ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވަނަ ބުރުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުމަށް އެކި ކަންކޮޅުތަކުގައި ޖުމުލަ 586 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދި ދެ ކެންޑިޑޭޓުންނެވެ. އެއީ 46 ޕަސަންޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 39 ޕަސަންޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި 15،839 ވޯޓާއެކު ތިންވަނަ ހޯއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމަވައިފައެއް ނުވެއެވެ. އޭގެ އިތުރުން ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރާއި ފާރިސް މައުމޫން ވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމަވައިފައެއް ނުވެއެވެ.

ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ކޯލިޝަނަކާ ގުޅިވަޑައިގެންނެވީ ހަމައެކަނި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް، ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމެވެ. ފުރަތަމަ ބުރުގައި އޭނާއަށް ލިބިވަޑައިގެންފައިވަނީ 1،907 ވޯޓެވެ. ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ނުވި ނަމަވެސް، އަމިއްލަ ހައިސިއްޔަތުން އެ ޕާޓީގެ މެންބަރުން ވަނީ ފުރަތަމަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރާކަން އިއުލާންކޮށްފައެވެ.

ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ބޭއްވުމަށް ނިންމާފައިވަނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ. ވޯޓުލާން ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީ އިން މިއަދު ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސަންޓު މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ. މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި ވަނީ 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެވަފައެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.