އަންނަ ނޮވެމްބަރު ފަސްވަނަ ދުވަހުގެ ކުރިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިމުގެ އިން ވަކިކޮށް، ގާނޫނީ ހުރިހާ ހަމައެއް ނިންމާފައި ރަޖިސްޓަރީ ހަވާލުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ޗާންދަނީ މަގުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގިރާވަރު ފަޅާއި ގުޅިފަޅު އަދި ހުޅުމާލޭ ފޭސް ތިނަކުން ގޯތި ލިބުނު މީހުން ޔަގީންކަމެއް ހޯދަން ބޭނުންވާ ކަންތައްތަކެއް ހިއްސާކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން މި ދައުރު ނިމުމުގެ ކުރިން ގޯތިތައް ހަވާލުކުރެވޭނެތޯ ސުވާލު އުފައްދާފައިވާ ކަމަށެވެ.

"އަޅުގަނޑު ޔަގީންކޮށް ތިޔަ ހުރިހާ ބޭފުޅުންނަށް މި އަރުވަނީ އަޅުގަނޑުމެންގެ މި ދައުރު، ނޮވެމްބަރު 17ގައި ނިމުމުގެ ކުރިން، ފަހެއް ނޮވެމްބަރު ވާންވާއިރަށް އަޅުގަނޑުމެން ވައުދުވެފައި އޮތް ގޮތަށް ރަޖިސްޓަރީ ހަދައި ތިބޭފުޅުންނަށް ގޯތީގެ އިން ވަކިކޮށް، އަޅުގަނޑުމެން ހަވާލުކޮށްދޭނަން. އެ ރަޖިސްޓަރީ ވާނީ ގާނޫނީގޮތުން މީގެ ކުރިންވެސް ބަންޑާރަ ގޯއްޗެއް މީހަކަށް ދިނުމަށް ސަރުކާރުން ނިންމާފައި ހުރި ގާނޫނީ ހުރިހާ ހަމައެއް ނިންމާފައި ދޭ ދިނުމަކަށް. އިރާދަކުރެއްވިއްޔާ އެ ޔަގީންކަން ވެސް މިއަދު ތިޔަބޭފުޅުންނަށް އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގިރާވަޅު ފަޅު ހިއްކައި، އެތަނުން ވެސް ނޮވެމްބަރު 5ގެ ކުރިން ގޯތި ހަވާލުކުރައްވާނެ ކަމަށާއި އެ ހުރިހާ ތަނެއްގައި ފެނާއި ނަރުދަމާއާއި ކަރަންޓާއި މަގުގެ ކަންތައްތައް ވެސް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. އަދި އެތަންތަން އިމާރާތްކޮށް ނިމެންވާއިރަށް ހުރިހާ ކަމެއް ފުރިހަމަކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"މިރޭ ތިބޭފުޅުންނަށް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ހަމަ އެތަން ނިމުމާ އެކީގައި ފެނާއި ކަރަންޓާއި ނަރުދަމާއާއި މަގު ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނެ ވާހަކަ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން އެތަންތަނުގައި އިމާރާތްކޮށް ނިމެންވާއިރަށް ކުރިއަށްއޮތް އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި ހުރިހާ ތަނެއްގައި އަޅުގަނޑުމެން މަގުތައް ހަދައި، ފެނާއި ނަރުދަމާ އަޅައިދީ، ކަރަންޓުގެ ހިދުމަތް އެތަންތަނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލޭގައި ވީހާވެސް ޖާގަ ބޮޑުކޮށް އިމާރާތްކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެންނާނެ ކަމަށާއި އެއިން ކޮންމެ ގޯއްޗެއް މަދުވެގެން ދިހަ ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ހުއްދަދޭނެ ކަމަށެވެ.