މޫޑީސް އިންވެސްޓާސް ސާވިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ، މި ސަރުކާރުން އެކަށައަޅައި ތަންފީޒުކުރަމުންދާ އިގްތިސޯދީ ސިޔާސަތުތަކުގެ ހަރުދަނާކަން ސާބިތުކޮށްދޭކަމެއްކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މޫޑީސްއިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ 2" އިން "ސީއޭއޭ 1" އަށް މަތިކޮށްފައެވެ.
އެކަމާ ގުޅިގެން ޒަރީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުރިއެރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މާލީ ހަމަޖެހުން ގާއިމުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުން ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށެވެ.
ދުނިޔޭގެ މާލީ ބާޒާރަށް ގޮންޖެހުންތަކާއި ނުތަނަވަސްކަން ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ވެސް، ގައުމުގެ އިގްތިސޯދީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރޭޓިން މަތިކުރުމަށް މޫޑީސްއިން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވެ، ސަރުކާރުން އެޅި މާލީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުން ދިޔުމެވެ. މީގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމަށް ކުރިން ލަފާކުރެވުނު ބޮޑު ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ.
މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ހާމަވާ އަނެއް ކަމަކީ، ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ދަށަށް ދިޔުމެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2025 ގެ ނިޔަލަށް ޖީޑީޕީގެ 129.2 ޕަސަންޓުގައި ހުރި ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 ޕަސަންޓަށް ތިރިކުރެވިފައެވެ.
މުހައްމަދު އިޝާން
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް