ޚަބަރު

އެމްޑީއޭގެ ނިންމުން ބަލައިގަނެ އިދިކޮޅުން މަރުހަބާ ކިޔައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، އެމްޑީޕީ އާއެކު ހަދާފައިވާ އޮތް ކޯލިޝަން ރޫޅާލައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން އެމްޑީއޭ އިން ނިންމުމުން އެކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބަލައިގަނެ، މަރުހަބާ ކިޔައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒާ އެކު ކުރިއަށް ދިއުމަށް އެމްޑީއޭ އިން ނިންމީ އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ 97 ޕަސެންޓް މެންބަރުންގެ ތާއީދާއެކުގައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމުމުން އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

އަދި އެމްޑީއޭ އިން މުއިއްޒަށް ތާއީދު ކުރަން ނިންމުމުން، އެ ކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނާއި މުއިއްޒާއި ހުސެއިން މުހައްމަދު ލަތީފާއި ކޯލިޝަންގެ ލީޑާޝިޕާއި އާންމު މެންބަރުންގެ ފަރާތުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި އެ ޕާޓީގެ ލީޑާޝިޕާއި ކައުންސިލާ މެންބަރުންނަށް މަރުހަބާ ކިޔާ ކަމަށްވެސް ބުނެފައިވެއެވެ.