ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުން ޔާމީން، މާލެ ގެނެސްފައިވަނީ މިއަދު 3:28 އެހާކަންހާއިރުއެވެ. އަދި އެ މަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެފައެވެ.
ޔާމީންގެ ގެއަށް ބަދަލުކުރަން ނިންމާފައިވާއިރު، އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެ މަނިކުފާނުގެ ތާއީދާއެކު ކުރިމަތިލެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. އަދި މުއިއްޒު ވަނީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެވެ.
އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ.