ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00ގެ ނިޔަލަށް ކަމަށާއި ވޯޓުލުމަށް ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން އޮންނާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށާއި ގަޑި އިތުރު ނުކުރާނެ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށެވެ. ވަގުތު ކުޑަކަމަށް ބުނެ، ގިނަ ބަޔަކަށް ވޯޓު ނުލެވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނީ އޭރު ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެއަށްފަހު އީސީން ވަނީ ދެވަނަ ބުރުގެ ވޯޓުލުން ހަވީރު 5:00ގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ވަގުތު އިތުރުކުރަން ނިންމައިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް 80 ޕަސެންޓް މީހުންވެސް ނުކުމެފައެއް ނުވެއެވެ. އެއީ އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ. މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި ވަނީ 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެވަފައެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދި ދެ ކެންޑިޑޭޓުންނެވެ. އެއީ 45.1 ޕަސަންޓާއެކު 101،581 ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 38.2 ޕަސަންޓާއެކު 86،164 ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.