ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ދައުލަތަށް ސާފު ކޮށްދެވިފައި ނުވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.
އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މަނީ ލޯންޑަރިންގެ މުޅި މަފުހޫމަކީ ލޯންޑާކުރި ފައިސާއަކީ ގާނޫނާހިލާފަށް ހޯދި ފައިސާކަން އެނގުމާއި އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކުރުން ކަމަށެވެ.
"އެހެންވީމާ މަނީ ލޯންޑަރިންގެ ބޭސިޓް ޓެސްޓަކީ ބޭންކުތަކުގެ ތެރެއިން ކުރިޔަސް، ބޭރުގެ ޕްރޮޕަޓީއެއް ގަތަސް ނޫނީ އެހެންކަމެއް ކުރިޔަސް، ފައިސާ އެހެރީ އެހެން ގޮތަކަށް ބޭނުންކޮށްފައޭ. ކޮބާހޭ މީގެ ޓްރެސިބިލިޓީ ގެއްލިއްޖެހެއްޔޭ. މިއީ ކޮންސީލް ކުރިޔަސް، ޕްލޭސް ކުރިޔަސް މީގެ ފައިނަލް ޓެސްޓަކީ މީގެ ޓްރޭސިބިލިޓީ ގެއްލޭހޭ. މީހަކު ނުބާ ނިޔަތެއްގައި ގާނޫނާހިލާފު ފައިސާ ހޯދައިފި ކަމަށްވަންޏާ އޭނާ އެ ފޮރުވަން ކުރާ މަސައްކަތުގައި ޓްރޭސިބިލިޓީ ފެންނަ ގޮތަށް، ޓްރޭސިބިލިޓީ ހުންނަ ގޮތަށް ޖުރިސްޑިކްޝަނެއްގެ އެއް ބޭންކެއްގެ އޭނާގެ އެކައުންޓުގައި ފައިސާއެއް ދަތުރުކުރިޔަސް އޭގެ ޓްރޭސިބިލިޓީއެއް ނުގެއްލޭ. އެ ކޮންސީލް ކުރަން ކުރެވޭ މަސައްކަތެއް ނުކުރޭ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ގާނޫނާ ހިލާފަށް މީހަކަށް ލިބޭ ފައިސާއެއް އޮފްޝޯ ބޭންކެއްގައި ބަހައްޓައިފިނަމަ އެއީ ނުރަނގަޅު ނިޔަތެއްގައި ކުރިކަމެއް ކަމަށާއި އެއީ ޓްރޭސް ނުކުރެވޭ ގޮތަށް ފައިސާ ފޮރުވަން މަސައްކަތްކުރުން ކަމަށެވެ. އަދި މަނީ ލޯންޑަރިންގެ ހިނގައި ބެލުމުގެ ދޮރުފާރަވެރިއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ބޭންކުތަކުގައި މި ހިނގާ މުއާމަލާތްތަކުގައި އެކެއްގެ ނަމުގައި އޮންނަ އެއް އެކައުންޓުން އަނެއް އެކައުންޓަށް ދިއުން. ނޫނީ އެކެއްގެ ނަމުގަ އިން އެކައުންޓެއް އެ އެކައުންޓުން އެހެން ބޭންކެއްގެ އޮންނަ ހަމަ އޭނާގެ އެކައުންޓަށް ދިއުން، އޭގެ ތެރެއަށް ކޮންސީލް ކުރުމެއް ނާދޭ. އޭގެ ތެރޭގައި ޓްރޭސް ނުކުރެވޭނެ ކަމެއް ނާދޭ. އެއީ އެ ހުރިހާ މައުލޫމާތަކީ ސެންޓްރަލް ބޭންކަށް ދާ މައުލޫމާތު،" ޔާމީން ވިދާޅުވިއެވެ.
ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިނގާ ކަމަށް އެމްއެމްއޭއަށް ޝައްކު ކުރެވޭ ނަމަ، ސަސްޕިޝިއަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރު) ނެރެ، އެކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން މިއަދުގެ ޝަރީއަތުގައި ވާހަކަދެއްކެވީ އެންމެ ފަހުން އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ދެއްކެވި ވާހަކަތަކާ ގުޅިގެން މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ފަނޑިޔާރުންގެ ބެންޗުން ސުވާލުކުރެއްވީ މަނީ ލޯންޑަރިންގެ މާއްދީ ރުކުން ފުރިހަމަވާ ހިސާބަކީ ކޮބައިތޯއެވެ. ޔާމީން ވިދާޅުވީ މާއްދީ ރުކުން ފުރިހަމަވާ ހިސާބަކީ ފައީސާ ހޯދީ ގާނޫނާހިލާފަށްކަން އެނގިހުރެ، އެ ފައިސާ ޓްރޭސިބިލިޓީ ގެއްލުވާލަން މަސައްކަތް ކުރާ ހިސާބުން ކަމަށެވެ.
ދައުލަތުން މީގެ ކުރީގެ އަޑުއެހުމުގައި ވިދާޅުވެފައިވަނީ ޔާމީނަށް ފައިސާ ދީފައިވަނީ ޔޫސުފް ނައީމް ކަމަށާއި ޔޫސުފް ނައީމް އެ ފައިސާ ހޯދީ ކުށެއް ކޮށްގެންކަން ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޔާމީން ވަނީ އެ ފައިސާއިން މަންފާ ހޯދުމަށް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެ މަނިކުފާނުގެ އިންވެސްޓުމެންޓް އެކައުންޓަކަށް ޖަމާކޮށްފައި ކަމަށެވެ. އެހާ ހިސާބުން މަނީ ލޯންޑަރިންގެ ރުކުން ފުރިހަމަވާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ނަމަވެސް ޔާމީން ވިދާޅުވެފައިވަނީ ޔޫސުފް ނައީމްގެ ފަރާތުން ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކުރީ އެޗްއެސްބީސީ ބޭންކަަށް ކަމަށެވެ. އެ ފައިސާ އިސްލާމިކް ބޭންކަށް ޖަމާކުރީ، އެޗްއެސްބީސީ ބަންދުކުރަން އުޅޭކަމުގެ ނޯޓިސް ލިބުމުން ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ. އެހެންކަމުން އެޗްއެސްބީސީގައި ހުރި ފައިސާތަކެއް އިސްލާމިކް ބޭންކަށް ފޮނުވީ ގޯސް ނިޔަތެއްގައި ނޫން ކަމަށާއި އެ ފައިސާ އިސްލާމިކް ބޭންކަށް ޖަމާކުރީ ފުދޭ ވަރެއްގެ އިންޓްރެސްޓް ލިބޭގޮތަށް އެއްބަސްވެގެން ތިން އަހަރު ދުވަހަށް ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު