ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން އިންސާނީ ކަރާމާތް ހިމާޔަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިވަނީ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާއިން ގަތުލުއާންމު ހިންގިކަމުގެ ޒިންމާ އެ ގައުމުން އުފުލަންޖެހޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކަނޑައެޅި ތާރީހީ ހުކުމާ ގުޅިގެންނެވެ.

ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ކުރި ހުކުމުން ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، ގަތުލުއާންމެއްގެ ޒިންމާ ދައުލަތެއް ނަގަންޖެހޭ ކަމަށް އައިސީޖޭގެ ތާރީހުގައި ނިންމި ފުރަތަމަ ނިންމުމަށް މި ހުކުމް ވެގެންދިއުމެވެ. ކޯޓުގެ ހުކުމުގައި، އުތުރު ރަކީން ސްޓޭޓްގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންޖާގެ އެތައް ހާސް ބަޔަކު މަރައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާ ހިންގައި، ކުޑަކުދިންނާ ދެކޮޅަށް ނުހަނު ބޮޑެތި ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަމަށް ކަނޑައެޅިއެވެ. ހަމައެހެންމެ، މި ޖަރީމާ ހުއްޓުވުމާއި ކުށްވެރިންނަށް އަދަބު ދިނުމުގައި މިޔަންމާ ނާކާމިޔާބުވެފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އައިސީޖޭއިން ވަނީ 2017 ވަނަ އަހަރުގެ "ކްލިއަރެންސް އޮޕަރޭޝަންސް" ގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ތަހުގީގުކޮށް ދައުވާ އުފުލައި އަދަބުދިނުމަށް މިޔަންމާގެ މައްޗަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން، ގައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން ރޮހިންޖާ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމާއި، ގެދޮރު ގެއްލި ވަޒަނުން ބޭރުވެފައިވާ މީހުންނަށް ރައްކާތެރިކަމާއެކު އެނބުރި ދެވޭނެ މަގު ހުޅުވައިދިނުމަށްވެސް ކޯޓުން މިޔަންމާއަށް އެންގިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި މައްސަލައަށް ތަދައްހުލުވާނެކަން އެންމެ ކުރިން އިއުލާންކުރީ ރާއްޖެއިންނެވެ. ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަމަޖެއްސެވީ ބަންޑާރަނައިބު އަހްމަދު އުޝާމެވެ. ރާއްޖެ ތަމްސީލުކުރެއްވި ގާނޫނީ ވަކީލުންނަކީ ބެރިސްޓާ އަދި ޕްރޮފެސަރު އަމާލް ކްލޫނީ އާއި ބެރިސްޓާ އަދި ޕްރޮފެސަރު ފިލީޕާ ވެބް ކޭ.ސީ. އެވެ. ރާއްޖެއިން ހުށަހެޅި ނުކުތާތަކުގައި، ގަތުލުއާންމު ހިންގި ފަރާތްތައް ޒިންމާކުރުވުމާއި، މިނިވަން މުސްތަގިއްލު ޓްރައިބިއުނަލެއް މެދުވެރިކޮށް ތަހުގީގުކޮށް ދައުވާ ހިންގުމުގެ ވާޖިބަށް ބާރުއަޅާފައިވެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ ކޯޓުގެ ހުކުމުގައި ރާއްޖޭގެ ގާނޫނީ ނުކުތާތަކަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށާއި އެގޮތުން، ދައުލަތެއްގެ ސަރަހައްދެއްގައި ގަތުލުއާންމު ހިންގާފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ފެންނަ ހިނދު، އެކަން އަވަހަށް، ހަރުދަނާ އަދި ފުރިހަމަ ގޮތެއްގައި، މިނިވަންކަމާއި މުސްތަގިއްލުކަމާއި ހެޔޮ ނިޔަތާއެކު ތަހްގީގުކުރުން ލާޒިމުވާނެ ކަމަށް ރާއްޖެއިން ހުށަހެޅި ނުކުތާތަކަށް ގެމްބިއާއިން ތާއީދުކުރި ކަމަށެވެ.

ހަމައެއާއެކު، ކޮންވެންޝަންގެ 4 ވަނަ އަދި 6 ވަނަ މާއްދާގެ ދަށުން ޝަރީއަތް ހިންގުމުގައި އިންސާފުވެރި ޝަރީއަތެއްގެ ހުރިހާ ސިފައެއް ހުންނަންވާނެ ކަމާއި، ކަނޑައެޅޭ އަދަބަކީ ކުށުގެ ބޮޑުމިނާ އެކަށީގެންވާ އަދި ކުރިމަގުގައި އެފަދަ އަމަލެއް ތަކުރާރުނުވާނެ ފަދަ އަދަބަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް ކޯޓުން ތާއީދުކުރި ކަމަށެވެ. މީގެ އިތުރުން، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އަދަބު ދެވޭ ހުރިހާ އަމަލަކަށް ދައުވާކުރެވޭ ފަދަ ގާނޫނީ އޮނިގަނޑުތައް ގާއިމުކޮށް، ހަރުކަށި އެކަށީގެންވާ އަދަބު ކަށަވަރުކުރަންޖެހޭ ކަމަށް ރާއްޖެއިން ވަކާލާތުކުރި ނުކުތާއަށް ރިއާޔަތްކޮށްފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.

މި ހުކުމާ ގުޅިގެން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ރާއްޖެއިން މި މައްސަލައަށް ތަދައްހުލުވެފައިވަނީ، ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހަދައި، ގަތުލުއާންމުގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، އެ އަމަލު ހިންގާ ފަރާތްތައް ޒިންމާކުރުވުމަށް މަގުފަހިކުރުމަށްޓަކައެވެ.

ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައްވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަހުގީގުކޮށް، ދައުވާކޮށް، އެފަރާތްތަކަށް އަދަބު ދޭންޖެހޭނެ ކަމަށް އައިސީޖޭ އިން ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔަން. ޖެނޮސައިޑް ކޮންވެންޝަން ނެގެހެއްޓުމުގައާއި، ބައިނަލްއަގުވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ،" އުޝާމް ވިދާޅުވިއެވެ.

ރާއްޖެ ތަމްސީލުކުރެއްވި ގާނޫނީ ވަކީލުން ކަމަށްވާ އަމާލް ކްލޫނީ އާއި ފިލީޕާ ވެބް ކޭ.ސީ. ހުކުމާ ގުޅޭގޮތުން ވިދާޅުވީ މި ތާރީހީ ހުކުމަކީ، މިހާރުވެސް ރެފިއުޖީ ކޭމްޕްތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެތައް ބަޔަކު ހިމެނޭހެން، މި ޖަރީމާގެ ޝިކާރައަކަށްވި ފަރާތްތަކުން އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން އައި ހުކުމެއް ކަމަށެވެ.

"ފުރަތަމަ ފަހަރަށް އައިސީޖޭއިން މިވަނީ ގަތުލުއާންމު ހިންގުމުގެ ޒިންމާ ދައުލަތަކުން ނަގަންޖެހޭކަމަށް ކަނޑައަޅުއްވާފައި. ކުށްވެރިންނަށް ދައުލަތްތަކުން ހިމާޔަތް ނުދެވޭނެ ކަމާއި، ޖެނޮސައިޑް ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރަންޖެހޭނެ ކަންވެސް ކޯޓުން މިވަނީ ސާފުކޮށްދެއްވާފައި. މިޔަންމާއިން ވަގުތުން ކޯޓުގެ މި ހުކުމާ އެއްގޮތަށް އަމަލުކޮށް، ޝިކާރައަކަށްވި ފަރާތްތަކަށް ހައްގުވާ ބަދަލު ދޭންޖެހޭ،" ވަކީލުން ވިދާޅުވިއެވެ.