މިޔަންމާގެ އުތުރު ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިމަހު 19 ވަނަ ދުވަހު ކުރި ތާރީހީ ހުކުމުގައި ކަނޑައަޅައި، އެ މައްސަލައިގައި ރާއްޖެއިން ހުށަހެޅި މުހިންމު ގާނޫނީ ނުކުތާތަކަށް ތާއީދުކޮށްފިއެވެ.
"އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" ގެ ނަމުގައި ކުރިއަށްދިޔަ މި މައްސަލައިގެ ހުކުމަކީ ގަތުލުއާންމު ހިންގުމުގެ ޒިންމާ ދައުލަތަކުން އުފުލަންޖެހޭކަމަށް އައިސީޖޭއިން ކަނޑައެޅި ފުރަތަމަ ފަހަރެވެ.
އައިސީޖޭގެ މި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިޔަންމާގެ ސަލާމަތީ ބާރުތަކުން ވަނީ ރޮހިންޖާގެ އެތައް ހާސް އާންމު ރައްޔިތުންނެއް މަރާލައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާގެ އަމަލުތައް ހިންގައި، އަދި ކުޑަކުދިންނާ ދެކޮޅަށް އިންތިހާއަށް އަނިޔާވެރި އަމަލުތައް ހިންގާފައެވެ. މީގެ އިތުރުން، މި ގަތުލުއާންމު ހުއްޓުވުމަށާއި އެކަން ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާ ސަރުކާރު ނުކުޅެދިފައިވާކަމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.
އެހެންކަމުން، 2017 ވަނަ އަހަރު ހިންގި "ކްލިއަރެންސް އޮޕަރޭޝަންސް" ގައި ބައިވެރިވިކަމަށް އެކަށީގެންވާ ގޮތެއްގައި ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް، އެކަމަށް ޒިންމާވާ ފަރާތްތަކުގެ މައްޗަށް ދައުވާކޮށް އަދަބު ދިނުމަށާއި، މިޔަންމާގެ ޣައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ދިނުމުގެ އިތުރުން، ގެދޮރު ގެއްލިފައިވާ މީހުން ރައްކާތެރިކަމާއެކު އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ފުރުސަތު ދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެެވެ.
ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި މައްސަލައަށް ތަދައްހުލުވާނެކަން އެންމެ ފުރަތަމަ އިއުލާންކުރި ގައުމަކީ ރާއްޖެއެވެ. މި މައްސަލައިގައި ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މަސައްކަތް ކުރެއްވިއިރު، ރާއްޖެ ތަމްސީލުކުރެއްވި ވަކީލުންނަކީ ބެރިސްޓާ އަދި ޕްރޮފެސާ އަމާލް ކްލޫނީ އަދި ބެރިސްޓާ އަދި ޕްރޮފެސާ ފިލީޕާ ވެބް ކޭސީއެވެ. ރާއްޖެއިން މި މައްސަލައަށް ތަދައްހުލުވެ ހުށަހެޅި ހުށަހެޅުންތަކުގައި، ގަތުލުއާންމު ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް އޮތް ޒިންމާއަށާއި، މިނިވަން އަދި މުސްތަގިއްލު ޓްރައިބިއުނަލެއްގެ ކުރިމަތީގައި ކުށްވެރިންގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމުގެ ވާޖިބާ ގުޅޭގޮތުން މުހިންމު ނުކުތާތަކެއް ވަނީ ފާހަގަކޮށްފައެވެ.
އެޓާނީ ޖެނެރަލް އޮފީސް (އޭޖީ އޮފީސް)އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އައިސީޖޭގެ ހުކުމުގައި، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އުފުލަންޖެހޭ މުހިންމު އިލްތިޒާމުތަކާ ގުޅޭގޮތުން ރާއްޖެއިން ހުށަހެޅި ގާނޫނީ ނުކުތާތަކަށް ވަނީ ފުރިހަމައަށް ރިއާޔަތްކޮށްފައި ކަމަށެވެ. އެގޮތުން، ދައުލަތެއްގެ ސަރަހައްދުގައި ގަތުލުއާންމު ހިންގައިފިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފެންނަ ހިނދުން ފެށިގެން އެކަން ތަހުގީގުކުރަންޖެހޭނެ ކަމަށާއި، އެ ތަހުގީގުތަކަކީ އަވަސް، ހަރުދަނާ، ފުރިހަމަ، މިނިވަން، މުސްތަގިއްލު އަދި ހެޔޮ ނިޔަތުގައި ކުރިއަށްގެންދާ ތަހުގީގުތަކަކަށް ވާންޖެހޭނެކަމަށް ބަޔާންކޮށް ރާއްޖެއިން ހުށަހެޅި ނުކުތާތަކަށް ދަ ގެމްބިއާއިން ތާއީދުކޮށްފައިވާކަން ހުކުމުގެ 511 އަދި 516 ވަނަ ޕެރެގްރާފުގައި ވަނީ ފާހަގަކޮށްފައިކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މީގެއިތުރުން، ކޮންވެންޝަންގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ ދަށުން އަދަބު ދިނުމުގެ ވާޖިބު އަދާކުރުމަށްޓަކައި ހިންގާ ޝަރީއަތްތަކުގައި އިންސާފުވެރި ޝަރީއަތެއްގެ އެންމެހައި ސިފަތައް ހުންނަންޖެހޭނެ ކަމަށާއި، ކަނޑައަޅާ އަދަބަކީ ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ އަދި ކުރިމަގުގައި އެފަދަ އަމަލުތައް ހުއްޓުވުމަށް ބާރުއަޅާ އަދަބަކަށް ވާންޖެހޭނެކަމަށް ބުނެ ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށްވެސް ހުކުމުގެ 518 ވަނަ ޕެރެގްރާފުގައި ވަނީ ތާއީދުކޮށްފައިކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އަދި، ގަތުލުއާންމުގެ އެންމެހައި އަމަލުތަކަށް ދައުވާކުރާނެ ގާނޫނީ އޮނިގަނޑުތައް ގާއިމުކޮށް، ހުރިހާ ފަރާތްތަކަކަށް އެކަށީގެންވާ ހަރުކަށި އަދަބު ކަށަވަރުކުރުމަށް ރާއްޖެއިން ވަކާލާތުކުރި ނުކުތާއަށް ހުކުމުގެ 559 ވަނަ ޕެރެގްރާފުގައި ވަނީ ބަލައިގެންފައިކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މި ތާރީހީ ނިންމުމާ ގުޅިގެން އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ ރާއްޖެއިން މި މައްސަލައަށް ތަދައްހުލުވީ ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހަދައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދީ އެ އަމަލު ހިންގާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ކަމަށެވެ. އަދި ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައްވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަހުގީގުކޮށް އަދަބު ދޭންޖެހޭނެކަމަށް އައިސީޖޭއިން ކަނޑައެޅި ކަނޑައެޅުމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ޖެނޮސައިޑް ކޮންވެންޝަން ނެގެހެއްޓުމުގައާއި ބައިނަލްއަގުވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
ރާއްޖެ ތަމްސީލުކުރެއްވި ވަކީލުން ކަމަށްވާ އަމާލް ކްލޫނީ އަދި ފިލީޕާ ވެބް ކޭސީ ވިދާޅުވީ، މިއީ ރެފިއުޖީ ކޭމްޕްތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެތައް ބަޔަކު ހިމެނޭހެން މި ޖަރީމާގެ ޝިކާރައަކަށްވި މީހުން އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން އައި ހުކުމެއް ކަމަށެވެ.
އަދި ގަތުލުއާންމު ހިންގުމުގެ ޒިންމާ ދައުލަތަކުން ނަގަންޖެހޭކަމަށް ކަނޑައެޅިގެން ދިޔުމަކީ ތާރީހީކަމެއް ކަމަށާއި، ކުށްވެރިންނަށް ދައުލަތްތަކުން ހިމާޔަތް ނުދެވޭނެ ކަމަށާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ތަހުގީގުކޮށް ދައުވާކުރަންޖެހޭނެކަން މި ނިންމުމުން ސާފުވާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، މިޔަންމާއިން ވަގުތުން މި ހުކުމާ އެއްގޮތަށް އަމަލުކޮށް، އަނިޔާ ލިބުނު ފަރާތްތަކަށް ހައްގުވާ ބަދަލު ދިނުމަށް ވަކީލުން ވަނީ ގޮވާލައްވާފައެވެ.
މުހައްމަދު އިޝާން
ކޮމެންޓް