އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ދައުލަތުން ތުހުމަތުކުރާއިރު، އޭނާގެ ދޮންދަރިއެއް ނުހުންނަކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނުކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މި މަހު ކުރީކޮޅުއެވެ. އޭނާ މިހާރުވެސް ހުންނެވީ ކުރިމިނަލް ކޯޓުން ނެރެފައިވާ 30 ދުވަހުގެ ބަންދު އަމުރެއްގެ ދަށުން ޖަލުގައެވެ.
ޝާހިދު ބަންދުކުރަން އެދި ދައުލަތުން ކޯޓަށް ހުށަހެޅި ފޯމުގައި، އަނިޔާ ލިބުނު ކުއްޖާއަކީ އޭނާގެ ދޮންދަރިކަމަށް ބަޔާންކޮށްފައި އޮތުމުން، އެ އަމުރު އިސްތިއުނާފުކުރަން ޝާހިދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެއްވީ އެ ކުއްޖާއަކީ އޭނާގެ ދޮންދަރިއެއް ނޫން ކަމަށެވެ. އަދި ކުއްޖާއަކީ ދޮންދަރިއެއްކަން ބަޔާންކޮށް، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ފޯމުގައި ބަޔާން ކޮށްފައި އޮތީ ގާނޫނާ ހިލާފަށްކަމަށް އޭނާގެ ފަރާތުން ފާހަގަކުރިއެވެ.
މީގެއިތުރުން ހައްޔަރުކުރި އަމުރުގައި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ކޮށްފައި ނުވާ ކަމަށާއި، ފޯމުގައި ބަޔާންކޮށްފައިނުވާ ތުހުމަތެއްގެ މައްޗަށް އޭނާ ބަންދުކުރަން ކޯޓުން ނިންމީ ގާނޫނާ ހިލާފަށްކަމަށްވެސް ޝާހިދުގެ ފަރާތުން ފާހަގަކުރިއެވެ.
އަދި އޭނާ ބަންދުކުރީ ކުއްޖާގެ ބަޔާނެއް ނެތި، ހަމައެކަނި އެ ކުއްޖާ ވާހަކަ ކިޔައިދިން މީހާގެ ބަޔާނަށް ބުރަވެ ގޯސް ހެކިތަކެއްގެ މައްޗަށްކަމަށްވެސް ޝާހިދުގެ ފަރާތުން ފާހަގަކުރިއެވެ.
އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، މައްސަލައާ އެކު ހުށަހެޅި ބަޔާންތަކުން ކުއްޖާ ޝާހިދާ މުހާތަބުކުރަނީ "ބައްޕި"ގެ ގޮތުގައި ކަމާއި، ޝާހިދަކީ ކުއްޖާގެ ދޮންބައްޕަކަމަށް އެ ކުއްޖާ ގަބޫލުކުރާކަން އެނގޭ ފަދަ ކަންތައްތަކެއް ހުރި ކަމަށެވެ.
މި މައްސަލައިގައި ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ޝާހިދު ހައްޔަރުކޮށް އޭނާއަށް ގާނޫނީ އިންޒާރު ދިން އިރުގައިވެސް ކުށުގެ ތުހުމަތު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މިއީ އޭނާގެ މައްޗަށް ނުކުރާ ނުވަތަ ނުކުރެވޭ ތުހުމަތެއް ކަމުގައި ބަލައި، ނުކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް ހައްޔަރުކޮށް ބަންދުކުރުން ކަމުގައި ނުބެލެވޭނެކަމަށް ހައި ކޯޓުން ކަނޑައެޅިއެވެ.
އަދި ދަށު ކޯޓަށް ހުށަހެޅި ލިޔުންތަކާއި ބަޔާންތަކުން ޝާހިދުގެ މައްޗަށް ކުށުގެ ތުހުމަތެއް ކުރެވޭ ސަބަބުތަކެއް ހުރިކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށްކަމަށް ބެލެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށްވެސް ހުކުމުގައިވެއެވެ.
ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބަޔާންކުރީ، ތަހުގީގަށް ލިބިފައިވާ ބަޔާންތަކަށް ބާރުލިބިދޭ އިތުރު ލިޔެކިޔުންތަކެއްވެސް ހުށަހަޅާފައިވާ އިރު، މިއީ ތަހުގީގު މަރުހަލާގައި މިފަދަ މައްސަލައެއްގައި މީހަކު ބަންދުގައި ބެހެއްޓުމުގައި ހެކި ހުރި ކަމަށް ބެލެވޭނެ ހާލަތެއް ކަމަށެވެ. އަދި މި މަރުހަލާއަކީ ދައުލަތުން ހުށަހެޅި ހެއްކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިކަން ނުވަތަ ނޫންކަން ކަނޑައަޅާނެ މަރުހަލާއެއް ނޫންކަމަށްވެސް ފާހަގަކުރިއެވެ.
ކުއްޖާގެ ބަޔާން ނެތްކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ރައްދުދީ ހައި ކޯޓުގެ ހުކުމުގައި ބުނީ، މި މަރުހަލާގައި ދަށު ކޯޓުގެ ފަނޑިޔާރު ބަލަންޖެހޭނީ މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިތޯ ނުވަތަ ނޫންތޯ ކަމަށެވެ.
އަދި އެކަން ކަނޑައެޅުމުގައި ކުއްޖާގެ ބަޔާން އޮތުން ލާޒިމު ނޫން ކަމަށާއި، ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހަކު އެ ވާހަކަ ތަހުގީގަށް ކިޔައިދީފައި އޮތްއިރު، އެ ވާހަކަތަކާއި މައްސަލައިގައި ދެން ލިބުނު ހެކިތަކުން ކުށުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭ ކަމަށް ގަބޫލުކުރެވޭ ނަމަ، އެކަން ސަބަބާއެކު ބަޔާން ކޮށްދިނުމުން ފުދޭނެކަމަށްވެސް ހުކުމުގައި ބުންޏެވެ.
އެހެންކަމުން، ޝާހިދު 30 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރާނެ އެއްވެސް ތަނެއް ނެތްކަމަށް ހައިކޯޓުންވަނީ ހުކުމްކޮށްފައެވެ.
ކޮމެންޓް