ރާއްޖޭގެ ސިޓީތަކުގެ މަގުތައް ހަދާނީ ރޭސިންސްތައް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރެއިން ކުޅުދުއްފުށި ސިޓީއަށް މިރޭ ވަޑައިގެން އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގެ އަދި ސިޓީތަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށެވެ.

"އަދި އޭގެ ތެރޭގައި ކަނޑައެޅޭ، ހާމަކުރެވޭ ގަވާއިދެއްގެ ތެރޭގައި ބަޔާން ކުރެވިފައި އޮންނަ މިންގަނޑުތަކެއް ހިމެނޭ ގޮތަށް ރޭސިންއަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައި ބައެއް މަގުތައް ހުންނާނީ. ރޭސިންއަކީ ޒުވާން ކުދިން ވަރަށް ބޮޑަށް ކުރާކަމެއް. ވަކި ގަޑިތަކެއްގެ، ވަކި މިންގަނޑުތަކެއްގައި، ވަކި ހުދޫދެއްގެ ތެރޭގައި އެކަން ކުރިއަށް ގެންދެވޭނެ، އެ ކުޅިވަޅުގައި ބައިވެރިވާ ފަރާތްތަކަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަގުތަށް ހަދާނީ ވަކި ވަގުތުތަކެއްގައި ރޭސިންތައް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ.

"އެހެންވީ އެގޮތަށް އޮންނަ މަގުތަކެއް ވެސް ހިމެނޭ ގޮތަށް ހުރިހާ މަގެއް ހަދާ ވާހަކަ މި ދެންނެވީ"

ރޭސިން އަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ކުޅިވަރެކެވެ. އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ހުޅުމާލެ އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން އެހެން ބައެއް ރަށްރަށުގައި މިހާރު ވެސް ރޭސް ޖެހުމާއި ޑްރިފްޓިން ފަދަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

މުއިއްޒު ވަނީ މީގެ ކުރިން އުތުރާއި ދެކުނު އަދި މާލޭ ސަރަހައްދުގައި ރޭސިންއަށް ހާއްސަ ޓްރެކެއް ހަދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.