މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު، ވޯޓު ލައްވައިފިއެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން، މާފުށީ ޖަލުގައި ހުންނަ ފޮއްޓަށް ދެންމެ ވޯޓު ލައްވައިފި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ޖަލުގައި ހުންނަ ވޯޓު ފޮއްޓަށް ރީރަޖިސްޓްރީ ކުރައްވާފައި ނުވާތީ، ރައީސް ޔާމީނަށް ވޯޓު ލެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް މި ބުރުގައި އެ މަނިކުފާނު ވަނީ ރީ ރަޖިސްޓްރީ ކުރައްވައިފައެވެ.
ޖަލުގައި ހުންނަވައިގެން، މިމަހުގެ ނުވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައީސް ޔާމީން އިލެކްޝަންސް ކޮމިޝަނަށް ފޯމުވެސް ހުށަހެޅުއްވިއެވެ. އަދި އެ ފޯމު ކޮމިޝަނުން ބާތިލުކުރި މައްސަލައިގައި އެ މަނިކުފާނު ސުޕްރީމް ކޯޓަށްވެސް ވަޑައިގެންނެވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ، ރައީސް ޔާމީންގެ އިންތިހާބީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރީ ރަނގަޅަށް ކަމަށެވެ.
މި ރިޔާސީ އިންތިހާބުގައި، ޕީއެންސީގެ ކެނޑިޑޭޓެއްގެ ގޮތުގައި، ވާދަ ކުރެއްވުމުގެ ފުރުސަތު މާލޭސިޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަތީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިނުގެންނެވުމުންނެވެ. ރައީސް ޔާމީން ހުންނެވީ، އެ މަނިކުފާނުގެ ވެރިިކަމުގައި ވ. އާރަށް ރިސޯޓް ހެދުމަށް ކުއްޔަށް ދިނުމުގައި، ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓުގެ ގޮތުގައި 101،581 ވޯޓު ހޯއްދަވައިގެން 46.06 ޕަސެންޓުން، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވާފައިވާ އިރު، އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. މިއީ 39.05 ޕަސަންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސަންޓު މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ. މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި ވަނީ 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެވަފައެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.
ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ހަވީރު 5:00 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު