ފުވައްމުލަކު ސިޓީގައި 500 ހައުސިން ޔުނިޓް ހަދައިދީ އެ ސިޓީގައި ޓޫރިޒަމް ފުޅާކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ފުވައްމުލަކަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ވެގެންދާނެ ކަމަށެވެ.
"ލޭންޑް ޔޫސް ޕްލޭނުގެ ތި ބޭފުޅުން ކަނޑައަޅުއްވާ ސަރަހައްދުތަކުގައި ހައުސިން މަޝްރޫއުތައް ހިންގުމަކީވެސް އަޅުގަނޑުމެން ކުރާނެ ކަމެއް. އެގޮތުން އަޅުގަނޑުމެން ހުށަހަޅާފައި މި އޮތީ، އަޅުގަނޑު ގަސްދު ކުރަނީ 500 ހައުސިން ޔުނިޓުގެ ހައުސިން މަޝްރޫއެއް އިރާދަކުރެއްވިއްޔާ މިތާ ހިންގަދޭނަން. އަދި އެއީ އަތްފޯރާފަށުގެ އަގުތަކެއްގައި ހުންނަނީ" މުއިއްޒު ވިދާޅުވިއެވެ.
"އަދި ހަމައެއާއެކީގެ ޓޫރިޒަމްގެ ގޮތުން މި ސިޓީގެ އެކަން ކުރެވެން އޮތް އެންމެ ފުޅާ ދާއިރާގައި ކުރުމަށްޓަކައި ހުރިހާ ފުރުސަތުތަކެއް ހުޅުވަދޭނަން. އިންވެސްޓަރުންނަށް ފުރުސަތު ހުޅުވަދޭނަން، އިންޓަގްރޭޓެޑް އިކޯ ޓޫރިޒަމްގެ އެކި ކަހަލަ މަޝްރޫއުތައް ހިންގުމަށްޓަކާ މަގުފަހިކޮށްދޭނަން"
މުއިއްޒު ވަނީ ފުވައްމުލަކު ހޮސްޕިޓަލަކީ ސީޓީ ސްކޭން އަދި އެމްއާރުއައިގެ ހިދުމަތް ދެވޭނެ ފެންވަރުގެ ތަނަކަށް ހަދައި، ފުވައްމުލަކުގައި ޑީކޮމްޕެރެޝަން ޗެމްބާއެއް ގާއިމުކުރަންވެސް ވައުދުވެވަޑައިގެންފައެވެ.