އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަން ހިންގާ ފަރާތްތަކާމެދު އިސްވެ ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ލ. ގަމަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އިހުލާސްތެރިކަން ނެތް މީހުންނަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އޭނާގެ ޓީމުގައި ތިއްބަވާނީ ބާރު ދުވެލީގައި ކަންކަން ކުރިއަށް ގެންދެވޭނެ ތައުލީމީ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެކަންކުރާ ފަރާތެއް ފާހަގަވެއްޖިއްޔާ އަޅުގަނޑު އިސްވެ އެކަމަށް ފިޔަވަޅު އަޅާނީ. އިހުލާސްތެރި ތެދުވެރި މަސައްކަތެއް ކުރަން ނޫނިއްޔާ ނާދެވޭނެ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރަން އަންނަ ސަރުކާރެއް ކަމަށާއި އެހެންކަމުން ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ނޫސްވެރިން ބޭނުންވާ ހުރިހާ މައުލޫމާތެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރު ހިންގާނީ ދެފުށް ފެންނަ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

"ޗެކް އެންޑް ބެލެންސް ފުރިހަމަ ގޮތުގައި ގާއިމުކުރާނަން. މިނިވަން މުއައްސަސާތައް ވާނީ ހާގީގީ މާނައިގައި އަމަލީ ގޮތުން މިނިވަން މުއައްސަސާތަކަކަށް. ޖުޑިޝަރީ ވާނީ ހަގީގީ މާނައިގައި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ޖުޑިޝަރީއަކަށް. އިރާދަކުރެއްވިއްޔާ މި މޭރުމުން މި ގައުމުގަ ހަމަޖެހުން ގެނެސްދޭނަން" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ރާއްޖޭގެ މިނިވަންކަން ޔަގީން ކުރެއްވުން ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޑިޕްލޮމެސީގެ ރީތި މިސާލު ދައްކައިގެން ބާލުވާނެ ކަމަށެވެ. އެއަށްފަހު ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.