ދާކަން ފާހަގަކުރެވޭތީ، އިގުރާރާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް މިއަދު ވަނީ އިންޒާރު ދެވިފައި. އަދި ތަކުރާރުކުރާ ނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށް ވަނީ އެންގިފައި،" ކަރެކްޝަނުން ބުންޏެވެ.
ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގައި ހުންނެވިއެއް ކަމަކު ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވުމަކީ ގާނޫނުއަސާސީގައި ގައިދީން ކުރުން މަނާ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު