ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތާރު ބޭނުންކޮށްގެން އަލުން ސްޕީޑްބްރޭކަރު (ބަމްޕަރު) އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ފަށައިފިއެވެ.

އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ތާރު ބަމްޕަރު އަޅާފައިވަނީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދުއްވާ، ނިރޮޅުމަގުން ހައިވޭއަށް އަރަންދާ ސަރަހައްދުގައެވެ.

އެޗްޑީސީން އަލުން ބަންޕަރު ޖަހަން މި ފެށީ، ފަހަކަށް އައިސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި، ގިނަ ބަޔަކަށް ބޮޑެތި ޒަހަމްތަކެއް ލިބެމުންދާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.

މަގުމަތީގެ ސަލާމަތަށްޓަކައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭގެ ކާރޫބާރު ބޮޑު މަގުތަކުގައި ފުރަތަމަ ހަރުކުރީ ރަބަރު ބަންޕަރުތަކެކެވެ. ނަމަވެސް، މަގު ތޮރުފައިގެން ހަރުކުރި އެ ބަންޕަރުތަކަކީ އޭގެ މަތިން މަޑުން ދުއްވާފައި ދިޔަ ނަމަވެސް މީހުންގެ އުނަގަނޑަށް ތަދުވެ، ގެއްލުންވާ އެއްޗެއް ކަމަށް ބުނެ އާންމުންގެ ބޮޑު ޝަކުވާއެއް އަމާޒުވިއެވެ.

ރަބަރު ބަންޕަރުތައް ނެގުމަށް އެދި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ސިލްސިލާ ބައްދަލުވުންތަކުގައި ވެސް ބައެއް އާންމުން ވަނީ އެ ޝަކުވާ އެމަނިކުފާނާ ހިއްސާކޮށްފައެވެ.