ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ މަޖިލީހުގެ މެންބަރުން އިތުރުނުވާ ގޮތަށް މެންބަރުންގެ އަދަދެއް ކަނޑައެޅުމަށް ގާނޫނާއަސާސީއަށް އިސްލާހު ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ހުށަހެޅުއްވުން ފާސްކުރަން ދިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 47 މެންބަރެކެވެ. އޭގެ ތެރެއިން 19 މެންބަރަކު ވަނީ އާމިރުގެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ. އާމިރު ހުށަހެޅުއްވީ މެންބަރުންގެ އަދަދު 85 އަށްވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ. މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 އެވެ. 17 ވަނަ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 77 އެވެ. 18 ވަނަ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 85 އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރާއަކަށް ދެ މެންބަރުން އިންތިހާބުކުރަން ޖެހޭނެއެވެ. އަދި 5،000 އަށް ވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް އިންތިހާބުކުރަން ޖެހެއެވެ. ކޮންމެ ފަސް އަހަރަކުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމަކީ އާންމުންނާއި ސިޔާސީ އެކި ފަރާތްތަކުން ވެސް ކަންބޮޑުވާ ކަމެކެވެ. ނަމަވެސް 17 ވަނަ މަޖިލީހުން ފެށިގެން މިއަދާ ހަމައަށް އައިއިރު އެކަމަށް ހައްލެއް ހޯދިފައެއްނުވެއެވެ. މަޖިލީހުގެ މިހާރުގެ މެންބަރުންގެ އަދަދަކީ 87 އެވެ. ހައްލު ނުހޯދި ނުވަތަ ހައްލެއް ހޯދަން ބޭނުން ނުވެ ތިއްބާ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ވެސް ބޯމަތިވީއެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކީ މެންބަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން މަޖިލީހުގެ ބަޖެޓު ބޮޑުވެގެން ދިޔުމެވެ. މިއީ ސިޔާސީ މީހުންގެ ވެސް ކަންބޮޑުވުމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައަކީ އެ މެންބަރުން އަމިއްލައަށް ކަނޑައަޅާ އެއްޗެކެވެ. އެ ބޭފުޅުން ކަނޑައަޅައިފައިވާ ގޮތުގައި މެންބަރެއްގެ މުސާރައަކީ 42،500 ރުފިޔާއެވެ. ލިވިން އެލަވަންސަށް 20،000 ރުފިޔާ އަދި ކޮމިޓީ އެލެވަންސް ގޮތުގައި މެމްބަރުންނަށް 20،000 ރުފިޔާ ލިބެއެވެ. މީގެ އިތުރުން އޭޝިއާގެ އެންމެ މަތީ ފަންތީގެ ގައުމުތަކުން ހިލޭ ބޭސް ފަރުވާ ކުރެވެއެވެ. 2022 ވަނަ އަހަރު މަޖިލީހަށް ވަނީ 181,071,078 ރުފިޔާގެ ބަޖެޓެއް ދީފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު އިންތިހާބު ކުރަންޖެހޭ 93 ގޮނޑިއާއެކު އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރު މަޖިލީހަށް ނުވަ ގޮނޑި އިތުރުވާނެއެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ މަޖިލީހުގެ ބަޖެޓު 200 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެކަމަށް ބެލެވެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގައި ހުންނެވިއިރު ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ އިތުރުނުކުރަން އެމްޑީޕީގެ ކޮންގްރެސްއަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ. ނަމަވެސް އެ އިސްލާހު ކޮންގްރެސްއިން ފާސްކޮށްފައެއް ނުވެއެވެ. އެ ފަހުން ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތު ހުންނަވައިގެން މަޖިލީހުގެ މެންބަރުންގެ އަދަދާމެދު ކަންބޮޑުވެވަޑައިގެން ވާހަކަފުޅު ދައްކަވައިފައެވެ.

