ޚަބަރު

ކަރަންޓު ބިލަށް ލުޔެއް ދިނުމަށް ފްލެޓު ރޭޓެއް ކަނޑައަޅަން ރައީސް ނިންމަވައިފި

ކަރަންޓު ބިލަށް ލުޔެއް ދިނުމަށްޓަކައި ބިލު ހިސާބުކުރުމުގައި ގެންގުޅޭ ބޭންޑްތަކުގެ ބަދަލުގައި ފްލެޓު ރޭޓެއް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމައިފިއެވެ.

އެގޮތަށް ނިންމަވާފައިވާކަން ރައީސް ސޯލިހު އިއުލާންކުރެއްވީ މިރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ހަރަކާތް، ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ލިބޭ އާމްދަނީން ކުއްޔާއި ކަރަންޓު ބިލު ދައްކާފައި، ކެއުމާއި ދިރިއުޅުމުގެ ކަންތައްތައް ހަމަނުޖެހޭކަމުގެ ކަންބޮޑުވުން ރައްޔިތުން ހިއްސާކުރަމުން އަންނަ ކަމަށެވެ.

"ކަރަންޓު ބިލަށް ލުޔެއް ހޯދުމަށްޓަކައި އެކަމަށް އަޅުގަނޑަށް އެދުނު. މިހާރު މިވާ ގޮތަކީ ކަރަންޓު ވަކި ރޭޓުތަކެއް މި ހުންނަނީ. ވަކި ވަރަކަށްވުރެ ގިނައިން ބޭނުންކޮށްފިއްޔާ، އަގު ބޮޑުވަމުން މިދަނީ. އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ވެސް ކަރަންޓު ރޭޓު ފުލެޓު ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓު ބޭނުންކުރިޔަސް، އެ ބޮޑުވާ ނިސްބަތް ބޮޑުވެގެންނެއް ނުދާނެ. ހަމަ އެއް ރޭޓަކުން އަޅުގަނޑުމެން މިއަދު އެ ބަދަލު މި ގެންނަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސް ވަނީ ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ސަރުކާރުން ދޫކުރި ލޯނުން އިންޓަރެސްޓް ކަނޑާލައި، އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމަށް ނިންމެވިކަން ވެސް މިރޭ އިއުލާންކުރައްވައިފައެވެ. ރައީސް ވިދާޅުވީ ޑޯޓުޑޯގެ ތެރެއިން އެ ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުމާއި، އޭގެން ނަގާ އިންޓަރެސްޓް ކަނޑާލުމަށް ބައެއް މީހުން އެދުނު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެ ނިންމުމާ އެއްގޮތަށް އެސްޑީއެފުން ނަގާފައި ހުރި ލޯނުގެ އިންޓަރެސްޓް ދެން ތިބޭފުޅުން ދައްކާކަށް ނުޖެހޭނެ. އަދި މިހާތަނަށް އިންޓަރެސްޓް ދައްކާފައި ތިބި މީހުންނަށް އަނބުރާ އެ ފައިސާ އަޅުގަނޑުމެން ދޭނަން. އަދި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު މިހާރު އޮތް ދިހަ އަހަރު އިތުރަށް އަޅުގަނޑުމެން ދަންމާލާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވަނީ އަމިއްލަ ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސެއްގެ ގޮތުގައި 7000 ރުފިޔާ ދިނުމަށް ނިންމަވާފައިވާކަން ވެސް އިއުލާންކުރައްވައިފައެވެ.