ޚަބަރު

ޔާމީން ގެއަށް ބަދަލުކުރުމުން، މުއިއްޒުގެ ޝުކުރު ރައީސް ސޯލިހަށް

މުހައްމަދު އިޝާން

ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވުމުން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ރޭ ވަނީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން މިއަދު ވަނީ ޔާމީން ގެއަށް ބަދަލުކޮށްފައެވެ. ޔާމީން ގެއަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ގެކޮޅަށް ވަޑައިގެންނެވި އިރު، އެމަނިކުފާނަށް ސަޕޯޓު ކުރާ ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް ވަނީ އެއްވެފައެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތައް ޔާމީން ގެކޮޅު ކައިރިއަށް ވަޑައިގެން ތިއްބެވެ.

މުއިއްޒު މިއަދު ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްފަހު "ޗެނަލް 13" އަށް ދެއްވި އިންޓަވިއެއްގައި ވަނީ އެ ބައްދަލުވުމުގައި ދެކެވުނު ބައެއް ވާހަކަތައް ހިއްސާ ކުރައްވައިފިއެވެ.

ރައީސް ސޯލިހު އެ ބައްދަލުވުމުގައި ވަނީ ގައުމުގެ މަސްލަހަތައް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ޔާމީން ގެއަށް ބަދަލުކުރެއްވުންކަން ފާހަގަކުރައްވާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ގައުމުގެ ރައްޔިތުން ބަސް ބުނެފައިވުމަކީ ވެސް ޔާމީން ގެއަށް ބަދަލުކުރައްވަން ނިންމެވި ސަބަބެއްކަން ރައީސް ސޯލިހު ފާހަގަކުރެއްވި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޔާމީން ގެކޮޅަށް ބަދަލުކުރެއްވުމަށް ނިންމެވުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އެ މަނިކުފާނުގެ ލަފާފުޅާއި މަޝްވަރާގެ މަތިން ވެރިކަމުގެ ބައެއް ކަންކަން ނިންމުމަށް ފަސޭހަވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.