ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެންނެވި އަދަދާ ގާތަކަށްވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އަދި ވަޑައިގަނެވިފައި ނެތް ކަމަށް ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން އެގޮތަށް ރައްދު ދިނީ، ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް ސޯލިހު ރަށްރަށަށް ވަޑައިނުގަންނަވާތީ އިދިކޮޅުން ކިިޔާ ފާޑުކިޔުންތަކަށެވެ.
ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން މިއަދު "ވަން" އަށް ބުނީ އެމްޑީޕީ އަދި އެ ޕާޓީ އާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް ރައްޔިތުންގެ ހާލު ބަލައި، ރައްޔިތުން ބޭނުންވާާ ކަންކަން ހިމަނައިގެން ކަމަށެވެ.
"އަދި އެ މެނިފެސްޓޯއާ އެކީ ރައީސް އިބޫ ވަނީ ފުރަތަމަ ބުރުގައި އެކަނި 170 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައި. މީގެ އިތުރުން ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅިގެން މެނިފެސްޓޯ އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްވެސް އެ ދަނީ ކުރައްވަމުން. ދެބުރު އެއްކޮށްވެސް އިދިކޮޅު ކެންޑިޑޭޓަށް މި އަދަދާ ގާތްވާ ވަރަށްވެސް ރަށްރަށަށް ދެވިފައިނުވޭ" ކެމްޕޭން ޓީމުން ބުންޏެވެ.
ކެމްޕޭން ޓީމުން އެހެން ބުނެފައިވާ އިރު، މި ހަފުތާ ތެރޭގައި ދެވަނަ ބުރުގެ ކެމްޕޭނަށް ބައެއް ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް ވިދާޅެއްނުވެއެވެ.
ދެވަނަ ބުރުގެ ކެމްޕޭނަށް މުއިއްޒު މިހާތަނަށް 50 އަށް ވުރެ ގިން ރަށަކަށް ވަޑައިގެންނެވި އިރު، ރައީސް ސޯލިހު ގެންދަވަނީ މާލޭގައި ކޮންމެ ދުވަހަކު ޑޯޓުޑޯ ހަރަކާތް ކުރިއަށް ގެންދަވަމުންނެވެ. އަދި ކޮންމެ ރެއަކު ކެމްޕޭން ޖަލްސާ ބައްވާއި އެ ޖަލްސާގައި ވާހަކަފުޅުދައްކަވައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު