އަންނަ ބުރާސްފަތި ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މަސައްކަތް ކުރައްވާ މަޖިލިސް މެންބަރުން އެ ކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަން ބޭނުންވާ އަދަދަށް މެންބަރުން ހަމަ ނުވުމުން މެންބަރުންގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، "މިއީ ރިޔާސީ އިންތިހާބުގެ ފަހު ހަފުތާ އެހެންވީމަ ޕާޓީތަކުން ކެމްޕެއިން ކުރަން ޖެހިވަޑައިގަންނަވާނެ، އެ މަސައްކަތުގައި އުޅުމަކީ މި މަޖިލީހުގެ މަސއްކަތެއްގެ ގޮތުގައި އަޅުގަނޑު ހަމަ ގައިމުވެސް ދެކެނީ،" ކަމަށެވެ

ނަމަވެސް ކަންބޮޑުވެވަޑައިގަންނަވަނީ، މަޖިލިސް އިދާރާގެ ކުޑަ ދަށުގައި ތިއްބަވައިފައި، ޖަލްސާ ފެށުމަށް މާލަމުގެ ތެރެއަށް މެންބަރުން ވަޑައިނުގަންނަވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ވިދާޅުވީ، މެންބަރުން "މަސައްކަތުގައި އުޅުއްވީމަ އެކުރެއްވެނީ ހަމަ މި މަޖިލީހުގެ މަސައްކަތް،" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނަގަން ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ، ވޯޓު ކަރުދާހުގައި ރައްޔިތުންނާ ކުރަން ހިމަނަންޖެހޭ ސުވާލުގެ އިބާރާތް ކަނޑައެޅުމެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. ގަރާރެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އެކަމާބެހޭ ގަރާރު މަޖިލީހުން ފާސްކޮށް، ވޯޓު ނެގުމުގެ ކަންތައް ކުރިއަށް ގެންދިއުމަަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުން އެންގުމުން، އެ ކޮމިޝަނުން ބުނެފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އަންނަ މަހުގެ 29 ގައި ކުރިއަށ ގެންދަން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި ބަޖެޓް ލިބުނުހާ އަވަހަކަށް އެކަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ ގޮތުން ގާނޫނީ ލަފާ ހޯދުމަށްފަހު، ވޯޓުނެގުމަށް ބޭނުންވާ ބައެއް ކަންކަން އޮޅުން ފިލުވަންޖެހޭކަން ފާހަގަކޮށް، އެ މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހަށް ފޮނުވައިފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ވޯޓު ނެގޭނީ، އެ މައުލޫމާތުތަކާއި އެކަމަށް ބޭނުންވާ ބަޖެޓު ލިބުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނިޒާމީ ވޯޓު ނެގުމުގެ މަސައްކަތްތައް މިހާރު މަޖިލީހުން ފަށާފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ބާރުތަކާއެކު އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ނިޒާމީ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނަންޖެހޭ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރީވެސް އެ މަސައްކަތުގެ ދަށުންނެވެ.