"87 މެމްބަރުން ތިއްބަވާ މަޖިލީހެއްގައި ހެނދުނުގެ ޖަލްސާ ފަށާއިރު 24 މެންބަރުން ތިބުމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ގާނޫނީ ވާޖިބަށް އަޅުގަނޑުމެންނަށް ފަރުވާތެރިކަން ނުބެހެއްޓެނީ" ނަޝީދު ވިދާޅުވެފައިވެއެވެ. ނަޝީދު ބޭނުންފުޅުވަނީ މަޖިލީހުގައި ނޭޝަނަލް ސީޓުތަކެއް ކަނޑައަޅައި މެންބަރުންގެ އަދަދު ލިމިޓް ކުރުމަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މި މައުލޫގައި އޭނާގެ ވިސްނުން "ވަން" އަށް ހިއްސާ ކުރައްވައިފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެކެވެ. އެކަން 2024 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން ކުރެވެން އޮތިއްޔާ ކުރަން ޖެހޭކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ނާޒިމް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވުމުގެ އިތުރުން އާބާދީ ވެސް ކުޑަ ގައުމަކަށްވުމުން މަޖިލީހުގެ މެންބަރުން އިތުރުވެގެން އެދާ ދިޔުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރާއްޖެއަށް ވުރެ މާބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަނީ ލިމިޓް ކޮށްފައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ މާލީ ހާލަތާ ބަލާއިރު މިއީ ކުރަންޖެހޭ ކަމެއް، ދެބަސް ވެވެން ނެތް ކަމެއް. ރައްޔިތުން ވެސް ބޭނުންވަނީ އެގޮތް. މެންބަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން ބަޖެޓަށް ބޮޑު ބުރައެއް އެބަ އާދޭ. މިއީކީ ރަނގަޅު ގޮތެއް ނޫން" ނާޒިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިއަށް އޮތް ތަނުގައި ވެސް މެންބަރުންގެ އަދަދު އިތުރުވަމުންދާނެތީ މަޖިލީހަށް ބޭނުންވާ އަދަދަށްވުރެ މާގިނަ މެންބަރުން އިންތިހާބު ކުރުމަކީ އިގްތިސޯދީ ގޮތުންނާއި އޭނުންވެސް ގޮތްގޮތުން ގޮންޖެހުން ދިމާވާނެކަމެއްކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ އަދަދު ގާނޫނުއަސާސީން ނިންމާފައިވާ ބޭއްވުމަކީ މުހިންމުކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިގޮތުން 19 ވަނަ މަޖިލީހަށް އިންތިހާބު ކުރެވުނު އަދަދު ކަމުގައިވާ 87 މެމްބަރުންގެ އަދަދަކީ އެންމެ އެކަށޭނެ އަދަދެއްކަމަށް އަޅުގަނޑަށް ފެންނާތީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދަކީ 87 ކަމުގައި ގާނޫނުއަސާސީގައި ލިޔެފައި ބޭއްވުމަށްޓަކައި މި އިސްލާހު ހުށަހެޅީމެވެ" ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމްގެ އެ ހުށަހެޅުއްވުން އެމްޑީީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ. އެ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 40 މެންބަރުންގެ ތެރެއިން ބިލު ބަލައިގަތުމަށް ވޯތު ދެއްވީ، އެންމެ ހަތް މެންބަރުންނެވެ. ބިލު ބޭރުކޮށްލީ 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ބަލައިގަންނަން ބޭނުންވަނީ 17 ވޯޓެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމަކީ އެ ޕާޓީގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އަސްލަމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 އަށް ބަދަލުކުރުމަށް ދަ ޑިމޮކްރެޓްސްއިން ހުށަހެޅުއްވި އިސްލާހާ ގުޅިގެން ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މެންބަރުންގެ އަދަދު ލިމިޓް ކުރުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ، އެފަދަ ކަންކަމަށް ވަގުތު އޮންނަން ޖެހޭނެ. ކުރިމަތީގަ، ބޯމަތީގަ އިންތިހާބެއް އޮއްވާ އަނެއްކާވެސް އިންތިހާބަށް ކުރިމަތިލެއްވޭނެ މީހުންގެ އަދަދަށް (ބަދަލު ގެނައުން) އަޅުގަނޑުމެން ހަމަ ފުދޭ ވަރަކަށް ރަނގަޅަށް މަޝްވަރާކޮށްފަ އެފަދަ ކަމެއް ނިންމަން ވެސް ވާނީ. އެހެންވީމަ އަޅުގަނޑު ޕާސަނަލީ ނުއެއް ދެކެން އަޅުގަނޑުމެންނަށް ކުރިއަށް މި އޮތް އިންތިހާބަށް މިސާލަކަށް ލިމިޓުކޮށް، ގާނޫނުއަސާސީ ބަދަލުކޮށް އެކަން ކުރެވިދާނެ ކަމަކަށް. އަދި އެކަން އެ ގޮތަށް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ޕާސަނަލީ ނުދެކެން" އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުން މެންބަރުންގެ އަދަދު ލިމިޓް ކުރަން ނިންމައިފިނަމަ އެގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަތް ކެންޑިޑޭޓުންގެ މެނިފެސްޓޯގައި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުން ހިމަނައިފައެވެ. މެނިފެސްޓޯ އަދި ތަފާތު ޕޯޑިއަމްތަކުގައި ރައްޔިތުންގެ ރުހުން ހޯއްދަވަން އެ ވާހަކަ ދެއްކެވުން ފިޔަވައި އިތުރުކަމެއް ކުރެވިފައެއްނުވެއެވެ. 17 ވަނަ މަޖިލީހުން ފެށިގެން ގަދަކޮށް ދެކެވުނު ވާހަކައަކަށް މިހާ ހިސާބަށް އައިއިރު ވެސް ހައްލެއް ހޯދިފައި ނުވަނީ ކޮންމެވެސް ބަޔަކު އެކަމާ ދެކޮޅު ހަދާތީއެވެ.

މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު "ވަން" އަށް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުމަށް ޕާޓީތަކުން ވާހަކަ ދައްކަނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް އެކަން ކޮށްފިނަމަ އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އެ ޕާޓީ ތަކަށެވެ.

"ޕާޓީތަކުން އެހެން ބުންޏަސް އަދި ކޮންމެ މީހަކު ބުންޏަސް އެއީ އަސްލު އެ މީހުންގެ ނިޔަތްކަމަށް ނުބެލެވޭ. މެންބަރުންގެ އަދަދު ތި ފާހަގަކުރައްވާ ގޮތަށް ލިމިޓް ކޮށްފިނަމަ، ޕާޓީތަކުގެ މެންބަރުން އިންތިހާބުވި ގޮނޑިތައް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު. އަނެއްކާ އަލުން އިންތިހާބުވުމުގެ ފުރުސަތު ވެސް ކުޑަ. އެ ބިރުވެރިކަން އޮތުމަކީ މައްސަލައިގައި އެންމެ އެކަށީގެންވާ ބަހުސެއް ނުކުރެވޭ ސަބަބެއް ކަމަށް ވެދާނެ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުން އަދަދު ލިމިޓްކުރުމާ ބެހޭ ގޮތުން ތިން އިސްލާހު މަޖިލީހަށް ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް ބަހުސް ކުރުމެއް ނެތި ކޮންމެ ފަހަރަކު އެ އިސްލާހު ބޭރުކޮށްލަނީއެވެ. ކޮންމެ ޕާޓީއަކުން އެ އިސްލާހު ހުށަހެޅި ނަމަވެސް އެއަށް ބަހުސް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރުންގެ އަދަދު ލިމިޓް ކުރުމަކީ ރައްޔިތުން ނުހަނު ބޭނުންވާ ކަމަކަށް ވާއިރު އެކަން ކޮށްގެން ރައްޔިތުންގެ ނުރުހުން އަމާޒެއް ނުވާނެއެވެ.

"ނަމަވެސް ކުރިން މި ދެންނެވި ގޮތަށް ޕާޓީތަކުން އައިސް ތިބި މެންބަރުންނަށް ފުރުސަތު ހަނިވާތީ މި ބޭރުކޮށްލަނީ" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ އަދަދު ބޮޑުވުމަކީ ރައްޔިތުންގެ ކަންބޮޑުވާ ކަމެއްކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މަޖިލީހުގެ އަދަދު ބޮޑުވުމުން ދިޔުމަކީ މާލީ ގޮތުން ވެސް އެހާ ރަނގަޅު ގޮތެއް ނޫން ކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ސުވާލަކީ ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުން ހުއްޓަސް އެކަމަށް ނިމުމެއް އަންނާނެތޯއެވެ.

ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން ކޮޅުންލިޔަސް މިކަމަށް ހައްލެއް އަންނާނެ ގޮތެއް ނުފެނެ އެވެ. އަމުދުން މަޖިލީހުން އެމީހުން މުސާރަ ކަނޑައަޅައި، މަޖިލީހުން އެމީހުންގެ އަދަދުވެސް ކަނޑައަޅާ ނަމަ، މިކަމަށް ހައްލެއް ނާންނާނެ އެވެ.